ގެލަކްސީ އެސް8: ހޭ ވެސް އަހާނުލައި ރިފަންޑްކޮށްދީފާނެ

ބަޔަކު މި ކަހަލަ ކަމެއް ކުރި ވާހަކަ ދުވަހަކު ވެސް ނާހަމެވެ. "މާކެޓިން ސްޓަންޓް"އެއް ނަމަވެސް މިއީ ކަސްޓަމަރުން އެ އާލާތެއް ގައި ހުރުމަށް، އެންމެ އެދޭނެ ސިފަ އެވެ؛ ވީ ކީއްތޯ ވެސް އަހާނުލައި ރިފަންޑްކޮށްދިނުމެވެ.


ސެމްސަންގަކީ ދެއިރު ދެދަޅައަށް އާ ފޯނު ނެރޭ ކުންފުންޏެކެވެ. އެހާ ގިނައިން ފޯނު އުފައްދަން ޖެހުމުން، އުފެއްދުންތަކުގައި ރަހައެއް ނުލަ އެވެ. މިއީ އެންމެން ދަންނަ ކަމެކެވެ. މުޅި މާކެޓުގައި ސެމްސަންގް ފޯނެވެ. އެހެން ނަމަވެސް ގެލަކްސީ ނޯޓް 7 އަށް ދިމާވި ހާދިސާގެ ސަބަބުން ދެވަނަ ވިސްނުމަކަށް ދިއުމަށް ސެމްސަންގަށް ވަނީ މަޖުބޫރުވެފަ އެވެ.

ގެލަކްސީ އެސް8 ތައާރަފުކުރުން އަދު ނޫން މާދަމާ އަށް ވެފައި ވާއިރު، އިތުބާރު އަނބުރާ ހޯދުމަށް ސެމްސަންގުން ދަނީ ތަފާތު އެތައް ގޮތަކަށް ކުޅިބައި އަތުރަމުންނެވެ. އެސް8 ގަންނަތާ ތިން މަސްދުވަހުގެ ތެރޭގައި ފޯނަށް ކަމެއް ދިމާވެއްޖެ ނަމަ، ޗުއްޕު ވެސް ނުބުނެ ބަދަލުދޭ ގޮތަށް ސެމްސަންގުން އެބަ ވިސްނަ އެވެ.

އެސް8 އަށް ރިފަންޑް ދިނުމުގައި ކަސްޓަމަރުން އަމަލުކުރަން ޖެހޭ އުސޫލުތަކެއް އަދި އާންމެއް ނުކުރެ އެވެ. އެއީ އަދި ކޮން ކޮން ބައްރުތަކަކަށް ކޮށްދޭ ކަމެއްކަން ވެސް ނޭނގެ އެވެ. މި ކަމުގައި ގަބޫލުކުރަން ފަސޭހަ ގޮތަކީ، މި ދަނޑިވަޅުގައި ސެމްސަންގް ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމެވެ.

ސެމްސަންގުން އާ ފޯނެއް ނެރޭނެ އެވެ. ކޮންމެވެސް މައްސަލައެއް ޖެހޭނެ އެވެ. އަތަށް ގޮވައި ހުޅު ވެސް ހިފުމަކީ ވެސް ވެދާނެ ކަމެކެވެ. އެ ކަމެއް ރަނގަޅުކޮށް އަލުން މާކެޓަށް ނެރުން އޮންނާނީ ލަސްވެފަ އެވެ. އަނެއްކާވެސް އަނދައި ހުލިވާނެ އެވެ. މިއީ ގެލަކްސީ ނޯޓް7 އަށް ފަހު އެ ކުންފުންޏާ މެދު މީހުންގެ ނަޒަރު ހުރި ގޮތެވެ. މި ފަހަރަކު ނޫނެވެ. ސެމްސަންގުން ބުނާ ކަހަލަ އެވެ. ގެލަކްސީ އެސް އަށަކީ ކަރުތާ ފެނުން އަރައިގަތުމަށް ސެމްސަންގުން ކަނޑާ ނެރެވެ.