ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ އާ ކޯޗު، އިިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ރާއްޖެ އައިސް ރަސްމީކޮށް ގައުމީ ޓީމާ މިއަދު ހަވާލުވެއްޖެ އެވެ.

އިންޓަ މިލާނަށް ކުރިން ކުޅުނު މިޑްފީލްޑަރު މިއަދު ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އަށް ޒިޔާރަތްކޮށް، އެ އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ އުމަރާއި ޓެކްނިކަލް ޑައިރެކްޓަރު އަހްމަދު ޝަރީފު (ޑުންގާ) އާ ބައްދަލު ކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ އާ ކޯޗުގެ ގޮތުގައި މޮރިއޭރޯ ތާރަފުކޮށް ދެއްވައިފަ އެވެ. ނަމަވެސް އޭނާއާއެކު އެފްއޭއެމުން ސޮއިކުރީ ކިހާ ދުވަހެއްގެ މުއްދަތަކަށް ކަމެއް ބައްސާމް އަދި ހާމައެއް ނުކުރައްވަ އެވެ.

ނަމަވެސް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެފްއޭއެމުން ވަނީ މޮރިއޭރޯއާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން އެއްބަސްވެފަ އެވެ.

އިޓަލީގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު މޮރިއޭރޯ ވަނީ ދުނިޔޭގެ އުފެދުނު އެންމެ މޮޅު ސްޓްރައިކަރު ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯއާއެކު އިންޓަ އަށް ކުޅެފަ އެވެ. ނަޕޯލީ އާއި ރޯމާ އަށް ވެސް ކުޅުނު އިޓަލީގެ ކުރީގެ ކުޅުންތެރިޔާ މޮރިއޭރޯ ވަނީ ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު ސްކޮޑްގައި ހިމެނިފަ އެވެ.

ކޯޗެއްގެ ގޮތުގައި މޮރިއޭރޯ 52، އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގަ އެވެ. ގައުމުން ބޭރުގައި އޭނާގެ ފުރަތަމަ ތަޖުރިބާ އަކީ އައިވަރީ ކޯސްޓްގެ ކްލަބް، އެފްރިކާ ސްޕޯޓްސްގައި ކުރި މަސައްކަތެވެ. މޮރިއޭރޯ ވަނީ އިޓަލީގެ ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަން ކަމަށްވާ، ސެރީ ބީ އަދި ސެރީ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފަ އެވެ. އަދި ސްވިޒަލެންޑްގެ ކްލަބު ލުގާނޯ އަށް ވެސް ކޯޗު ކޮށްދިނެވެ.

މޮރިއޭރޯ (ކ) ރޮނާލްޑޯ (ވ) ގައި ބައްދާލައިގެން --
މޮރިއޭރޯ (ކ) ރޮނާލްޑޯ (ވ) ގައި ބައްދާލައިގެން --

ގައުމީ ޓީމަށް މޮރިިއޭރޯ ގެންނަން އެފްއޭއެމުން އެއްބަސްވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. މިދިޔަ ހަފުތާގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގެ ކުރިން ވެސް އެފްއޭއެމުން ވަނީ މޮރިއޭރޯއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

އެފްއޭއެމުން ފުރަތަމަ މަސައްކަތް ކުރީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ދިވެހި ގައުމީ ޓީމު ގަތަރުގައި ކޭމްޕް ކުރިއިރު، އެ ގައުމުގެ ޓްރެއިނިން ކޭމްޕަށް މޮރިއޭރޯ ގެންގޮސް ޓީމު އޮބްޒާވް ކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕްގައި ވެސް ގައުމީ ޓީމުގެ މެޗުތައް ބަލަން ފުރުސަތު ދީ، ޓީމުގެ ހާލަތު ދެނެގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެފްއޭއެމުން އޮތީ ނިންމައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބައްސާމް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އާ ކޯޗާއެކު އެއްބަސް ވެފައިވާ ކަމަށާއި ރާއްޖެ އައިސް ގަތަރުގެ ޓްރޭނިން ކޭމްޕަށް ވެސް ޒިޔާރަތް ކުރާނެ ކަމަށެވެ.

"މާ ގިނަ ދުވަސްތަކެއް ނުވެ ކޯޗު މާލެ އައިސް ޓީމާ ޖޮއިން ކުރަން ގަތަރަށް ވެސް ދާނެ. އެހެން ނަމަވެސް ސާފް ޗެމްޕިއަންޝިޕް ނިމެންދެން ކޯޗުގެ މަސައްކަތަކަށް ވެގެން ދާނީ ކުޅުންތެރިން ދެނެގަތުމާއި ޓީމު ކުޅޭ ގޮތް ދެނެގަތުން،" ބައްސާމް އޭރު ވިދާޅުވެފައި ވެ އެވެ.

އެކަމަކު، މޮރިއޭރޯ އަށް ރާއްޖެ އާދެވުނީ ސާފް ޗެމްޕިއަންޝިޕް ވެސް ނިނުމު ފަހުންނެވެ. އޭރު ވެސް ބައްސާމް ވިދާޅުވީ، ލަންކާގައި އަންނަ މަހު ބާއްވާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ މޮރިއޭރޯ ކަމަށެވެ. އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ލަންކާ އާއި ބަންގްލަދޭޝް އަދީ ޝީޝެލްސް އެވެ.

މޮރިއޭރޯ އަކީ ދިވެހި ގައުމީ ޓީމާ މި އަހަރު ހަވާލުވި ތިން ވަނަ ކޯޗެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން އޯގަސްޓް މަހު މަގާމުން ވަކިކޮށް، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ނިޔަަލަށް ގައުމީ ޓީމު ހަވާލު ކުރީ ތަޖުރިބާކާރު ދިވެހި ކޯޗު އަލީ ސުޒޭންއާ އެވެ. ނަމަވެސް އެ މުބާރާތުގައި އޭނާ އަށް ދިވެހިންނަށް ކާމިޔާބު ހޯދައެއް ނުދެވުނެވެ.

މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތުގެ ތާވަލު:

- ނޮވެމްބަރު 8: (ހަވީރު) ބަންގްލަދޭޝް - ސީޝެލްސް.

- ނޮވެމްބަރު 8: (ރޭގަނޑު) ސްރީ ލަންކާ - ދިވެހިރާއްޖެ.

- ނޮވެމްބަރު 11: (ހަވީރު) ބަންގްލަދޭޝް - ދިވެހިރާއްޖެ.

- ނޮވެމްބަރު 11: (ރޭގަނޑު) ސްރީ ލަންކާ - ސީޝެލްސް.

- ނޮވެމްބަރު 14: (ހަވީރު) ސްރީ ލަންކާ - ބަންގްލަދޭޝް.

- ނޮވެމްބަރު 14: (ރޭގަނޑު) ސީޝެލްސް - ދިވެހިރާއްޖެ.

- ނޮވެމްބަރު 17: (ރޭގަނޑު) ފައިނަލް މެޗު.

އެ މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.