ފެން ނުވަންނަ ފޯނުތަކުގެ އައިޕީ ރޭޓިން އަކީ ކޯއްޗެއް؟

ސްމާޓްފޯނުތަކަށް ފެން ނުވަންނަ ގޮތް ހެދުމަކީ ކުންފުނިތަކުގެ މެދުގައި ބޮޑުވަމުން އަންނަ ވާދައެކެވެ. އެކަމަކު މީގެ ތިން އަހަރު ކުރިން ސޮނީން މާކެޓަށް ނެރުނު "އެކްސްޕީރިއާ ޒީ" ވާދަވެރިކަމުގެ ތެރޭގައި މިހާރަކު ނެތެވެ. އެއީ ފެން ނުވަންނަ ގޮތަށް އުފެއްދި ފުރަތަމަ ފޯނެވެ. އޮހޮރޭ ފެނުން ރައްކާތެރިކޮށްދޭ މިންގަނޑުން ސޮނީ "އެކްސްޕީރިއާ ޒީ" އަށް ދީފައި ވަނީ "އައިޕީ57" އެވެ.


ސޮނީ އަށް ފަހު "އެކްސްޕީރިއާ ޒީ" މަރުކާގެ ފޯނުތައް، ފެން ނުވަންނަ އާލާތްތަކެއް ގޮތުގައި ތައްގަނޑުޖަހައި ވަނީ ރެޖިސްޓްރީކޮށްފަ އެވެ.

މި ލިޔުމުގައި "އައިޕީ" މާނަކުރަނީ "އިންޓަނޭޝަނަލް ޕްރޮޓެކްޝަން" ގޮތުގަ އެވެ. "އައިޕީ ރޭޓިން" އަކީ ވަކި މިންގަނޑެއްގެ ދަށުން ފޯނަށް ދީފައި ހުރި ހިމާޔަތް ވަޒަންކުރެވޭ މިންގަނޑެކެވެ.

އައިޕީ ރޭޓިންގައި ދެ އަދަދެއް ހިމެނެ އެވެ. "އެކްސްޕީރިއާ ޒީ" އަށް ބަލާއިރު އެއީ 57 އެވެ. ފުރަތަމަ އަދަދަދު "5" ބުނެދެނީ ހަރު އަދި ހިމުން އެއްޗަކުން އެ ފޯނެއް ރައްކާތެރިކޮށްދޭ މިންވަރެވެ. މިސާލަކަށް ހިމުން ވެއްޔާއި ކުނޑި އެވެ. އާންމު ގޮތެއްގައި ހިރަފުހެވެ. އެ އަދަދު ކަނޑަޅަނީ ވަކި މިންގަނޑެއްގަ އެވެ. އެއީ 0-6 އާ ދެމެދުގަ އެވެ. ސުމަކުން އެއްވެސް ހިމާޔަތެއް ނެތެވެ. އަދަދު މަތިވަމުން ދާ ނިސްބަތުން ލިބޭ ހިމާޔަތް އިތުރެވެ. އެންމެ މަތީ 6 އެވެ.

އެ ރޭޓިންގައި ދެ ވަނަ އަދަދު ބުނެދެނީ އޮހޮރޭ ފެނުން ލިބޭ ހިމާޔަތެވެ. ދާއިރާ އަކީ 0-9 އެވެ. އައިޕީ ރޭޓިންގައި "ސުމެއް"ގެ ފޯނަކަށް ހިރަފުސް އަދި ހިފެހެއްޓުމެއް ނެތި ފެން ވެސް ވަންނާނެ އެވެ.

އައިފޯން 6އެސް އަށް އައިޕީ ރޭޓިންގައި މިންގަޑެއް ކަނޑަޅާފައިވެ އެވެ. އެކަމަކު އެ ފޯނަކީ ފެން ނުވަންނަ އާލާތެއް ގޮތުގައި ބުނެ އެޕަލުން ރަސްމީ ނުކުރެ އެވެ. އައިފޯނު 7 އަށް ކަނޑައަޅާފައި ވަނީ "އައިޕީ67" އެވެ. އައިފޯން 7 ވަނީ ފެން ނުވަންނަ ފޯނެއް ގޮތުގައި ކަނޑައަޅައި ސެޓިފިކެޓް ދީފަ އެވެ.

ސެމްސަންގް "ގެލަކްސީ އެސް7"، "ގެލަކްސީ އެސް7 އެޖް" އަދި "ގެލަކްސީ ނޯޓް 7" އަށް ވެސް ފެނެއް ނުވަދެ އެވެ. އެ ފޯނުތަކަށް ދީފައި ވަނީ "އައިޕީ68" އެވެ. ކުރިން ބުނި ހުރިހާ ފޯނަަކަށް ވުރެ މަތީ ރޭޓިން މި ފޯނުތަކަށް ވަނީ ދީފަ އެވެ.

ފެން ނުވަންނަ ފޯނޭ ބުނުމުން އޮޅުވައި ނުލާށެވެ. ޑައިވިނަށް ދާއިރު މިއިން އެއްވެސް ފޯނެއް ގެންދާކަށް ކަމަކު ނުދާނެ އެވެ. ފަހުން ބޭނުންކުރަން ވިސްނާ ނަމަ އެވެ. ފޯނުތަކަށް ކަނޑައަޅާފައި ވަނީ ވަކި ފުން މިނެކެވެ. އެ ވެސް ވަކި އިރެއް ވަންދެންނެވެ.

ފެނަކީ ރީތި ފެނެވެ މޫދު ލޮނެއް ނޫނެވެ. ރީތި ފެނާއި މޫދު ލޮނުގައި "ޑެންސިޓީ" ތަފާތެވެ. އެހެންކަމުން ރީތި ފެނަށް ވުރެ އަވަހަށް ފޯނު ތެރެ އަށް މޫދު ލޮނު ވަންނާނެ އެވެ. ދަބަރު އަދި ދަމިލަ ޖެހުން ވެސް ގާތެވެ. މޫދު ލޮނު ތިއްކަކުން ވެސް ފޯނު ޝޯޓްވެ، އަނދައި ހުލިވެދާނެ އެވެ. އެހެންކަމުން ދޯނި ވަތަށް ފޯނު ވެއްޓިދާނެ ކަމަށް ވަރަށް ވިސްނަން ޖެހޭނެ އެވެ.

ސްމާޓްފޯނުތަކަށް އައިޕީ ރޭޓިން ކަނޑައަޅައި ރައްކާތެރިކުރުމަކީ ވަރަށް ގިނަ މީހުން ލިބޭނެ ފަސޭހައަކަށް ވާނެ އެވެ. ޚާއްސަކޮށް ފާޚާނާގައި އިންސްޓްގްރާމަށް ފޮޓޯ އަޕްލޯޑްކުރާ މީހުންނަށެވެ.