ނޯޓް 7 އެނދިޔަސް އެޕަލް އާއި ގޫގުލް އަށް ފައިދާއެއް ނުނެގުނު

ގެލަކްސީ ނޯޓް 7 އަށް ދިމާވި ހާދިސާއިން އެޕަލް އާއި ގޫގުލް ރަނގަޅު ފައިދާއެއް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އެ ގޮތަށް ނުވި ކަމަށް މާކެޓް ދިރާސާ ފާމް، ގާޓްނާ ބުނެފި އެވެ. ސެމްސަންގް އަށް ކުރިމަތިވި ހިތާމަވެރި ހާދިސާއިން އެންމެ ރަނގަޅު ފައިދާއެއް ހޯދީ ޗައިނާ ސްމާޓްފޯން ކުންފުނިތަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.


އައިފޯން 7 އާއި އައިފޯން 7 ޕްލަސްގެ ވިޔަފާރިން އެޕަލް އަށް ކޮންމެވެސް ވަރެއް ކުރެވުނު ނަމަވެސް، ލިބުނު ފުރުސަތުން އެކަށީގެންވާ މަންފާ ހޯދިފައި ނެތް ކަމަށް ގާޓްނާ ބުނެ އެވެ. ސްމާޓްފޯން މާކެޓްގައި އެޕަލް އާއި ސެމްސަންގް ފަހަތަށް ޖެހިފައިވާ ކަމަށް އެ ފާމުން ފާހަގަކުރެ އެވެ.

ސްމާޓްފޯން މާކެޓްގައި ޗައިނާ ރަނގަޅަށް ކުޅެ ނަތީޖާ ނެރެފައި ވާ ކަމަށް ގާޓްނާ ބުނެ އެވެ. އެ ގޮތުން ތިން ވަނަ ކުއާޓަރުގައި ފާހަގަކޮށްފައި ވަނީ ވާވޭ، އޮޕޯ އަދި ބީބީކޭ ކޮމިއުނިކޭޝަން އިކްއިޕްމަކްޓް އެވެ.

މުޅި ދުނިޔޭގައި ވިކުނު ސްމާޓްފޯނަށް ބަލާއިރު، 21 ޕަސެންޓް އެ ތިން ކުންފުނި ހިއްސާކުރެ އެވެ. އެންމެ ގިނައިން ފޯނު ވިއްކި 10 ކުންފުނި ތެރޭގައި ވެސް އެ ތިން ކުންފުނި ހިމެނޭ ކަމަށް ބުނެ ގާޓްނާ ރިޕޯޓްކުރެ އެވެ.

ޗައިނާ މާކެޓުން އެންމެ ބޮޑު ފައިދާއެއް ހޯދާފައި ވަނީ އޮޕޯ އާއި ބީބީކޭ ކޮމިއުނިކޭޝަން އިކްއިޕްމަކްޓް އެވެ. ޗައިނާއިން ބޭރު މާކެޓްތަކަށް ބަލާއިރު، އިންޑިއާ، އިންޑޮނީޝިއާ، މެލޭޝިއާ، ރަޝިއާ އަދި ތައިލޭންޑްގައި ވެސް މި ދެ ކުންފުނި ވިޔަފާރި ވަރުގަދަކޮށްފައި ވާކަން ގާޓްނާ ފާހަގަކުރެ އެވެ.

ގާޓްނާއިން ބުނަނީ ގެލަކްސީ ނޯޓް 7އާ ހެދި ސެމްސަންގް އަށް ދިމާވި ހާދިސާއިން އެކަށީގެންވާ ފައިދާއެއް އެޕަލް އަށް ނުނެގުނީ ކޮންމެހެން ސެމްސަންގް މޮޅުކަމުން ނޫން ކަމަށެވެ. ނަމަވެސް އެންޑްރޮއިޑް އަށް ލޯބިޖެހިފައި ތިބި ގިނަ މީހުން ހަމަ އެންޑްރޮއިޑްގައި ދެމިތިބުމުގެ ސަބަބުންނެވެ.

ޗައިނާގެ ވާވޭ އެ ދަނޑިވަޅުގައި ބާރުގަދަ އެންޑްރޮއިޑް ފޯނުތަކެއް މާކެޓަށް ނެރުމަކީ ވެސް އެޕަލް އަށް، އާ ކަސްޓަމަރުން ނުލިބުނު ސަބަބެކެވެ. ގެލަކްސީ ނޯޓް 7 ދޫކޮށްލުމަށް ފަހު އެންޑްރޮއިޑަށް ލޯބިކުރާ މީހުން ވާވޭ ފޯނުތައް ހޯދީ ކަމަށް ވެސް ގާޓްނާ ބުނެ އެވެ.

ސްމާޓްފޯނު މާކެޓް މުޅިން ޗައިނާ އަށް ނިސްބަތްވުމަކީ ސެމްސަންގް އަދި އެޕަލް އަށް ވެސް އޮތް ބިރެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. ސެމްސްންގް އަށް މިހާރު އޮތް ގޮތަކީ ގެލަކްސީ އެސް 8 ވަރުގަދަކުރުމެވެ. ގާޓްނާއިން ބުނާ ގޮތުގައި އެއީ އެންޑްރޮއިޑް އަށް ލޯބިކުރާ އެކަކަށް ވެސް ނެއްޓެއް ނުކުރޭ ވަރުގެ ފޯނަކަށް ހެދުމެވެ.