ގޫގުލް އިން އިސްތިހާރުކުރަން ޖީމެއިލް ދެނެއް ނުހުޅުވާނެ

ޖީމެއިލް ބޭނުންކުރާ މީހުންގެ އީމެއިލްތައް ސްކޭންކުރުން ހުއްޓާލާނެ ކަމަށް ގޫގުލުން ބުނެފި އެވެ. މިއީ ޖީމެއިލް ބޭނުންކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު އިތުބާރަކަށް ވާނެ އެވެ.


ޖީމެއިލް "އިންބޮކްސް" ގޫގުލުން ހާވައި، ބަލާތީ އަބަދުވެސް ޝަކުވާކުރެ އެވެ. ނަމަވެސް ގޫގުލުން ބުނަނީ އިސްތިހާރުކުރުން ނޫން ގޮތަކަށް އީމެއިލްތައް ސްކޭންނުކުރާ ކަމަށެވެ.

ގޫގުލުން ޖީމެއިލް "އިންބޮކްސް" ސްކޭންކުރަނީ އެ މީހަކު ޝައުގުވެރިކަން ހުންނަ ދާއިރާތަކުން އިސްތިހާރު ދެއްކުމަށެވެ. އެ ގޮތުގައި، އީމެއިލްތަކުގައި ވާހަކަ ދައްކާފައި ހުންނަ މައުލޫއަކާ ގުޅުން ހުންނަ އުފެއްދުންތައް، ޖީމެއިލް ބޭނުންކުރާ މީހުންނަށް ފެންނަ ގޮތަށް "އިންބޮކްސް"ގެ އަރިމައްޗަށް އަރުވާފައި ހުރެ އެވެ.

ގޫގުލްގެ މި އަމަލަކީ ފަރުދީ ސިއްރުތައް ހިމާޔަތްކުރަން އުނދަގުލެއް ކަމަށް ޖީމެއިލް ބޭނުންކުރާ މީހުން ބުނި ނަމަވެސް، ފާއިތުވި ތަނުގައި ގޫގުލުން މަސައްކަތްކޮށްފައި ވަނީ އެއީ ގޯސް ކަމެއް ނޫން ކަމަށް ދެއްކުމަށެވެ.

ޖީމެއިލް ނޫން އީމެއިލް ޚިދުމަތްތަކުން، ޖީމެއިލް އަށް ފޮނުވާ އީމެއިލްތައް ސްކޭންކުރުމަކީ އަދި ވަކިން ބޮޑު ނުރައްކަލެކެވެ. މި ކަމާ ގުޅޭ ގޮތުން ގޫގުލުން ބުނީ، އިސްތިހާރުކުރުމަށް "އިންބޮކްސް" ހާވަނީ އިންސާނުން ނޫން ކަމަށާއި، އެއީ އޮޓަމެޓިކް "ބޮޓްތަކެއް" ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން، ފަރުދީ ސިއްރެއް ވަގަށް ނަގައި ނުވަތަ ނާޖައިޒު ފައިދާއެއް ނަގާފާނެ ކަމަށް ޝައްކުކުރާނެ ޖާގައެއް ނެތް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގޫގުލުން ޖީމެއިލް ޕޮލިސީ އަށް ގެނައި ބަދަލުގައި، އެއްވެސް މާނައެއްގައި "އިންބޮކްސް" ދެނެއް ނުހާވާނެ އެވެ. ނަމަވެސް ޖީމެއިލްގެ އަރިމައްޗަށް ކުރިން ވެސް އަރާ ގޮތަށް އަދި ވެސް އިސްތިހާރު އަރާނެ އެވެ. އެއީ، ގޫގުލުން ބުނި ގޮތުގައި، އެ މީހަކު އިންޓަނެޓް ބޭނުންކުރަމުން ދާއިރު، ވަންނަ ވެބްސައިޓްތަކާއި ބަލާ ތަކެއްޗަކީ ކޮބައިކަން ދެނެގަނެގެންނެވެ. އީމެއިލް "އިންބޮކްސް" ސްކޭންކޮށްގެނެއް ނޫނެވެ.