ހާލަތު މުޅިން ބަދަލުކޮށްލަން ކުރާ މަސައްކަތުގައި ރާއްޖޭން ބަލަނީ [ހަމަ އެކަނި] އެތެރެއަށް ނޫން ކަމަށާއި އަވަށްޓެރިންނާއި ބައިނަލް އަގުވާމީ ބައިވެރިންގެ އެ މަސައްކަތުގައި ބައިވެރިވާން އެދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނަށް ބޭއްވި "މޯލްޑިވްސް-ސްރީ ލަންކާ ބިޒްނަސް ފޯރަމް" ގައި ރައީސް ވިދާޅުވީ މިހާރަށް ވުރެ ތަަނަވަސް އަދި މިހާރަށް ވުރެ ބޮޑަށް ގުޅިފައިވާ ރެޒީލިއަންޓް، ތަަނަކަށް އިންޑިއާ ކަނޑުގެ ސަރަހައްދު ހަދަން އަވަށްޓެރިންނާއި ބައިނަލް އަގުވާނީ ބައިވެރިން ބައިވެރިވާން ރާއްޖޭން އުއްމީދުކުރާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެ ހުޅުވާލާފައި އޮތީ ހަމައެކަނި ވިޔަފާރިއަަށް ނޫން ކަމަށާއި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހޯދާ ކުރިއެރުމުގެ މުސްތަގުބަލް ބައްޓަން ކުރުމުގައި ރާއްޖޭން އަމަލީ ގޮތުން ބައިވެރިވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި، ގޫގުލް އިން ރާއްޖޭގައި ކުރި "ދިވަރު" އިންވެސްޓްމެންޓް ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދެފަރާތުގެ ވެސް މުސްތަގުބަލު ބައްޓަންކޮށްދޭ ޕާޓްނަޝިޕްތަަކަށް ރާއްޖެ އޮތީ ހުޅުވާލާފައިފަ އެވެ.
"އަޅުގަނޑުމެން މި ހޯދާ ބަދަލަކީ [ޓްރާންސްފޯމޭޝަން] އަކީ ރާއްޖޭގެ އެތެރެއަށް ބަލާ ބަދަލެއް ނޫން، މިހާރަށް ވުރެ ބޮޑަށް ގުޅާލެވިފައިވާ، އިންޑިއާ ކަނޑުގެ ސަރަހައްދަކީ މިހާރަށް ވުރެ ރެޒީލިއަންޓް އަދި މިހާރަށް ވުރެ ތަނަވަސްތަނަކަށް ހަދަން މިއަދު މިތަނަށް ވަޑައިގެން ތިއްބެވި އަވަށްޓެރިންނާއި ބައިނަލްއަގުވާމީ ބައިވެރިން ބައިވެރިވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ސްރީލަންކާ އަކީ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ސްރީ ލަންކާގެ ވިޔަފާރިތައް ރާއްްޖޭގެ ޓޫރިޒަމްގައި މުހިއްމު ދައުރެއް މިހާރު ވެސް އަދާކުަރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ލަންކާގައި ހިންގާ ބައިނަލް އަގުވާމީ ކުންފުނިތައް ވެސް ހިމެނޭ ގޮތުން އެ ވިޔަފާރިތަކަށް ރާއްޖޭގައި ރަނގަޅު ފުރުސަތުތައް އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު މި ދައުވަތު ދެނީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގައި އަޅުގަނޑުމެންނާ އެކު މަސަައްކަތްކުރަން، ދެމެހެއްޓެނިވި ޓޫރިޒަމް މަޝްރޫއުތަކުގައި އަޅުގަނޑުމެންނާ ބައިވެރިވާން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޑިޖިޓަލް އިނޮވޭޝަން އާއި ފުޑްސެކިއުރިޓީ ފަދަ ދާއިރާތައް ފުޅާކުރުމުަގައި ބައިވެެރިވާން ވެސް އެ މަނިކުފާނު ގޮވާލެއްވި އެވެ.