ސްރީ ލަންކާގެ ސަރުކާރަށް އޮތް ތާއީދު އިންތިހާބަށްފަހު 65 ޕަސެންޓުގައި ހުރުމަށް ފަހު މިހާރު ވަނީ 50 ޕަސެންޓަށް ދަށްވެފައި ކަމަށާއި އެންމެ ބޮޑު ސަބަބަކީ އިގްތިސާދީ ހާލަތާ މެދު އޮތް ކަންބޮޑުވުން ކަމަށް ވެރިތޭ ރިސާޗުގެ "މޫޑް އޮފް ދަ ނޭޝަން" ދިރާސާއިން ދައްކައިފި އެވެ. 

ޖުލައި މަހުގެ ސާވޭއިން ދައްކާގޮތުގައި ސަރުކާރުގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ މީހުންގެ ނިސްބަތަކީ 49.83 ޕަސެންޓެވެ. މިއީ ފެބްރުއަރީ މަހު ހުރި 65 ޕަސެންޓާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. ސަރުކާރުގެ މަސައްކަތްތަކާމެދު ހިތްހަމަނުޖެހޭ ކަމަށް 31.40 ޕަސެންޓް މީހުން ބުނެފައިވެ އެވެ.

އިގްތިސާދީ ހާލަތާމެދު އާންމުންގެ ދެކޭގޮތް

  • އިގްތިސާދީ ހާލަތު "ރަނގަޅުވަމުންދާ" ކަމަށް ގަބޫލުކުރާ މީހުންގެ ނިސްބަތް ވަނީ 64 ޕަސެންޓުން 41.63 ޕަސެންޓަށް ދަށްވެފަ އެވެ.
  • އިގްތިސާދު "ގޯސްވަމުންދާ" ކަމަށް ގަބޫލުކުރާ މީހުންގެ ނިސްބަތް ވަނީ ކުރީގެ 15 ޕަސެންޓުން 40.29 ޕަސެންޓަށް އިތުރުވެފަ އެވެ.
  • ސާވޭގައި ބައިވެރިވި މީހުންގެ 55.59 ޕަސެންޓް މީހުން ގައުމުގެ މިހާރުގެ އިގްތިސާދީ ހާލަތު ސިފަކޮށްފައިވަނީ "ދެރަ" ހާލަތެއްގެ ގޮތުގަ އެވެ. އަދި ހާލަތު "ރަނގަޅު" ނުވަތަ "ވަރަށް ރަނގަޅު" ކަމަށް ބުނެފައިވަނީ 38 ޕަސެންޓް މީހުންނެވެ.

އާންމުންގެ ދެކޭގޮތަށް އައި ބަދަލާ އެކު، އިގްތިސާދަށް އޮތް އިތުބާރުގެ އިންޑެކްސް ނުވަތަ އިކޮނޮމިކް ކޮންފިޑެންސް އިންޑެކްސް ވަނީ ނެގެޓިވް 8 އަށް ދަށްވެފަ އެވެ. މި އިންޑެކްސް 2024 ގެ މެދުތެރޭގައި ނެގެޓިވް 39 ގައި ހުރުމަށްފަހު، ފެބްރުއަރީ 2025 ގެ ފަހުން ހުރީ ޕޮޒިޓިވްގަ އެވެ. 

މި ދިރާސާކޮށްފައި ވަނީ ޖުލައި 11 އިން 30 އަށް، މުޅި ގައުމު ތަމްސީލުވާގޮތަށް ރޭންޑަމްކޮށް ނެގި 2،013 މީހުންނާ ސުވާލުކޮށްގެންނެވެ. 

ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ތަކެތި އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހުސްވެ 2022 ވަނަ އަހަރުގެ އޭޕްރިލް މަހު ލަންކާއިން ވަނީ 46 ބިލިއަން ޑޮލަރުގެ ދަރަންޏާ އެކު ބަނގުރޫޓުވެފަ އެވެ. އެކަމުން ސަލާމަތްވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލް އައުޓް ހޯދައި 2.9 ބިލިއަން ޑޮލަރުގެ ލޯނަކާ އެކު އިގްތިސާދު ހަމަޔަކަށް އަޅުވަން ލަންކާއިން މަސައްކަތްކުރަމުން އަންނަނީ އައިއެމްއެފްގެ ޝަރުތުތަކަށް ތަބާވަމުންނެވެ. 

ލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރަ ޑިސެނަކަ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ކުރީގެ ސަރުކާރުން އައިއެމްއެފްގެ ބެއިލްއައުޓް ހޯދައި ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން ރައްޔިތުން ބިކަވަމުންދާ ކަމަށް ބުނެ އެކަން ނިމުމަކަށް ގެންނަން އައިއެމްއެފާ ވާހަކަ ދައްކާނެ ކަމުގެ ވައުދާ އެކުގަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ނިންމެވީ ގައުމަށް އެންމެ ފައިދާހުރި ގޮތަކީ އައިއެމްއެފާ އެކު ކުރިއަށް ދިއުން ކަމަށެވެ.