އައިފޯނުގެ ވިޔަފާރި އިންޑިއާގައި ދަށްވަނީ ޗައިނާގެ ސަބަބަކުން ނޫން

އައިފޯނުގެ ވިޔަފާރި ދަށްވެގެން އުޅެނީ ވާދަވެރިންގެ ސަބަބުން ކަމަށް އެޕަލް އިން އަދިވެސް ގަބޫލެއް ނުކުރެ އެވެ. އެކަމަކު މިހާރު ވާ ގޮތެއް ބަލާބަލާށެވެ. އިންޑިއާގައި އައިފޯނަށް ވުރެ، ޝޯމީ އަދި ވާވޭ ފޯނުތައް ވިކޭލެއް މާ ގިނަ އެވެ.


ސްމާޓްފޯން މާކެޓް ދިރާސާކުރާ "ކައުންޓަޕޮއިންޓް ރިސާޗް" އިން ބުނި ގޮތުގައި 2017 ގައި އައިފޯނު ވިކުނު އަދަދަށް ވުރެ 2018 ގައި ވިކުނު އަދަދު، ބިރުގަންނަހާ ދަށެވެ. އައިފޯނު ވިކޭ އަދަދާ މެދު ބެލެވެނީ އަދިވެސް ދަށްވާނެ ކަމަށެވެ.

އައިފޯނު ވިކޭ މިންވަރު، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވަނީ ދަށްވާން ފަށައިފަ އެވެ. އެޕަލް އެއިރު ހީކުރި އެއީ ޗައިނާގެ ސަބަބުން ވާ ކަމެއް ކަމަށެވެ. ޗައިނާގައި އަމިއްލަ ކުންފުނިތަކުން އުފައްދާ ފޯނުތަކުގެ ސަބަބުން، އައިފޯނު ނުވިކެނީ ކަމަށެވެ.

އެޕަލްގެ ވިޔަފާރި ދަށްވާ މިންވަރާއި ސަބަބު ދެނެގަތުމަށް އެޕަލްއިން އަމިއްލަ އަށް ހިސާބު ޖަހަ އެވެ. ނަމަވެސް، މާކެޓްގައި ދިމާވެދާނެ އުނދަގޫތަކަށް ހޭވެރިވުމަށް، ދިރާސާ ފާމްތަކުން ދޭ ލަފާ، މާ ބޮޑަށް ވެސް ރަނގަޅެވެ.

އައިފޯނު ވިއްކަން އުނދަގޫވެގެން އުޅެނީ ވާދަވެރިންގެ ސަބަބުންނެވެ. ސްމާޓްފޯން މާކެޓްގައި ވާދަވެރިންގެ ފޯނުތައް ވިއްކާ އަގުގައި އެޕަލް އަށް އައިފޯނުތައް ނުވިއްކޭތީ އެވެ. އިންޑިޔާ މާކެޓަށް ވެސް ވެގެން އުޅޭ ގޮތަކީ މި އެވެ.

ޗައިނާގެ ޝޯމީ އަކީ އިންޑީޔާގައި ގައުމީ ފޯނު ކުންފުނީގެ ދަރަޖަ ދީފައިވާ ކުންފުންޏެކެވެ. ވަންޕްލަސް އަށް ޒުވާނުން ލެނބިފައި ވަނީ އައިފޯނަށް ނުގުޑާ ވަރަށެވެ. ވާވޭ އަދި އޮޕޯ ފޯނުތަކުގެ ނުފޫޒު ވެސް އިންޑިޔާ އާބާދި އަށް ބޮޑެވެ.

ދުނިޔޭގެ މާކެޓުން ގެއްލިގެން އުޅޭ ބައި ހޯދާނެ ގޮތް އެޕަލް އަށް އަދި ނޭނގެ އެވެ. ނޭނގެނީ އައިފޯނުތަކުގެ އަގު ހެޔޮކުރަން ބޭނުން ނުވާތީ އެވެ. އައިފޯނުގެ އަގަކީ މާކެޓްގައި އަބަދު ވެސް އެއްވަރެއްގައި ދެމެހެއްޓެންޖެހޭ އަދަދެއް ކަމަށް، އެޕަލް އަދި އެޕަލްގެ ވަފާތެރިންނަށް ވެސް ގަބޫލުކުރެވެ އެވެ. އެކަމަކު މިހާރު މި އޮތީ ސަލާމަތްނުވެވޭ ހާލަތަށް އައިސްފަ އެވެ. އައިފޯނުގެ އަގުތައް ކޮށާނުލައި އެޕަލް އިން ދެން ކުރާނެ ކަމަކަށް މުޅި ދުނިޔެ ފާރަވެރިވެ އެވެ.