ސަރުކާރުގެ ޓެކްސީ ލައިނާއި އަމިއްލަ ފަރާތްތަކުން ދޭ ޓެކްސީ ހިދުމަތާ ދެމެދު ތަފާތުކުރުން ނުގެންގުޅެ ހަމަހަމަކަން ގާއިމް ކުރުމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އިން ކަމާ ބެހޭ އިދާރާތަކަށް އިއްޔެ ގޮވާލައިފި އެވެ. 

މާލެ ޓެކްސީ ލައިންގެ ހިދުމަތް ސަރުކާރުން ތައާރަފު ކޮށްފައިވާއިރު، ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ވަނީ ޓެކްސީ ކުރުމުގެ ގަވާއިދާ ހިލާފަށް މާލެ ޓެކްސީ ލައިނުން ހިދުމަތް ދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.  

އެ ޖަމިއްޔާ އިން ބުނީ، ސަރުކާރުން ޓެކްސީގެ ހިދުމަތް ދެމުންދަނީ ހުރިހާ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ވެސް ތަބާވުން މަޖުބޫރުކޮށް، ސަރުކާރުން ހަދާފައިވާ ގަވާއިދާ ވެސް ހިލާފަށް ކަމަށެވެ.

އެ ބަޔާނުގައި ޓެކްސީ ޑްރައިވަރުން ވަނީ ގަވާއިދުގައި ހުރި ބައެއް ކަންކަން ފާހަގަކޮށްފަ އެވެ.

"އަމިއްލަ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކާއި ޓެކްސީ ޑްރައިވަރުން ހަރުކަށި އުސޫލުތަކުން ރެގިއުލޭޓްކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުން ހިންގާ ޓެކްސީ ހިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށްކަން ފާހަގަ ކުރެވެ އެވެ،" ބަޔާނުގައިވެ އެވެ.

"އެގޮތުން ޓެކްސީ ގަވާއިދު (ނަމްބަރު R-132/2022) ގެ ހަތް ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އާ  ކަނޑައެޅިގެން ހިލާފަށް މި ހިދުމަތް ކުރިއަށް ގެންދާކަން ވަނީ ހާމަވެފަ އެވެ."

އަމިއްލަ ޓެކްސީތަކެއް: އަމިއްލަ ޓެކްސީތަކުން ގެންގުޅެންޖެހޭ މިންގަނޑު މާލެ ޓެކްސީ ލައިންގެ މިންގަނޑާ ފުށުއަރާ ކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނޭ.
އަމިއްލަ ޓެކްސީތަކެއް: އަމިއްލަ ޓެކްސީތަކުން ގެންގުޅެންޖެހޭ މިންގަނޑު މާލެ ޓެކްސީ ލައިންގެ މިންގަނޑާ ފުށުއަރާ ކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނޭ.

ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނި ގޮތުގައި، ގަވާއިދުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ "ބޭއިންސާފު" އަމަލުތަކުގެ ސަބަބުން ރެގިއުލޭޓަރީ އޮނިގަނޑުގެ އިތުބާރު ގެއްލެ އެވެ.

މާލެ ޓެކްސީ ލައިން ހިންގަނީ ގަވާއިދާ ހިލާފަށް ކަމަށް ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނާއިރު އެހެން ބައެއް ކަންބޮޑުވުންތައް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ވެ އެވެ. އޭގެ ތެރެއިން އެއްކަމަކީ ސަރުކާރުގެ ޓެކްސީގެ ހިދުމަތާ އެކު އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީ ދަށްވާން ފެށި މައްސަލަ އެވެ.

ޑްރައިވަރުން ބުނީ މާލޭ ޓެކްސީ ލައިންގެ ނަމުގައި ފެށި ޓެކްސީ ހިދުމަތުގެ ސަބަބުން އަމިއްލަ ޑްރައިވަރުންގެ އާމްދަނީއަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ އާމްދަނީ ސީދާ ގުޅިފައިވަނީ އެ ދާއިރާއާ ކަން ފާހަގަކޮށް، އެ އެސޯސިއޭޝަނުން ވަނީ ސަރުކާރުގެ ކުންފުންޏަކުން އެ ދާއިރާ އަށް ވަނުމުން އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލިފައިވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މާލެ ސަރަހައްދަށް ސަރުކާރުން ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ކާރުތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލެ ސަރަހައްދަށް ސަރުކާރުން ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ކާރުތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހާއްސަކޮށް ސަރުކާރުގެ ޓެކްސީ ލައިންގެ ހާއްސަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން އެ ހިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، އިގްތިސާދީ ގޮތުން ދަތި މި ދަނޑިވަޅުގައި ޑްރައިވަރުންގެ އާމްދަނީ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

"ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގަބޫލުކުރާ ގޮތުގައި، ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީ އަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ސީދާ ގޮތުން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއަށް ވަދެގެން ނުވާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެ ޖަމިއްޔާއިން ވަނީ އެ ހިދުމަތް ފަށަން ސަރުކާރުން ވިސްނި ހިސާބުން ވެސް މިކަމާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ސަރުކާރުން އިސްވެ ޓެކްސީގެ ހިދުމަތް ފެށީ، މާލެ އާއި ހުޅުމާލޭގައި ޓެކްސީތައް ނުލިބިގެން އެކަމުގެ ޝަކުވާ އިންތިހާ އަށް ބޮޑުވުމުން ކަމަށެވެ. ބައެއް ޑްރައިވަރުން މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެ އަށް ނޫން ގޮތަކަށް ޓެކްސީ ދަތުރުތައް ނުނެގުމާއި މާލެތެރެއިން ވެސް ޓެކްސީތައް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑެވެ.