މައުލޫމާތު އެއްކުރަނީ އެހީވާން، ޖާސޫސްކުރާކަށް ނޫން: ގޫގުލް

ގޫގުލް އެކައުންޓެއް ބޭނުންކުރާ ނަމަ، އެ މީހަކު އޮންލައިންކޮށް ކުރާހާ ކަމެއް ގޫގުލް ދެނެގަނެ އެވެ. މިއީ އެކަމަކު ޖާސޫސްކުރުމެއް ނޫނެވެ. މިއީ ޖާސޫސީ އަމަލެއް ނޫން ކަމަށް އެ މީހުން ބުނެ އެވެ. އެ މީހުންގެ މަގުސަދަކީ، ބޭނުންކުރާ މީހުންނަށް އިންޓަނެޓް ފަސޭހަކޮށްދިނުމެވެ. ދިގު މަގު، ކުރުކޮށްދިނުމެވެ. އެއްޗެއް ހޯދަން މުޅި އިންޓަނެޓް ހާވަން ނުޖައްސައި، ޝައުގުވެރިކަން ހުންނަ ދިމަދިމާ އަށް އަވަހަށް ފޮނުވައިދިނުމެވެ.


އޮންލައިން ވިޔަފާރިކުރާ ނަމަ، ގަންނަ ތަކެތި ވެސް ގޫގުލް އަށް އެނގެ އެވެ. ވިޔަފާރިކުރާ ތަންތަން އަދި ތަކެތި ރެކޯޑްކޮށް ލޮގްކުރެ އެވެ. މިއީ އޮންލައިން ވިޔަފާރިކުރާ މީހުންނަށް ފަސޭހައަކަށް ވެސް ވެދާނެ އެވެ. ބަޔަކަށްް ބޮޑު އުނދަގުލަކަށް ވެސް ވެދާނެ އެވެ.

ގޫގުލް އެކައުންޓަށް ލޮގިންވެ، "ގޫގުލް ސާޗް"ގައި "my purchases" ޓައިޕްކޮށްލާށެވެ. އޮންލައި ވިޔަފާރީގައި ކުރި ހޭދަ އަދި އެ މުއާމަލާތްތަކުގެ ތަފުސީލު ދައްކާނެ އެވެ. އޮންލައިންކޮށް ޓިކެޓް ގަނެ، އުދުހި އަދި ދަތުރުކޮށް ހަދާ ނަމަވެސް ގޫގުލުން ފަސޭހަކޮށްދެ އެވެ. ގޫގުލް ސާޗްގައި "my flights" ނުވަތަ "my trips" ލިޔެލާށެވެ. އެއިރު ދިޔަ ހުރިހާ ތަނެއް ލިސްޓްކޮށްދޭނެ އެވެ. ފަސޭހަ ނޫން ހެއްޔެވެ؟

މިއީ ގޫގުލުން އަބަދުވެސް ކުރާ ކަމެކެވެ. އެކަމަކު، އޮންލައިން ނޫސްތަކަށް މިކަން ބޮޑު މަޖާގަނޑަކަށް ވީ ދާދި މިދާކަށް ދުވަހު އެވެ.

މައިކްރޮސޮފްޓް ވިންޑޯޒް ބޭނުންކުރާ މީހުން އޮންލައިކޮށް ކުރާ ހަރަކާތްތަށް ވެސް މައިކްރޮސޮފްޓަށް ބޭނުންވެ އެވެ. މިއީ ވެސް ޒާތީ ބޭނުމަކު އެއްކުރާ މައުލޫމާތެއް ނޫން ކަމަށް ބުނެ އެވެ. މައިކްރޮސޮފްޓަށް މައުލޫމާތު ދީފި ނަމަ އެއީ އެ މީހަކަށް ކުރެވޭ ހެޔޮ ކަމެއް ކަމަށް އެ މީހުން ބުނެ އެވެ. އެއީ އާޚިރުގައި ގިނަ ބަޔަކަށް ކޮށްދެވޭ ފަސޭހައަކަށް ވާނެތީ އެވެ.

މައިކްރޮސޮފްޓް ވިންޑޯޒް އަދި އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރާއިރު ދިމާވާ ދަތިތައް މައިކްރޮސޮފްޓަށް ފޮނުވަން އެއްބަސްވުމަށް ފަހު، އެ ކަމެއް ހިގައިދާ ވަގުތުގައި މައިކްރޮސޮފްޓަށް ހުއްދަ ދީފައި ނުވާ މައުލޫމާތެއް ވެސް ކޮމްޕިއުޓަރުން ނެގުން އެކަށީގެން ވެ އެވެ.

އަހަރެމެންގެ އިނގިލިކުރި އަށް ލައިގެން މި ގެންގުޅޭ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ހާލތަކީ ވެސް މި އެވެ. އެ މީހުން ބުނަނީ ޖާސޫސްނުކުރާ ކަމަށެވެ. އެކަމަކު އޮންލައިކޮށް ކުރާ ހުރިހާ ކަމެއް އެނގެ އެވެ. އެ ވަގުތަކު ހުރި ތަން އަދި ހުރެދާނެ ތަން ވެސް ލަފާކުރެ އެވެ. އެކަމަކު ވެސް އެމެރިކާ އަށް ހީވަނީ ޖާސޫސްކުރަނީ އެ މީހުން ނޫން މީހުން ކަމަށެވެ.