(އާދިއްތަ ދުވަހާ ގުޅޭ)
އާދަނު ބޭނުން ކަމެއް އޮތެވެ.
"ކާއެތިކޮޅެއް ލިބުނިއްޔާ ވަރަށް ރަނގަޅު،" އާދަނު ބުންޏެވެ. "ވަރިހަމަ ފެންބަތްކޮޅެއް އެކަނި ވިޔަސް."
"ތީ ވެސް އުނދަގޫ ކަމެއް،" އިރުކޮޅަކަށް ފަހު މަނިއްޕުޅު ވިދާޅުވިއެވެ. "އެކި ދަންފަޅީގަ އެކި މީހުން ތިބޭނީ. އެންމެނެއް އަހަންނަކަށް ވަފާތެރިއެއް ނުވާނެ. އާދަނަށް ވިސްނޭނެ މި ބުނަނީ ކީކޭކަން. އެހެން ކަމެއް އޮތިއްޔާ ބުނޭ!"
ދެން ވެސް އާދަނު ބޭނުން އެތައް ކަމެއް ހުއްޓެވެ. އަވިކޮޅެއްގައި ޖެހިލުމެވެ. ވައިރޯޅިއެއް ގައިގައި ބީހިލުމެވެ. އުޑާއި ކަނޑު ބަލައިލުމެވެ.
"ކިތަންމެ ކުޑަ އިރުކޮޅަކަށް ނަމަވެސް އަތިރިމައްޗަށް އަހަރެން ނެރިލަދީ!" އާދަނު ބުންޏެވެ. "މިހާރު ގައިމު ތެދުވެގެން ދުއްވައެއް ވެސް ނުގަނެވޭނެ. ފަޔަކު ނެތް ވަރެއް. އަދި ވެސް ހުޅުން ނެއްޓިފަ މި އޮތީ!"
އެ ވާހަކަ އިވިވަޑައިގަތުމުން ދޮށީ މަނިއްޕުޅު ކީރިތިކުރެއްވިއެވެ.
"އެއްވެސް ކަމެއް އަހަންނަކަށް ކޮށެއް ނުދެވުނު. އެހެންވެ ތި ކަން ކޮށްދޭނަން،" މަނިއްޕުޅު ވަރަށް ޔަގީންކަމާ އެކުގައި ވިދާޅުވިއެވެ. "ޔަގީނުން ވެސް ހަފުތާއަކު އެއް ފަހަރު އާދަނު އަތިރިމައްޗަށް ނެރެދޭނަން. ހިތްވަރު ކުރާތި އާދަނާ!"
ހަވީރު ވާން އުޅެނިކޮށް ސިފައިންގެ ދެ މީހުން އައެވެ. އަނދަގޮނޑިޖަހާފައި އޮތް އާދަނުގެ ފައި މިނިވަންކުރިއެވެ.
"ތެދުވޭ އާދަނާ! އަހަރުމެންނާ އެއްކޮށް އަތިރިމައްޗަށް ހިނގާ!" އެކަކު ބުންޏެވެ.
އާދަނު ތެދުވަން މަސައްކަތްކުރިއެވެ. އެކަމަކު ހުޅުން ނެއްޓިފައިވާ ފައި ގުޑުވައެއް ނުލެވުނެވެ. އެ ފަޔަކު އިހުސާސެއް ނެތެވެ. އާދަނު ގަޔަކު ވަރެއް ވެސް ނެތެވެ. ތެދުވެވޭތޯ އާދަނު ވަރަށް މަސައްކަތްކުރިއެވެ.
"އިހަށް އޮވޭ! އެބަ އަންނަން." ސިފައިންގެމީހާ ބުންޏެވެ.
ކުޑަ އިރުކޮޅަކުން އަނެއްކާ ވެސް އެ ދެ މީހުން އައެވެ. އެ ފަހަރު އައީ ގޯންޏެއް ހިފައިގެންނެވެ. ގޯނީގެ ހަތަރު ކަނުގައި ހަތަރު މަޅިގަނޑު ހުއްޓެވެ. ގޯނި ބޭއްވީމައި އާދަނު ދެމެމުން ގޮސް ގޯނީގައި އޮށޯތެވެ. ރަނގަޅަށް ހަމަޖެހިލިއެވެ. ސިފައިން ގޯނީގެ މަޅިތަކަށް ދަނޑިއެއް މަހައި، ތަންޑިޔާލާފައި އާދަނު އުފުއްލައިލިއެވެ.
"ހިޔެއް ނުވޭ މީހަކު އޮތް ހެނެއް ވެސް." އެކަކު ބުނި އަޑުއިވުނެވެ.
"ތި ވާނީ ކަލޭމެން ބާރު ގަދައީ ކަމަށް." އާދަނު ސަމާސާކޮށްލިއެވެ.
"ކަލޭ ހިތްވަރުގަދައީ އާދަނާ!" އަނެކަކު ބުނެލިއެވެ. "އެންމެން ދައްކަނީ ކަލޭގެ ވާހަކަ."
އަތިރިމަތި އޮންނަނީ ބަނޑޭރިގޭގެ ސީދާ ކުރިމަތީގައެވެ. އާދަނު ގޮވައިގެން ބަނޑޭރިގެއިން ނުކުމެގެން ގޮސް އަތިރިމަތީގައި، ރާޅު ނުފޯރާ ފަށުގައި ބޭއްވިއެވެ. ގަސްތަކު ތެރެއިން ފުރޭނިގެން އައި ކޮކާއަތްވާއި ކާޅު ގޮވާ އަޑާއި ކަނޑުން އަރައިގެން އައި ތާޒާ ރޯޅި އާއި ނޫކުލައިގެ އުދަރެހުން އާދަނުގެ ހިތް ފުރުނު ކަހަލައެވެ. ﷲއަށް ހަމްދުކޮށް ޝުކުރުކުރެވުނެވެ. އަތިރިމައްޗަކީ އާދަނު އުޅެ ބޮޑުވި ތަނެވެ. މޫދަކީ އާދަނުގެ އެންމެ ގާތް އެކުވެރިޔާއެވެ. މަސްބާނައި، ފީނައި، އަތިރިމަތީގައި މަޅިފަތިޖަހައި އުޅުނު ހަނދާންވުމުން އާދަނު ފެންކަޅިވިއެވެ. ނިޔާވެފައިވާ މަންމަ މަތިން ހަނދާންވިއެވެ. ދިރިހުރި ބައްޕަ އާއި ކާފަ އާއި އައިލާ އެންމެން މަތިން ހަނދާންވިއެވެ. ހަފީޒާގެ ފަޅުކަން އިންތިހާއަށް އިހުސާސް ކުރެވުނެވެ. އެ ހުރިހައި ކަމަކާ އެކުގައި ވެސް، ލިބުނު ހިތްހަމަޖެހުން ވަކި ކުޑައެއް ނުވިއެވެ.
އުފަލަކަށް ފަހު އާދަނަށް އަނެއްކާ ވެސް އައީ ހިތާމައެކެވެ. ޖެހިގެންއައި ދުވަހު ޔޫސުބެއް ނުހޭލިއެވެ. އަށިގޭގެ ފުރަތަމަ ދުވަހުއް ސުރެ ބިރާއި ހިތާމަ ތަހައްމަލުކުރި ޔޫސުބަކަށް ދެތިން ހަފުތާގެ އަނިޔާ ތަހައްމަލެއް ނުކުރެވުނެވެ. އާދަނު ލަފާކުރި ގޮތުގައި ޔޫސުބު މަރުވީ ދަންވަރުއެވެ. ގައިގެ އެތައް ތަނެއް ފާރުވެފައިވާ ޔޫސުބުގެ ގަޔަށް އޮތީ ހިނި އަރައިފައެވެ.
"އަހަރުމެން އެންމެންނަށް ވެސް ވާނީ މިހެން،" މާޔޫސްވެ، ވަރުބަލިވެފައިވާ ދޮހޮއްކޮ ބުންޏެވެ. "ހަމީދު ބޭނުންވަނީ މިހެން ވާން."
"އަހަރެން ބޭނުމެއް ނޫން މި ތާ އޮވެ މަރުވާކަށް،" ދޮންމަނިކު ބުންޏެވެ. "ދެން ސުވާލުކުރާ ފަހަރަކު އެ މީހުން ބުނާ ހުރިހާ ކަމަކަށް އަހަރެން އެއްބަސްވާނަން. ވަރިހަމަ ހަދަހަދައިގެން ވާހަކަ ދައްކަން ޖެހުނަސް."
"އެއްކަލަ ދޮންމަނިކު!" އާދަނު ރުޅިއައިސްފައި ބުންޏެވެ. "ކަލޭ ތި ހީކުރަނީ އޭރުން ކަލޭ ދޫކޮށްލާނެ ކަމަށް؟ މަރުގެ މަލާއިކަތަށް ނުވަދެވޭ ވަރުގެ ބޯ ފާރެއް ކަލޭ ދައްކަބަލަ! ކަލޭ އެއްބަސްވިޔަސް ނުވިޔަސް ވަގުތު ޖެހުނީމަ ކަލޭގެ ފުރާނަ ގެންދަވާނެ. އަހަންނަށް ވުރެ ހާލުގަ އޮތް މީހަކު މި ތާނގަ އެބަ އޮތް؟ ލާހިކު ކުޅަދާނައެއް ނޫން އަހަރެން ލައްވާ އެއްވެސް ކަމަކަށް އެއްބަސް ކުރުވާކަށް. އެނގޭވިއްޔަ ދޫކޮށްނުލާނެކަން."
"އަހަންނާ ކަލެޔާ ތަފާތުވާނެ،" ދޮންމަނިކު ރައްދުދިނެވެ. "އަހަރެންގެ ބައްޕައަކީ ހަމީދުގެ އެއް އަތް. އެއްބަސްވާ އިރަށް އަހަރެން ދޫކޮށްލާނެ."
"އަހަންނަށް ވަރިހަމަ ކަލޭގެ ބައްޕައަކީ ހަމީދުގެ މޭގަނޑު ވިޔަސް،" އާދަނު ޖަވާބު ދިނެވެ. "ހަމީދަކީ ތިޔަ ވަރުގެ އެކުވެރިއެއް ނަމަ ކަލެއަށް ގެއިން ކާއެތިކޮޅު ގެނެވުނީސް. ކިތައް ފަހަރު ކަލޭ ބުނެފިން؟ ވީ ކަމެއް ހަރާން. މޮޔަ ނުގޮވާ!"
ޔޫސުބު ވަކިވެގެން ދިޔުމަކީ އާދަނަށް ވެސް ލިބުނު ހިތްދަތިކަމެކެވެ. އެހެނަސް، އެ ކަމާ ހިތާމަކޮށްގެން އެންމެނަށް އިތުރު ހިތްދަތިކަމެއް ދޭން އާދަނު ބޭނުންނުވީއެވެ. އާދަނުގެ އުންމީދަކީ ދެން ތިބި ދެ އެކުވެރިން ގޮވައިގެން އަށިގެއިން މިނިވަންވުމެވެ.
ގުގުރީގެ އަޑު ޖައްވު ތެރެއަށް ފޭދިގެން ދިޔަ އަޑަށް އާދަނަށް ހޭލެވުނެވެ. ދަންވަރުގެ ވަގުތެވެ. ގަދަ ވަޔާ އެކު ވާރޭވެހޭތާ އޭރު ވެސް އެތައް އިރެއް ވެއްޖެއެވެ. ވިދާލާ ވިދުވަރާ އެކުގައި، ތޭރި ކުޑަދޮރުން އެތެރެއަށް އަލި ވަދެއެވެ. އާދަނު އަށިގެއަށް ލީ ފަހުން އެހައި ގަދަ ކޮޅިގަނޑެއް ނާދެއެވެ. އާދަނު ހިތަށް އެރިއެވެ. އަށިގޭގެ ފުރާޅަށް އޮބިއޮންނާނެބާއެވެ؟ ބޯކޮށް ވާރޭވެހެން ފެށުމުން ގޭގެ މަތިން އާދަނު ވަރަށް ހަނދާންވިއެވެ. ވާރޭވެހޭ އިރު މަސްކާށި ކެއުމަކީ އާދަނު ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެއަށް ފަހު ލުނބޯހުތު ފަނިތަށްޓެއް ބޯލައިގެން އެނދަށް އަރައި ރަޖާ އަޅައިގެން އޮންނަނީއެވެ. އެ ހުރިހައި ކަމަކުން މަހުރޫމުވެ، މުޅި ގައިގައި ވޭން އަޅާ ހާލު، ކުނާގަނޑެއް މަތީގައި އޮންނަން ޖެހުމުން އާދަނުގެ ލޮލުން ކަރުނައައެވެ. ނުރޯން ބޭނުންވާތީ ހިތްވަރު ކޮށްލައިގެން އޮތީއެވެ. އެ ދަނޑިވަޅުގައި ކޮންމެވެސް ލަވަފޮށްޓަކުން ހިންދީ ލަވައެއް އަންނަ އަޑު އާދަނުގެ ކަންފަތުގައި ޖެހުނެވެ. އެއީ ޗަމަންމޭ ރަހެކޭ ވީރާނާ، މެރާ ދިލް ހޯތާ ޖާތާ ހޭއެވެ. އެ ލަވައަކީ، ހަފީޒާގެ ގެއަށް އާދަނު ދިޔަ ރެޔަކު، އެ ގެއަށް ވަންނަން ހިތްވަރު ހޯދި ލަވައެވެ. އެ ލަވަ އިވުމާ އެކު އާދަނަކަށް ކަރުނައެއް ނުހިފޭއްޓުނެވެ. މާ ބޮޑަށް ހަފީޒާ ދެކިލާ ހިތްވީއެވެ.
ކުއްލިއަކަށް އަށިގޭގެ ފުރާޅުން ބައެއް އެއްލައިލިއެވެ. އާދަނު ގަޔަށް ވާރޭ ވިއްސަން ފެށިއެވެ. މުޅި ރޭ ހޭދަވީ އެ ހާލުގައެވެ. އާދަނު ހިތަށް އެރިއެވެ. ފައި ހުޅުން ނުނެއްޓި އޮތް ނަމައެވެ.
ހެނދުނުވުމުން އަށިގޭ ފުރާޅު މަރާމާތުކުރުމަށް ޓަކައި، ވަޑިން ގޮވައިގެން ބިލާލު ތުއްތު މަނިކު އައެވެ. އެކުގައި މުޙައްމަދު މަނިކާއި މުޙައްމަދު ކަލޭފާނު ވެސް އައެވެ. އެ މީހުން ދޮރުމައްޗަށް ހުއްޓުމުން އަނދަގޮނޑީގައި އޮތް ދޮހޮއްކޮ ރޮއިގަތެވެ.
"ދޮހޮއްކޮ ކީއްވެ ތި ރޮނީ؟" މުޙައްމަދު ކަލޭފާނު އެއްސެވެ.
"ކަލޭފާނު!" ރޮއިހޭރިގެންފައި ދޮހޮއްކޮ ބުންޏެވެ. "ހަމީދަށް ނަންގަނެދެއްވާ އަޅުގަނޑުމެންނަށް ގެއިން ކާއެތިކޮޅު ގެންނަން ހުއްދަ ދެއްވާށޭ! އޭރުން ސަރުކާރަކަށް އެއްޗެއް ދެއްވާކަށް ޖެހިވަޑައެއް ނުގަންނަވާނެ. އެ ހުއްދަ ނުދެއްވަންޏާ އަޅުގަނޑުމެން ރާއްޖެތެރޭ ރަށަކަށް އަރުވާލަދެއްވާށޭ ދަންނަވައިދީ! މިހާރު މިހިރަގެން ބަނޑަށް މަރުވަނީ."
ބިޑި އަޅުވައިފައިވާ އާދަނު، ދޮހޮއްކޮ ދެއްކި ވާހަކަ އިވޭ ކަމަށް ވެސް ނަހަދައި، ލޯމަރާލައިގެން އޮތެވެ. އެކަމަކު ދޮހޮއްކޮ ކުރި އާދޭހަކީ ކުރަން ރަނގަޅު އާދޭހެއް ކަމަށް އާދަނަށް ވެސް ގަބޫލުކުރެވެއެވެ. އެހެންވިޔަސް އާދޭސް ކުރާކަށް އާދަނު ބޭނުމެއް ނޫނެވެ.
"އާދަނާ!" މުޙައްމަދު މަނިކު ގޮވައިލިއެވެ. "ނިދާފަތަ؟"
"ނޫނޭ! ނިދާފައެއް ނޫން،" އާދަނު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ހޭލާ މި އޮތީ!"
"ބަލަ ކަލޭ ހަމީދަށް އާދޭހެއް ނުދަންނަވާނަންތަ؟" މުޙައްމަދު މަނިކު އެއްސެވެ. "ނެތްތަ ހަމީދަށް ދަންނަވަން ބޭނުންވާ ވާހަކައެއް؟"
"އާދެ! އަޅުގަނޑު އާދޭހެއް ނުދަންނަވާނަން،" އާދަނު ބުންޏެވެ. "އެކަމަކު ހަމީދަށް ދަންނަވަން ބޭނުން ކުޑަކުޑަ ވާހަކައެއް އެބަ އޮތް. ހަމީދު އަރިހަށް އެ ވާހަކަ ގެންގޮސްދެއްވިއްޔާ ވަރަށް ރަނގަޅު."
"އެއީ ކޮން ވާހަކައެއް؟" ވަރަށް ގަޔާވެފައި މުޙައްމަދު މަނިކު ސުވާލުކުރިއެވެ.
"ދަންނަވާ އަޅުގަނޑު މިހެން އޮވެ މަރުވީމަ، މި ތާ ފާރުގަ މޮހޮރެއް ޖަހާފަ އަޅުގަނޑުގެ ކަށިގަނޑު އަޅުވާލަދެއްވާށޭ!" އާދަނު އެދުނެވެ. "އަޅުވާލާފަ ތިރީގަ ލިޔެލަދެއްވާށޭ މުޙައްމަދު ހަމީދު އަވަހާރަކޮށްލަން އުޅެނިކޮށް ހައްޔަރުވެގެން އަށިގޭގަ އޮވެ މަރުވި މީހާގެ ކަށިގަނޑު."
އެ ޖަވާބު އިވުމުން ދެން ތިބި މީހުން ހީނގަތެވެ.
"ސިކުނޑި ހަލާކުވެފަ، ސިކުނޑި ހަލާކުވެފަ." އަޙްމަދު ކަލޭފާނު ބުނި އަޑު އާދަނަށް އިވުނެވެ.
ފުރާޅު މަރާމާތުކޮށްފައި އެ މީހުން ދިޔައެވެ.
"ކަލޭ ތީ ފައްކާ އިބިލީހެއް،" ރުޅިއައިސްފައި ދޮހޮއްކޮ ބުންޏެވެ. "އަހަރެންގެ އާދޭސް ހަމީދަށް ރައްދު ނުވާނީ ކަލޭގެ ސުންޕާކަމުން."
"ދޮހޮއްކޯ!" އާދަނު ބުންޏެވެ. "އަހަރުމެން ސަލާމަތުން ތިބޭ އިރު ވެސް، ހިތާމަކޮށް ރޮއިހެދީމަ ހިތްދަތިވެ، ބަލިވޭ! މި ތާނގަ ހިތާމަ ކުރަންޏާ އަދި ކިހާ ވަރެއް ވާނެ؟ މި ތިބެނީ އަނިޔާކޮށް، ހާންތިކޮށްލާފަ. ރޮއިރޮއި މިހާރު އެކަކު މަރުވެއްޖެ! ދެވަނަ މީހަކަށް ދޮހޮއްކޮ ވާންތަ ބޭނުމީ؟"
ދޮހޮއްކޮއަށް ކުޑަ ހިތްވަރެއް ލިބުނެވެ. ރުއިން ހުއްޓުނެވެ. އަށިގެއިން ޚަބަރުތައް ހިފައިގެން ދިޔަ މީހުން ހަމީދު އަރިހަށް ގޮސް، ހަމީދު ހިތްޕުޅާވާނެ ގޮތްގޮތަށް ވާހަކަތައް ކިޔައިދިނެވެ. ހަމީދު އަވަހާރަ ކޮށްލަން އުޅުނު މީހުންގެ ތެރެއިން ބާކީ ތިބި ތިން މީހުންގެ ހިތްވަރު އެލިފައިވާ ވާހަކަ އާއި އާދޭސް ދެންނެވި ވާހަކައެވެ. އެ ވާހަކަތައް ހަމީދު އަޑުއެއްސެވީ ޝައުގުވެރިކަމާ އެކުގައެވެ.
"އާދަނު ކީކޭ ބުނީ؟" ހަމީދު އެއްސެވިއެވެ.
އެކަކަށް ވެސް އެ ވާހަކަ ދަންނަވާކަށް ނުކެރުނެވެ. އެކަކުއަނެކަކުގެ މޫނަށް ބަލަބަލައި ތިބީއެވެ.
"އާދަނު ކީކޭހޭ ބުނީ؟" ތަންކޮޅެއް ކޯފާވެފައި ހަމީދު ވިދާޅުވިއެވެ.
"ބޯހަމަނުޖެހޭ އެއްޗެހި ކިއީ." މުޙައްމަދު މަނިކު ބުންޏެވެ.
"ކީކޭހޭ ބުނީ؟" ކުރިޔަށް ވުރެ ބާރަށް ހަމީދު ވިދާޅުވިއެވެ. (ނުނިމޭ)