ޕޯޗުގަލްގެ ކޯޗު ހޯޖް ހެސޫސްއާ މައްސަލަ ޖެހި، ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގެ ސްކޮޑަށް އޭނާ ނުނެގުމުން،  ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލިކަން ކްރިސްޓިއާނޯ ރޮނާލްޑޯ އިއުލާންކޮށްފި އެވެ.

މިދިޔަ ސެޕްޓެމްބަރު އަދި އޮކްޓޯވަރުގެ ބްރޭކްގައި ނޯވޭއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ލައްވައި ނުކުޅުވައި އޭނާ ބެންޗުގައި ބޭންދުމުން، އެކަމާ ބޮޑާހާކައި ރޮންލްޑޯ ނިންމީ ޓީމުގެ ކޭމްޕް ދޫކޮށްލުމަށެވެ. 

އޭގެ ފަހުން އޭނާ ވަނީ އެކަމާ މައާފަށް އެދިފަ އެވެ. އެކަމަކު އޭނާ ވަނީ ކޯޗު ހެސޫސްއަށް ތުހުމަތުތަކެއްކޮށް، އޭނާ ވީ ވައުދާ ހިލާފުވި ކަމަށް ބުނެފަ އެވެ. މައްސަލައިގައި ޕޯޗުގަލްގެ އެފްއޭއެިން ރޮންލޑޯއަށް އިންޓަނޭޝަނަލް ބްރޭކް ނުހިމެނޭ މުއްދަތެއްލައި 30 ދުވަހަށް ސަސްޕެންޑް ކުރި އެވެ. 

އެ ސަސްޕެންޝަން މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވުމުން، މި މަހު ކުރިމަތިލާ އިންޓަނޭޝަނަލް ވިންޑޯގައި، ޕޯޗުގަލްގެ ގައުމީ ޓީމަށް އަލުން ރޮނާލްޑޯ ނަގާނެކަމަށް ބެލުވުނެވެ. 

އެކަމަކު މިދިޔަ ސީޒަނުގައި އަލް ނަސްރުގައި ރޮނާލްޑޯއަށް އިރުޝާދު ދިން ޕޯޗުގަލްގެ މިހާރުގެ ކޯޗު ހޯޖޭ ހެސޫސް ނިންމީ، މިފަހަރުގެ ގައުމީ ސްކޮޑްގައި ރޮނާލްޑޯ ނުހިމެނުމަށެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި ޑެންމާކާއި ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ޕޯޗުގަލްގެ ސްކޮޑް އިއުލާން ކުރާނީ މާދަމާ އެވެ. އެކަމަކު ސްކޮޑްގައި އޭނާ ނެތްކަން އެނގުމުން، 23 އަހަރުވަންދެން ޕޯޗަގްލަގެ ޓީމަށް ކުޅުނު ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިއަދު އިއުލާން ކޮށްފަ އެވެ. 

އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ލަނޑު ޖަހައިދީފައި ރޮނާލްޑޯ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. 

"ޕޯޗުގަލްގެ ރައްޔިތުންނަށް ބުނެލަން ބޭނުންވަނީ. ޕޯޗުގަލްގެ އެންމެހާ ރައްޔިތުންގެ ހައްގެއް ކަމަށްވާ ގައުމީ ޓީމު، (އެ ޓީމު) ގެ ހަތް ނަންބަރު ޖޯޒީ އަނބުރާ ހަވާލުކުރާނެ ދުވަސް މިއަދު މިވަނީ އައިސްފައޭ. މިއީ އެއްގޮތަކަށްވެސް ފަސޭހަ ނިންމުމެއް ނޫން. ސަބަބަކީ ބައެއް ނިންމުންތަކަކީ ހަމައެކަނި ސިކުނޑިން ނިންމޭނެ ނިންމުންތަކެއް ނޫން. އޭގައި ހިތުގެ ގުޅުން ވެސް ހިމެނޭ،" އިންސްޓަގްރާމްގައި ރޮނާލްޑޯ ލިޔުނެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ޕޯޗުގަލްއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އަމިއްލަ ގައުމުގައި 2004 ގެ ޔޫރޯގެ ފައިނަލަށް އެ ގައުމު ގެންގޮސްދިނުމުގައި އޭރު ޓީމުގެ ޒުވާން ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. އަދި ފްރާންސްގައި 2016 ބޭއްވި ޔޫރޯގެ ތަށީ އޭނާގެ ކެޕްޓަންކަމުގެދަށުން ކާމިޔާބު ކުރި އެވެ. 

ޔޫއެފާ ނޭޝަން ލީގު އަލަތު މުބާރާތް 2019 ގައި އޭގެ ފަހުން އެންމެ އެ މުބާރާތުގެ އެންމެ ފަހު އެޑިޝަން މިދިޔަ އަހަރު ޕޯޗުގަލްގެ ޓީމުން ކާމިޔާބު ކުރީ ވެސް ރޮނާލްޑީޯގެ ބޮޑު ހިއްސާއަކާ އެކު އެވެ. 

"އޮގަސްޓް 2003 ގައި ފެށުނު އަދި އަހަރެންގެ ހަޔާތް މުޅިން ބަދަލުކޮށްލި ދަތުރުގެ ނިމުން މިއަދު މިއައީ. ގޯލުތަކާއި ތަށިތަކާއި އަދި ރެކޯޑުތައް މުސްކުޅިވެ ބަދަލުވި ނަމަވެސް، މީހުންގެ ހިތްތަކުން ލިބުނު ޖާގައަކީ ކިތަންމެ ދުވަހެއް ވިޔަސް ފޫހިކަމެއް ނެތި ހަނދާން ހުންނާނެ އެއްޗެއް. އަހަރެންގެ ގޯލަކުން ނަމަވެސް އުފަލެއް ލިބި، ގައުމާ މެދު ފަހުރުވެރި ވެވުނުނަމަ އަހަރެންމި މަސައްކަތުގެ އަގު ލިބުނީ،" ރޮނާލްޑޯ ލިޔެފައިވެ އެވެ.