ކަމެއް ސިއްރުކުރަން އެދޭ ނަމަ، މީހެއް ގާތުގައި، އެ ވާހަކަ ނުދެއްކުމަށް ވުރެ މޮޅު ގޮތެއް ނޯވެ އެވެ. ސިއްރުކަން ފިލައި ހިނގައިދާނެ އެވެ. އެކަމަކު އެ ގޮތަށް ނުދައްކާ ކިތަންމެ ވާހަކައެއް ތިޔަ ގެންގުޅޭ ސްމާޓްފޯނުގައި އެބަ ހުއްޓެވެ.
ސްމާޓްފޯނަކީ ގިނަ ފަސޭހަތަކެއްގެ ނާރެހެވެ. އެ ވަށައި އެނބުރެން ޖެހޭ ހާލަތްތައް ގިނަ އެވެ. ސިއްރު ފޮރުވުމަށްޓަކައި، އިންސާނުންނަށް ނުކުރެވޭ އިތުބާރު، ފޯނަށް ކުރެވެ އެވެ. އަތުޖެހޭ ފަށުގައި އަބަދު އޮންނާތީ އެވެ. އެ ލައްވައި ބޭނުންހާ ކަމެއް ކުރުވުމުގައި، އަމިއްލަ އިޚުތިޔާރުން އެއްވެސް ކަމެއް ބޭރުނުވާތީ އެވެ.
ދިރުއުޅުމަށް ހުރި ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވެސް ސްމާޓްފޯން މެދުވެރިއަކަށް އެބަ ވެ އެވެ. މީހެއް ގާތު އަހައިގެން ކަށަވަރުނުވާ ކިތަންމެ ކަމެއް، ފޯނަށް ފޮނުވާ މެސެޖަކުން ޔަގީންވެ އެވެ. ތިޔައީ ކާކުން އޮޅުންފިލުވުމަށްޓަކައި އެކުވެރިއެއްގެ އެހީ އަށް ބޭނުމެއް ނުވެ އެވެ. ފޯނަށް އަންނަ ޕިން ކޯޑަކުން ހުރިހާ ކަމެއް އޮޅުންފިލައި ދެ އެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރާ ފަރުދީ މުއާމަލާތްތަކުގައި، ފޯނު ނަންބަރު ކަށަވަރުކުރަން ޖެހެ އެވެ. އެކަން ކުރުމަށް ދޭ އިރުޝާދު ލިބިގަތުމަށް މެދުވެރިވަނީ ފޯނެވެ. އަތުގައި ހުރި ފައިސާ އާއި ބޭންކް އެކައުންޓް ނަންބަރުތައް އަދި ޕިން ކޯޑްތަކުން ފެށިގެން ގޮސް އަނބިދަރިންގެ އަދަދު ވެސް، އެހެން މީހަކަށް ވުރެ ބޮޑަށް، ފޯނަށް އެނގެ އެވެ. އެހެންކަމުން ފޯނު ވަގަށް ނަގައިފި ނަމަ އެ ގެއްލުނީ ގާތް އެކުވެރިއެއް ނޫނެވެ. އަމިއްލަ މީހާ އެވެ.
ދުނިޔެ އަށް އިންޓަނެޓް ގެނައުމުގެ ކުރިން ވެސް ޖާސޫސްކުރެ އެވެ. އެއީ ބޮޑު ސިނާއަތެކެވެ. އެ ކަމަށް ޚާއްސަ ފަންނުވެރިންނާއި އޭޖެންޓުންގެ މަސައްކަތަކީ މީހުންނަށް ފާރަލުމެވެ. އޭނާ އުޅޭ ގޮތާއި ކުރާ މުއާމަލާތު ހޯދުމެވެ.
މީހުންނަށް ފާރަލުމުގެ ގޮތުން ފޯނު އަޑުއެހުމަކީ ވަރަށް ގިނައިން އެއިރު ވެސް ކުރި ކަމެކެވެ. ރޭނގަޑު ދަންވަރު، ކަނުއަދިރީގައި، މަގުމަތީގައި ފޯނު ނަރުތައް ހާވަ އެވެ. ހޮޅިދަނޑިތަކުގައި ޓެލެފޯން ނަރު ދަމާފައި ހުންނަ ގައުމުތަކުގައި، ދަންވަރު ހޮޅިދަނޑިތަކަށް އަރަ އެވެ. ބައެއް ފަހަރު ކަރަންޓް ނަރާއި ފޯނު ނަރު އޮޅި، ކަރަންޓުގައި ޖެހި ބުރައިގެން ވެސް ދެ އެވެ.
ޖާސޫސްކުރުމަށް މިހާރު ކުރާ މަސައްކަތް އިހުނަށް ވުރެ ފަސޭހަ އެވެ. ބޭނުންވަނީ ފޮރުވައިގެން ތިޔަ ގެންގުޅޭ ފޯނު ވަގަށް ނަގާނެ ގޮތެކެވެ. ފޯނަށް އަންނަ ކޯލުތަކާއި މެސެޖްތައް ދަމައިގަންނާނެ ޒަމާނީ ގޮތެކެވެ. ހެކަރުން ލައްވައި އެކަން ކުރުވާށެވެ.
ޒަމާނީ މުވާސަލާތީ ވިޔުގާގައި ވެސް ދޯހަޅިކަން އެބަ ހުއްޓެވެ. އާދައިގެ މީހަކާ ހަމަ އަށް ތިލަވެފައި ނެތް ނަމަވެސް، މުވާސަލާތީ ނެޓްވޯކަށް ވަންނާނެ ދޮރުތައް ހެކަރުންނަށް ފެނެ އެވެ. މުވާސަލާތީ ސާމާނުތަކުގައި ހުރި ބަލިކަށިކަމެއްގެ އިތުރުން "އިންސްޓަލޭޝަން" ތަކުން ފާޅުވާ ބަލިކަށިކަމުގެ ސަބަބުން ވެސް ނުރައްތެރިކަން އިތުރުވެ އެވެ.
އިންސާނުންނަށް ވުރެ ބޮޑަށް ސްމާޓް ޑިވައިސްތަކަށް އިތުބާރުކުރުން ނުރައްކާވާ ފަހަރު ވެސް އާދެ އެވެ. ވައިރަހެއް ނުވަތަ އެ ކަހަލަ ސްމާޓް ފަނިފަކުސައަކުން ކޮމްޕިއުޓަރުތަކަށް ވަދެގަންނަ ގޮތަށް، ފޯނުތަކަށް ވެސް ވަދެގަނެ އެވެ. މުވާސަލާތީ ނެޓްވޯކްތައް ފޫދުއްވާލައި މަސައްކަތްތައް ހުއްޓުވާލަ އެވެ. މި ކަހަލަ ހާދިސާއެއް ދާދި ފަހުން ވެސް ވަނީ ހިނގާފަ އެވެ. ހޮސްޕިޓާތަކާއި އިޖުތިމާއީ މަރުކަޒުތަކަކަށް ހެކަރުން ނުފޫޒު ފޯރުވައި ވަނީ ހުއްޓުވާފަ އެވެ.
އިންސާނުންނަށް އިތުބާރުނުކޮށް، ސްމާޓްފޯނަށް އިތުބާރުންކުރުން ވަކި ސަހަލު ހެއްޔެވެ؟