ސްރީ ލަންކާގެ ދެހިވަލާގެ ކަލުބޯވިލާއަށް ނިސްބަތްވާ، މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ ޝިރާން ބަސީކް ދުބާއީން ހައްޔަރުކުރުމަށް ފަހު ލަންކާއާ ހަވާލުކޮށްފި އެވެ.
ކޮލަމްބޯގެ ސެންޓްރަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ (ސީސީއައިބީ) އާ ޝިރާން ބާސިކް ބުރާސްފަތި ދުވަހުގެ ރޭ ހަވާލުކުރި އިރު، ރާވައިގެން ޖަރީމާތައް ހިންގުމުގައި ބައިވެރިވާ ކަމަށް ބެލެވޭ އިތުރު ދެ މީހަކު ވެސް ވަނީ އޭނާއާ އެކު ހަވާލުކުރި އެވެ.
އުމުރުން 48 އަހަރުގެ ޝިރާން ބަސީކް ހޯދަން އޮތީ އިންޓަޕޯލްގެ 'ރެޑް ނޯޓިސް' ވެސް ނެރެފަ އެވެ. އޭނާ ޔޫއޭއީ އަށް ދަތުރުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.
ދުބާއީ ފުލުހުން މޭ 26 ގައި އޭނާ ހައްޔަރުކުރީ އީރާން-އެމެރިކާގެ ހަނގުރާމައިގެ ތެރޭގައި އީރާނުން ޔޫއޭއީއަށް ހަމަލާ ދިނުމަށް ބޭނުންކުރި ކަމަށް ބުނާ ޑްރޯންތަކާއި މިސައިލްތަކުގެ ފޮޓޯ އާއި ވީޑިއޯ ފުޓޭޖް އޭނާގެ މޮބައިލް ފޯނުން ފެނުނު ކަމަށް ބުނާ މައްސަލައެއްގަ އެވެ.
ހަމަލާތަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ އާންމުކުރުން ޔޫއޭއީގައި އޮތީ މަނާކޮށްފަ އެވެ. އަދި އެފަދަ ތަކެތި ސޯޝަލް މީޑިއާގައި ދައުރުކުރި އެތައް ހާސް ބަޔަކާ މެދު ވަނީ ފިޔަވަޅު އަޅައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޝިރާން ބާސިކްގެ މައްޗަށް، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ހަތިޔާރާއި ނުރައްކާތެރި ތޫނު އެއްޗެހި ގެންގުޅުމާއި، ޣައިރު ގާނޫނީ ޖަމާއަތްތަކުގައި ބައިވެރިވުމާއި، ގެއްލުންދިނުމުގެ ތުހުމަތުތައް ކުރެެވެ އެވެ. މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރި އާއި އިންތިޒާމުވެގެން ހިންގާ އެކި ޖަރީމާތަކުގެ ތެރެއިން ހޯދާފައިވާ ކަމަށް ބެލެވޭ ޣައިރު ގާނޫނީ މުދަލާ ގުޅޭގޮތުން ވެސް އިތުރު ތަހުގީގުތައް ހިންގާނެ ކަމަށް ފުލުހުން ބުންޏެވެ.