ޗައިނާގައި އުފައްދާ މުދަލުން ނަގާ ޓެކުހުން އެޕަލް އަށް ސަލާމަތްވެވިދާނެ

ޗައިނާއިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެކްސްނެގުމަށްޓަކައި ޓްރަމްޕް ސަރުކާރުން އެކުލަވާލި ލިސްޓްގައި އެޕަލްގެ ބައެއް އުފެއްދުންތައް ނުހިމަނާ ގޮތަށް ނިންމައިފި އެވެ. އޭގެ ތެރޭގައި އައިފޯން، އެއާޕޮޑް އަދި އެޕަލް ގަޑި ހިމެނެ އެވެ.


އެޕަލް އިން ޑިޒައިންކުރިި ނަމަވެސް، އައިފޯން، އައިޕެޑް އަދި އައިޕޮޑް ވެސް އުފައްދަނީ ޗައިނާގަ އެވެ. ޓްރަމްޕް ސަރުކާރުން ޗައިނާ ދެކެ އަރައިގެންފައިވާ ރުޅިއެއްގެ ސަބަބުން، ޗައިނާއިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެކްސް ނަގަން އައިޓަމްތައް ލިސްޓްކުރުމުގައި، އެޕަލްގެ އުފެއްދުންތައް ހިނަފާނެތީ އެޕަލްގެ އޮފިޝަލުން ތިބީ ހީކަރުވާފަ އެވެ. އެއީ އިތުރު ޑިއުޓީއެއް ނަގައިފި ނަމަ، އައިފޯން، އައިޕެޑް އަދި އައިޕޮޑް ފަދަ އާލާތްތައް އަގުބޮޑުކުރަން ޖެހިދާނެތީ އެވެ.

އެޕަލް އަކީ ސްމާޓް އިލެކްޓްރޯނިކްސް އަގުބޮޑުކޮށް ވިއްކަން ޖެހިފައިވާ ކުންފުންޏެކެވެ. ސަބަބަކީ އެ ޑިވައިސްތައް އުފައްދަން ބޭނުންވާ ބައިތައް ހޯދުމުގައި އެހެން ކުންފުނިތަކަށް ބަރޯސާކުރަންޖެހިފައި ވުމެވެ. މީގެ އެންމެ ބޮޑު މިސާލަކީ، އައިފޯން ސްކްރީންގައި މިހާރު އަޅުވާ އޯލެޑް ޑިސްޕްލޭތަކެވެ. އެޕަލް އަށް އޯލެޑް ޑިސްޕްލޭތައް އުފައްދައިދެނީ ސެމްސަންގް އަދި އެލްޖީ އެވެ.

އެޕަލްގެ އުފެއްދުންތަކަށް އިތުރު ޓެކުހެއް ދައްކަންޖެހިދާނެތީ މަޝްވަރާކުރުމަށް، އެޕަލްގެ ސީއީއޯ، ޓިމްކުކް ވަނީ އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އާ ވެސް ބައްދަލުކުރައްވައިފަ އެވެ. ދެ ވެރިން އެކުގައި ރޭގަނޑުގެ ފަރިއްކޮޅަކަށް ވެސް ވަނީ އިންސާފުކުރައްވާފަ އެވެ. އެ ގޮތުން ކުރެވުނު މަޝްވަރާގެ ނަތީޖާ އަކީ އެޕަލް އަށް ލުއި ލިބޭ ގޮތް ވުމެވެ. އެހެން ނަމަވެސް، ޗައިނާގައި އުފައްދާތީ އެޕަލްގެ ކޮންމެވެސް އެހެން އައިޓަމްތަކަކުން ޓެކްސް ނެގުމަކީ ގާތްކަމެއް ކަމަށް ބެލެވެ އެވެ. ޓްރަމްޕް އަބަދު ވެސް ވިދާޅުވަނީ، ޓެކުހުން ސަލާމަތްވާ އެދޭ ކޮންމެ ބަޔަކު، އެ އެއްޗެއް އެމެރިކާގައި އުފެއްދުމުން މައްސަލަ ހައްލުވީ ކަމަށެވެ.