ސްރީ ލަންކާގައި އުޅޭ ދިވެހިންނަށް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައި ދެއްވައިފި އެވެ.
ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ލަންކާގައި ފެށީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ އެމްބަސީއަށް ވަޑައިގެން އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ އެވެ.
އެ ހިދުމަތް ފެށުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓުގެ ހިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.
ކިޔެވުމާއި އެކި ބޭނުންތަކުގައި ލަންކާގައި 1،900 އެއްހާ ދިވެހިން ދިރިއުޅެމުންދެ އެވެ.
ލަންކާގައި ދިވެހި ޕާސްޕޯޓު ދޫކުރަން ފެށިއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް މިދިޔަ އަހަރުގެ އޭޕްރީލް 28 އިން ފެށިގެން މެލޭޝިއާގައި ވެސް ދަނީ ދެމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި އެ ހިދުމަތް ދޭން ފެށި ފުރަތަމަ ގައުމެވެ.