ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗު ހޯޖޭ ހެސޫސް، އޭނާ ވި ވައުދާ ހިލާފުވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. 

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކްގައި، ޕޯޗުގަލްގެ ޓީމުގެ ދެވަނަ މެޗަށް ފަހު ހެސޫސްއާ މައްސަލަ ޖެހި ރޮނާލްޑޯ ވަނީ ގައުމީ ޓީމު ދޫކޮށް، އެނބުރި ސައުދީ އަރަބިއާ އަށް ގޮސްފަ އެވެ. ގައުމީ ޓީމު ދޫކޮށްލުން އެއީ ހެދުނު ގޯހެއް ކަމަށް އޭނާ އެއްބަސްވި އެވެ. އަދި އެކަމާ ކުޅުންތެރިންނާއި ޕޯޗުގަލްގެ ސަޕޯޓަރުންގެ ކިބައި މައާފަށް އެދޭކަމަށް ރޮނާލްޑޯ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

އޭނާ ބުނީ އެ ހެދުނު ގޯހަށް އަދަބު ލިބިގެން ވިޔަސް ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށެވެ. 

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ސޯޝަލް މީޑިއާގައި އާންމުކުރި ފަސް ސަފްހާގެ އެ ބަޔާނުގައި ބުނެފައިވަނީ، މިދިޔަ މަހު 27 ގައި ނޯވޭއާ ދެކޮޅަށް  އޭނާ ކުޅެން ނެރުވި މެޗަށް ފަހު ޓީމު ދޫކޮށްލީ ކޯޗު ހެސޫސް، އޭނާއަށް ވި ވައުދާ ހިލާފުވުމުން ކަމަށެވެ.

އޭނާ ބުނީ މެޗުގެ ފަހު 30 މިނެޓަށް، ކުޅެން ފުރުސަތު ދޭނެ ކަމަށް ހެސޫސް ބުނި ކަމަށެވެ. ނަމަވެސް އޭނާ ވޯމްއަޕް ހެދި އިރު ވެސް ފުރުސަތު ނުދެ އެވެ. 

"އެންމެންނަށް ވެސް އެނގޭނެ އޭގެފަހުން ވީގޮތް. ހާފްޓައިމުން ފެށިގެން އަހަރެން ވޯމްއަޕް ކުރިން. މިނެޓުތައް ހިނގަމުންދިޔައިރު ވެސް އަހަންނަކަށް ފުރުސަތެއް ނުލިބުނު. ކޯޗު ވަނީ އަހަންނަށް ވި ވައުދާ ޚިލާފުވެފައި،" ރޮނާލްޑޯގެ ބަޔާނުގައިވެ އެވެ. 

ރޮނާލްޑޯ ބުނީ އެ މައްސަލަ އެހާހިސާބުން ނިންމާލުމަށް، މީޑިއާގައި ވަކި ގޮތަކަށް ވާހަކަ ދެއްކުމަށް ހެސޫސްއާ އެކު އެއްބަސްވެވުނު ކަމަށެވެ

މީޑިއާގައި ވަކި ގޮތަކަށް ވާހަކަދެއްކުމަށް ކޯޗާއެކު އެއްބަސްވުމެއް ހެދުނެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވާހަކަދެއްކީ ނުހަނު ހަރުކަށިކޮށް، އޭނާއަށް އިޙްތިރާމް ނެތި ކަމަށް ރޮނާލްޑޯ ބުންޏެވެ. އެއީ ކޯޗު ވައުދާ ހިލާފުވި ދެވަނަ ފަހަރު ކަމަށް، ޕޯޗުގަލްގެ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖަހާފައިވާ ރޮނާލްޑޯ ބުންޏެވެ. 

އޭނާ ބުނީ ގައުމީ ޓީމު ދޫކޮށްލަން ނިންމި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. 

"ގައުމީ ޓީމުގެ ކުޅުންތެރިންގެ ކިބައިން މައާފަށް އެދެން ކޭމްޕު ދޫކޮށް ދެވުނީތީ. ކޯޗާމެދު އޮތް އިތުބާރު އެއްކޮށް ގެއްލުނު ކަމުގައި ވިޔަސް، އަހަރެން އެކަން ކޮށްގެން ނުވާނެ. އޭގެ ފުރިހަމަ ޒިންމާ ނަގާނީ އަހަރެން އަމިއްލައަށް،" ރޮނާލްޑޯ ބުންޏެވެ. 

""ގައުމީ ޓީމުގެ ކުޅުންތެރިންގެ ކިބައިން މާފަށް އެދެން ކޭމްޕު ދޫކޮށް ދެވުނީތީ. ކޯޗާމެދު އޮތް އިތުބާރު އެއްކޮށް ގެއްލުނު ކަމުގައި ވިޔަސް، އަހަރެން އެކަން ކޮށްގެން ނުވާނެ. އޭގެ ފުރިހަމަ ޒިންމާ ނަގާނީ އަހަރެން އަމިއްލައަށް."

ހެދުނު އެ ގޯހަށް އަޅާފިޔަވަޅެއް ގޮތުން ޕޯޗުގަލްގެ ދޭ ކޮންމެ އަދަބަކާ ކުރިމަތިލާން ތައްޔާރަށް ހުރިކަމަށް ރޮނާލްޑޯ ބުންޏެވެ.