މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިނސްޓިއާނޯ ރޮނާލްޑޯ، ގައުމީ ޓީމު ދޫކޮށް ދިޔަ މައްސަލައިގައި 30 ދުވަހަށް ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފި އެވެ.
ޔޫއެފާ ނޭޝަން ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި، އޭނާ ނުކުޅުވި މެޗަށް ފަހު، ރޮނާލްޑޯ ވަނީ ޓީމު ދޫކޮށްލާފަ އެވެ. އޭނާ ޓީމު ދޫކޮށްލީ ކޯޗު ހޯޖޭ ހެސޫސްއާ މައްސަލަޖެހުމުންނެވެ.
ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާގެ މައްސަލަ ބަލާ ކޮމިޓީން ނިންމީ، 30 ދުވަހަށް އޭނާ ސަސްޕެންޑްކޮށް 255 ޔޫރޯ (285 އެމެރިކާ ޑޮލަރު) އިން އޭނާ ޖުރީމަނާ ކުރުމަށެވެ.
އެ އިދާރާއިން ބުނީ، ރޮނާލްޑޯ އަށް ކުރިމަތި ކުރި ޖޫރިމަނާއަކީ އެފްއޭގެ ގަވާއިދުތަކުގެދަށުން އެންމެ ބޮޑު އަދަދަކަށް ކުރެވެން އޮތް ޖޫރިމަނާ ކަމަށެވެ. އަދި ރޮނާލްޑޯ އިސްވެ ކުަށަށް އިއުތިރާފު ވުމުންނާއި މީގެ ކުރިން ޑިސިޕްލިނަރީ މައްސަލަތަކެއް ފެންމަތިވެފައި ނުވުމުން، އޭނާގެ އަދަބު ލުއިކޮށްދީފައިވާ ކަމަށް ވެސް ފެޑެރޭޝަނުން ބުންޏެވެ.
އެ ސަސްޕެންޝަނުގެ މުއްދަތު ގުނަނީ، މިދިޔަ މަހުގެ 30 ފެށިގެން މި މަހު 30 ނިޔަލަށެވެ. ޕޯޗުގަލްގެ އެފްއޭގޭ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލަންފެށުމާ އެކު ރޮނާލްޑޯ ވަގުތީ ގޮތުން ސަސްޕެންޑް ކުރި އެވެ.
އަންނަ މަހު ކުރިމަތިލާ އިންޓަނޭޝަނަލް ބްރޭކްގައި ރޮނާލްޑޯ އަށް ގައުމީ ޓީމުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެއީ ޕޯޗުގަލްގެ ކޯޗު ހެސޫސް އޭނާ ޓީމަށް ނަގައިފިނަމަ އެވެ.
ރޮނާލްޑޯ ތުހުމަތު ކުރި ގޮތުގައި އެންމެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 30 މިނެޓަށް އޭނާ ކުޅެން އަރުވާނެކަމަށް ހެސޫސް ބުނެ އޭނާ އެ ހިލާފުވި އެވެ. އަދި އެ މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ވެސް ހެސޫސް ވާހަކަ ދެއްކީ އޭނާ ވައުދުވި ގޮތާ ހިލާފަށް ކަމަށް ރޮނާލްޑޯ ތުހުމަތު ކުރި އެވެ.
އެކަމަކު، އެކަމާ ހިތްހަމަނުޖެހި ގައުމީ ޓީމު ދޫކޮށްލުމަކީ އޭނާ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރޮނާލްޑޯ ބުންޏެވެ. އެ ހެދުނު ގޯހަށް އިއުތިރާފުވެ، އޭނާ މައާފަށް ވެސް އެދުނެވެ. އެވެ.
މިދިޔަ ސީޒަނުގައި އަލް ނަސްރުގައި ރޮނާލްޑޯއަށް ކޯޗުކޮށް ދިން ހެސޫސް އާއި ރޮނާލްޑޯއާ ދެމެދު އުފެނުނު މައްސަލަ ހައްލުވާނެ ކަމަށް ޕޯޗުގަލްގެ އެފްއޭއިން އުއްމީދު ކުރެ އެވެ.
އެ އިދާރާގެ ރައީސް ޕެޑްރޯ ޕްރޮއެންސާ ވިދާޅުވީ ރޮނާލްޑޯއަކީ އަދިވެސް ޕޯޗްގަލްގެ ކެޕްޓަން ކަމަށެވެ. އަދި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ވެސް އޭނާ ކަމަށް ޕްރޮއެންސާ ވިދާޅުވި އެވެ.