ސެމްސަންގް ގެލަކްސީ ނޯޓް7 އަލުން މާކެޓަށް ނެރުމަކީ، އެ އާއިލާ އަށް ތަރުހީބުދޭ މީހުންނަށް އުފާވެރި ޚަބަރެކެވެ. އެއީ މިހާރު އެކަމަކު ގެލަކްސީ ނޯޓް7 ނޫނެވެ. ނޯޓް7ގެ ބެޓެރީގައި ޖެހުނު މައްސަލައާ ހެދި ކެންސަލްކުރި ފޯނުތައް އަލުން މާކެޓަށް ނެރެނީ ސެމްސަންގް ގެލަކްސީ ނޯޓް "އެފްއީ"ގެ ނަމުގަ އެވެ. ނޯޓް އެފްއީ މާކެޓަށް ނެރޭ ތާރީޚަކީ ޖުލައި 7 އެވެ.

ގެލަކްސީ ނޯޓް7 އަލުން މަރާމާތުކުރުމަށް ފަހު، މާކެޓަށް ނެރެން ތައްޔާރުވެއްޖެ އެވެ. ނޯޓް އެފްއީގެ ނަމުގައި މާކެޓަށް ނެރުނު ނަމަވެސް، ސަޕޯޓަރުންނަށް އެއީ ހަމަ ނޯޓް7 އެވެ. ސެމްސަންގުން ފޯނަށް ނަން ދީފައި އެ ވަނީ ވެސް އެ ގޮތަށެވެ. ނޯޓް7ގެ ފަހަތުގައި އެ އިން ދެ އަކުރު "އެފްއީ" ރަމްޒުކޮށްދެނީ ސަޕޯޓަރުންނެވެ. އެއީ "ފޭންޑަމް އެޑިޝަން" އެވެ.

ނޯޓް އެފްއީ މާކެޓަށް ނެރުމަށްޓަކައި ބެޓެރީ އަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ނޯޓް7 ގައި ބޭނުންކުރި ބެޓެރީއާ ޚިލާފަށް، މައްސަލަ ނުޖެހޭ ގޮތަށް، ރައްކާތެރި އެއްޗަކަށް ހެދުމަށްޓަކައި ބެޓެރީގެ ސައިޒު ވެސް ވަނީ ކުޑަކޮށްފަ އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް އާއިލާ އަށް ސަޕޯޓްކުރާ މީހުން ހިތްހަމަޖެއްސުމަށްޓަކައި، ނޯޓް އެފްއީގެ "ސްޓޮކް ސޮފްޓްވެއާ"ތައް ވެސް ބަދަލުކޮށްފައިވާ ކަމަށް ބުނެވެ އެވެ. އެ ގޮތުގައި، ގެލަކްސީ އެސް8 އަށް ޚާއްސަ ބައެއް ފީޗާ ހިމެނޭ ކަމަށް ބުނެވެ އެވެ. އަދި މުޅިން ސާފު ނޫން ނަމަވެސް، ސެމްސަންގް ޑިޖިޓަލް އެސިސްޓޭންޓް، "ބިކްސްބީ" ވެސް ހިމަނާނެ ކަމަށް ބުނެވެ އެވެ.

ނޯޓް އެފްއީ އެންމެ ފުރަތަމަ އާންމުކުރާ ގައުމަކީ ސައުތު ކޮރެއާ އެވެ. ބުނެވޭ ގޮތުގައި އޮރިޖިނަލް ނޯޓް7 އަށް ވުރެ ނޯޓް އެފްއީގެ އަގު، ބޮޑު ތަފާތަކުން ހެޔޮވާނެ އެވެ. ސައުތު ކޮރެއާ އަށް ފަހު، އިންޑިއާ އަދި އޭޝިއާގެ އެހެން ގައުމުތަކަށް އާންމުކުރާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ބުނެވޭ ގޮތުގައި ނޯޓް އެފްއީ އެމެރިކާގައި ރަސްމީކޮށް ނުވިއްކާނެ އެވެ.