ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރަން އަންނަ އަހަރަށް 10 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ގައުމުގެ މުސްތަގުބަލަށްޓަކައި ރަނގަޅު ސިއްހީ ހިދުމަތަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް އިސްކަން ދިނުމުގެ ގޮތުން 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޒަރީރު ވިދާޅުވީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކާއި އެ ފެންވަރަށް ތަރައްގީކުރާ ހޮސްޕިޓަލްތަކަށް އަންނަ އަހަރު "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

ޕީއެސްއެމްއިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި އާ ގްރޫޕެއް އުފައްދަނީ ހަރުދަނާ އަދި ހަރަދު ކުޑަކޮށް ކަންކަން ކުރުމަށް ކަމަށެވެ.

އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އަދި އާއްމުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް، އެ މީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށްދިނުމަކީ ވެސް އެ ބަދަލު ގެނައުމުގެ އެއް ބޭނުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ، ކުރިއަށް އޮތް ތިން މަސް ދުވަސް ނުވަތަ އެންމެ ގިނަވަގެން ހަތަރު މަސްދުވަހުގެ ތެރޭގައި އާ ނިޒާމުގެ ދަށުން ހޮސްޕިޓަލްތައް ގުޅާލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

މިނިސްޓަރު ޒަރީރު ވިދާޅުވީ އެކަންކަމުގެ އިތުރުން ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އާއި ސާމާނުތައް ވެސް ހަރުދަނާ ނިޒާމެއްގެ ދަށުން ހޯދަން އިސްކަންދީފައިވާ ކަމަށެވެ.

"ސްޓޭޓް ފާމާ" މެދުވެރިކޮށް ބޭސް ހޯދުމުގެ ނިޒާމު ހަރުދަނާ ކުރުމާއެކު ހަރަދު ކުޑަކޮށް އަސާސީ ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެކޯ ޗެމްބަރާއި އެކްސް-ރޭ އާއި ސީޓީ ސްކޭންގެ އިތުރުން އެމްއާރްއައި އާއި ދަތުގެ ފަރުވާ އަދި ކަރުންމަތީގެ ބަލިތަކާއި އަންހެނުންގެ ބަލިތަކާއި ދަރިމައިވުމާގުޅޭ ހިދުމަތްތައް ހަރުދަނާކުރަން ވެސް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.