ފާމަސޫޓިކަލް ކުންފުންޏަށް ގިނަ އަދަދެއްގެ ފާމަސިސްޓުން ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ މާލޭގައި މަސައްކަތްކުރަން ފާމަސިސްޓުންނާއި ފާމަސިސްޓުންގެ އެސިސްޓެންޓުންގެ ގޮތުގައި 19 މީހުން ބޭނުންވާ ކަމަށެވެ. އެކަމަށް އެދި މި މަހުގެ 30 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

އެ މަގާމުގެ ޝަރުތުތަކަށް ފާމަސީގެ ރޮނގުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލްކުރުމާއި އެ ދާއިރާއިން 1-4 އަހަރުގެ ތަޖުރިބާ ލިބިފައި ހުރުން ހިމެނެ އެވެ. 

މުސާރައަށް ކަނޑައަޅާފައިވަނީ 12،000ރ.-15،000ރ. އެވެ. 

ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މިހާރު ގެންނަނީ އެސްޓީއޯއިންނެވެ. ނަމަވެސް،  ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި"ގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަކި ކުންފުންޏެއް އުފައްދައިފަ އެވެ. އެކަމަކު، އެ ކުންފުނީގެ ދަށަށް ހުރިހާ މަސައްކަތެއް ބަދަލުވާނީ އަންނަ ޖުލައި އެކަކުން ފެށިގެންނެވެ.

ސްޓޭޓް ފާމައިން މިހާރު މަސައްކަތް ކުރަނީ އެ ކުންފުނީގެ ފުރަތަމަ ބޭސް ފިހާރަ، އައިޖީއެމްއެޗްގައި ހުޅުވާށެވެ. އެ ތަން ހުންނާނީ، އައިޖީއެމްއެޗްގައި އެސްޓީއޯއިން ފުރަތަމަ ބޭސް ފިހާރަ ހިންގި ތަނުގަ އެވެ.