ވާވޭ އަށް ދިމާވެފައި އޮތް ހާލަތުން، އެންމެ ބޮޑު ފައިދާއެއް ވާނެ ބަޔަކީ ކޮބާ؟

ސްމާޓްފޯން މާކެޓްގައި ވާދަވެރިކަން އޮތް މިންވަރު، މިހިރަ ދަނީ އެނގެމުންނެވެ. ވާވޭ އަށް ދަތިކުރުމަށް އެމެރިކާއިން ފިޔަވަޅުއެޅި ހިސާބުން، ވާވޭ އަކީ ސްމާޓްފޯން މާކެޓްގައި ނުވެސް ނެތް ބަޔަކަށް ހަދައިފި އެވެ. އެންޑްރޮއިޑް މާކެޓަށް ފޯނެއް ނެރުމުގެ ނަސީބު ވާވޭ އަށް ދެން ނެތް ކަހަލަ އެވެ. ވާވޭ އަށް ފުރުސަތު ގެއްލުނު ކަމަށް ބަލައި، އެ ހިއްސާ ކުންފުނިތަކުގެ މެދުގައި ބަހާލާނެ ގޮތަކާ މެދު ދަނީ މަޝްވަރާކުރެވެމުންނެވެ. އެކަމުން އެންމެ ބޮޑު ފައިދާއެއް ވާނެ ބަޔަކާ މެދު ވެސް ވާހަކަ އެބަ ދެކެވެ އެވެ.


އެންޑްރޮއިޑް މާކެޓްގައި، އެއްވަނާގައި އޮތީ ސެމްސަންގެވެ. މަޝްހޫރު އެހެން ކުންފުނިތަކަށް ބަލާއިރު، ވަންޕްލަސް، އެލްޖީ، ޝޯމީ، އޮޕޯ، ނޮކިޔާ، ވީވޯ، މެއިޒޫ އަދި މޮޓޮރޯލާ ހިމިނެ އެވެ. ވާވޭ އަށް ލިބިފައި އޮތް ހިއްސާ މި ކުންފުނިތަކުގެ މެދުގައި ބަހާލި ނަމަވެސް، ބޮޑު ބައި އަދި އޮތީ ޗައިނާއަށެވެ.

ސްމާޓްފޯން މާކެޓްގައި އެޕަލް ވެސް އެބަ އުޅެ އެވެ. އެހެނެއް ކަމަކު، ވާވޭ އަށް ލިބުނު ދެރައިން ފައިދާއެއް އެޕަލް އަށް ލިބިދާނެ ކަމަކަށް އަދި ބެލެވޭކަށް ނެތެވެ. ސަބަބަކީ، ވާވޭ އަށް ވާނެ ގެއްލުމަށް ބަލަހައްޓައިގެން ޗައިނާ ނޯންނާނެތީ އެވެ.

އައިފޯން އަދި އައިޕެޑް އުފައްދަނީ ޗައިނާގަ އެވެ. ޗައިނާގައި އުފައްދައި އެމެރިކާ އާށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ބޮޑުކުރަން ޓްރަމްޕް ސަރުކާރުން ގަދައަޅާފައި އޮތްއިރު، އައިފޯންތަކުގެ އަގު އުފުލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ވާވޭ އަށް ދަތިކޮށް އެ އުނދަގޫ ދަމަހައްޓައިފި ނަމަ، ޗައިނާ މީހުން ގަބޫލުނޫން އެއްޗަކަށް، އައިފޯނު ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޗައިނާ އަކީ އެޕަލް އަށް ފައިދާ ބޮޑު މާކެޓެކެވެ.

ވާވޭ އަކީ އެންޑްރޮއިޑް މާކެޓްގައި ބާރުގަދަ ކުންފުންޏެކެވެ. އެ ބާރުވެރިކަން ނެތިގެން ދާއިރު، ގެއްލުން ވާނެ އެހެން ބަޔަކު ވެސް ތިބޭނެ އެވެ. މި ހާލަތުގައި އެންމެ ބޮޑު ގެއްލުމެއް، ވާވޭ ފިޔަވައި ވާނީ ގޫގުލް އަށެވެ. އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ވާނެ ގެއްލުން ވެސް ކުޑައެއް ނުވާނެ އެވެ. މުދަލާއި ޚިދުމަތް ގަތުމަށް ވާވޭއިން އަހަރަކަށް ކަނޑައަޅާފައި އޮންނަ 70 ބިލިއަން ޑޮލަރުގެ ތެރެއިން، ކޮންމެ 7 ޑޮލަރަކުން އެއް ޑޮލަރަށް ވުރެ ބޮޑު އަދަދެއް، އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ހޭދަކުރާ ކަމަށް ވާވޭ ބުނެ އެވެ.

އެމެރިކާ ސަރުކާރަށް އެއްބާރުލުން ދިނުމަށްޓަކައި، ވާވޭ އަށް މުދާ ނުވިއްކުމުގެ ސަބަބުން، އެމެރިކާ ޓެކްނޮލޮޖީ ކުންފުނިތަކަށް މިހާރު ވެސް އެނގުން ވެއްޖެ ކަމަށް، ވޮޝިންގްޓަން ޕޯސްޓުން ވަނީ ބުނެފަ އެވެ. އިންޓެލް، ބްރޯޑްކޮމް، ކުއަލްކޮމް، މައިކްރަން އަދި ސައިޕްރެސް އަށް ލޮޅުންއަރާފައި ކަމަށް ބުނެ އެވެ. ކުއަލްކޮމް އަދި ބްރޯޑްކޮމްގެ ހިއްސާ ހަ ޕަސެންޓް ވަނީ ދަށްވެފަ އެވެ. އިންޓެލް ތިން ޕަސެންޓް ދަށްވެ އަދި ލޫމެންޓަމް ހޯލްޑިންގްސް ހަތަރު ޕަސެންޓް ދަށްވެފައި ވާ ކަމަށް ވެސް ރިޕޯޓްތަކުން އެނގެ އެވެ.

ވާވޭ އަށް ދަތިކުރަން އެމެރިކާއިން އެޅި ފިޔަވަޅަކީ ޗައިނާގެ އިގުދިތިސޯދު ހިފެހެއްޓުމެއް ނެތި ކުރިއަރައިގެން ދާތީ މަތަކުރުމަށް ފޮނުވާލި މިސައިލެކެވެ. ޗައިނާ އަދި ބައިވެރިން އެކުލަވައި އުފައްދާ އިންވެސްޓްމަންޓް ބޭންކްތަކުގެ ސަބަބުން، އެމެރިކާގެ އިގުތިސޯދަށް އަރާފާނެ ގުޑުމެއް ހުއްޓުވުމަށް ކުރި ކަމެކެވެ. ޗައިނާ އަކީ ހުރިހާ ދިމާއަކުން ވެސް އެމެރިކާ އަށް ބޮޑު ނުރައްކަލަކަށްވެ، ދުނިޔޭގައި އެމެރިކާ އެއްޗަކަށް ނުވެ، ޗައިނާގެ ބާރުވެރިކަން ހިނގައިގެންފާނެތީ ޖަހާލި ދަންތުރައެކެވެ.