ސްރީ ލަންކާއާ އެކު، ހަތް ދާއިރާއަކުން އެއްބަސްވުންތަކުގައި މިއަދު ސޮއިކުރެއްވި ކަމަށާއި އޭގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ހަގީގީ މަންފާ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި މުހިއްމު ދާއިރާތަކުން ވެސް އެއްބަސްވުން ހެދި އެވެ. 

ގިނަ ދާއިރާތަކަކުން ދެ ގައުމު ގުޅިގެން ކުރިއަށް ދިއުމަށް ނިންމެވިއިރު ރައީސް ވިދާޅުވީ އޭގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ސިއްހީ ދާއިރާ އާއި ޑިފެންސް، ސެކިއިރިޓީ އާއި ތައުލީމާއި ކުޅިވަރާއި މަސްވެރިކަމާއި ތިމާވެށީގެ އިތުރުން އިޖުތިމާއީ ތަރައްގީއާ ގުޅޭ ކަންކަން ހިމެނޭ ކަމަށެވެ. 

އެ މަނިކުފާނު ވިދާޅުވީ މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާތަކެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އިންވެސްޓަރުންނާ ގާތް މާހައުލެއް ގާއިމުކުރުމާއި ވިޔަފާރީގެ އާ ފުރުސަތުތަކެއް ފަހިކުރުމަށް ވެސް ދެ ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މާދަމާ ލަންކާގައި ބާއްވާ ބިޒްނަސް ފޯރަމަކީ ރާއްޖެ-ލަންކާ ގުޅުވައިދޭނެ މަގެއް ކަމަށާއި އެއީ ރާއްޖޭގައި ހުރި ފަހި ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް ލިބޭނެ ފޯރަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.  

ރައީސް ޑރ، މުހައްމަދު މުއިއްޒު ލަންކާގެ ރައީސްއާ ސަލާމްކުރައްވަނީ.
ރައީސް ޑރ، މުހައްމަދު މުއިއްޒު ލަންކާގެ ރައީސްއާ ސަލާމްކުރައްވަނީ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި މަސްވެރި އުފެއްދުންތައް ލަންކާގެ މާކެޓަށް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރެވެ އެވެ. ދެ ގައުމުގެ އިގުތިސާދީ ގުޅުން އެއްހަމަކޮށް، އޭގެ ސަަބަބުން ދެ ގައުމަށް ވެސް އެއް ވަރަކަށް ފަހި ފުރުސަތު ލިބޭނެ ގޮތެއް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

މޫސުމީ ގޮތުން ކުރިމަތިވާ ކަންކަމާ ގުޅިގެން ދެ ގައުމަށް ވެސް ނުރައްކާ އޮތްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުން އެކަމަށް ވަކާލާތު ކުރުމާއި އެކަމާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ކުރެއްވުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ. 

ރައީސް މުއިއްޒަށް ލަންކާ އިން މަރުހަބާ ދަންނަވަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަ އެކު.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒަށް ލަންކާ އިން މަރުހަބާ ދަންނަވަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަ އެކު.---ފޮޓޯ: ރައީސް އޮފީސް

މިއީ ރާއްޖެ އާއި ލަންކާގެ ގުޅުމުގެ މުޅިން އާ ބާބެއް ފެށޭ ދުވަހެއް ކަމަށާއި ރާއްޖެ ދެމި އޮންނާނީ އެ ގުޅުން އަބަދުވެސް ބަދަހިކުރުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެ ގައުމުން އެކުގައި މަސައްކަތް ކުރާނީ އެ ގުޅުމުން ހަގީގީ ނަތީޖާއެއް ނެރެވޭނެ މަސައްކަތްތަކެއްކޮށް އޭގެ ސަބަބުން ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.