ޕޯޗުގަލްގެ ގައުމީ ޓީމުދޫކޮށް ދިޔަ ނަމަވެސް. އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންނަމަ އަލުން އެނބުރި އައުމުގެ ފުރުސަތު އޮންނާނެކަމަށް ކޯޗު ހޯހޭ ހެސޫސް ބުނެފި އެވެ.
މިފަހަރުގެ ނޭޝަން ލީގުގައި، ރޮނާލްޑޯ ބައިވެރިވި ދެ މެޗުގެ ތެރެއިން އޭނާ އަށް ކުޅެން ލިބުނީ އެންމެ މެޗެކެވެ. އަނެއް މެޗުގައި އޭނާ ހުރީ ނުކުޅެ ބެންޗުގަ އެވެ. ތިންވަނަ މެޗާ ކުރިމަތީގައި އޮއްވައި، ރޮނާލްޑޯ ވަނީ އަމިއްލައަށް ސްކޮޑުން ވަކިވެފަ އެވެ.
އެ މުބާރާތުގައި، ރޭ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަމުން ހެސޫސް ބުނީ ގައުމީ ޓީމަށް އެނބުރި އައުމާ މެދު ގޮތް ނިންމަންޖެހޭނީ ރޮނާލްޑޯ ކަމަށެވެ.
"އަހަރެން ދެކޭގޮތުގައި ކުރިއަށް އޮތް ސްކޮޑަށް ކްރިސް [ރޮނާލްޑޯ] ނަގާއިރު އަލް ނަސްރުގައި ކުޅެމުންދާނަމަ، އޭނާއަކީ ޓީމަށް ނެގުމުގެ ފުރުސަތު އޮންނާނެ ކުޅުންތެރިއެއް. އޭނާ ބޭނުންނަމަ އެނބުރި ގައުމީ ޓީމަށް އާދެވޭނެ،" މިދިޔަ ސީޒަނުގައި ރޮނާލްޑޯއަށް ނަސްރުގައި ކޯޗުކޮށް ދިން ހެސޫސް ބުންޏެވެ.
ގައުމީ ޓީމުތަކަށް ހާއްސަ ފީފާގެ ވިންޑޯ ދެން ކުރިމަތިލާނީ އަންނަ މަހު އެވެ. ހެސޫސް ބުނީ މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ރޮނާލްޑޯ ސްކޮޑަށް ނެގުމުގެ ކުރިން އޭނާއާ ވާހަކަ ދެއްކި ކަމަށެވެ. ހަމައެގޮތަށް ދެން އަންނަ އިންޓަނޭޝަނަލް ބްރޭކުގައި ވެސް އޭނާ ގައުމީ ޓީމަށް ނެގުމުގެ ކުރިން ވާހަކަ ދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށް ބުންޏެވެ.
"އޭނާ ބޭނުންނަމަ މިފަހަރުގެ ސްކޮޑު ނެގުމުގެ ކުރިންވެސް އަހަރެމެން ވާހަކަދެއްކި ގޮތަށް ކުރިއަށް އޮތް ސްކޮޑުގެ ކުރިން ވެސް ވާހަކަދެއްކޭނެ. ނަމަވެސް ގޮތެއް ނިންމާނީ ކްރިސް،" ހެސުސް ބުންޏެވެ.
ނޯވޭއިން ލީޑް ނަގާފައިވަނިކޮށް ޕޯޗުގަލްއިން ފަހަތުން އަރައި މެޗު ކާމިޔާބު ކުރީ 2-1 ނަނެވެ. މޮޅާ އެކު ނޭޝަން ލީގުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ވަނީ ޖާގަ ހޯދާފަ އެވެ. ކުއާޓާއިން ޖާގަ ހޯދި ފުރަތަމަ ޓީމަކީ ވެސް އެއީ އެވެ.