އެޕަލް އަތުން ސެމްސްސަންގް ބަދަލު އަތުލަނީ

އެޕަލް އައިފޯނުތަކަށް ވުރެ ސެމްސަންގް ގެލަކްސީ ފޯނުތައް މޮޅެވެ. މިއީ ސެމްސަންގެ ބުނުމެކެވެ. ގެލަކްސީ މަރުކާގައި ހިމެނޭ ބާރުގަދަ ފޯނުތައް އިޝްތިހާރުކުރުމަށް، އެޕަލް އަށް ޖޯކުޖަހައި ޑްރާމާކުޅުމަކީ ސެމްސަންގް ވަރަށް ކުރާހިތްވާ ކަމެކެވެ.


އައިފޯނުތަކުގެ ފެންވަރު ދަށް ކަމަށް ބުނެ މަލާމާތްކުރި ނަމަވެސް، އައިފޯނުތަކުގެ ވިޔަފާރި ހަރުދަނާވުމަކީ ސެމްސަންގް އެދޭ ކަމެކެވެ. އެޕަލް އިން ވިއްކާ ކޮންމެ އައިފޯނަކުން، ސެމްސަންގަށް ރަނގަޅު ފައިދާއެއް ލިބެ އެވެ.

ސެމްސަންގް މިހާރު ޖައްސާ މައްސަލަ އަކީ އެޕަލް އިން ގަންނާނެ ކަމަށް ބުނެ އޯޑަރު ދިން "އޯލެޑް" ޕެނަލްތަކަށް، އެޕަލް އިން ފައިސާ ނުދޭ މައްސަލަ އެވެ. އެޕަލް އަށް ފައިސާ ނުދެއްކިގެން އުޅެނީ އައިފޯނުތައް ނުވިކޭތީ އެވެ. ލަފާކުރި މިންވަރަށް އައިފޯނު ނުވިކުން ހުއްޖަތެއް ކަމަށް ބުނެ ސެމްސަންގަށް ފައިސާ ދިނުން ލަސްކުރުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.

އެޕަލް އިން އުންމީދުކުރީ އައިފޯނު މަރުކާ އަށް އިތުރުކުރި މޮޑެލްތަކުގެ ވިޔަފާރި ވަރަށް ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް، ސްޓޮކްގައި ހުރި ފޯނުތައް ހުސްވުން ލަސްވުން ވެފައި ވަނީ އާ ފޯނުތައް އުފައްދަން ވަރަށް ބޮޑު ހުރަހަކަށެވެ.

އައިފޯނުތަކަށް ބޭނުންވާ އޯލެޑް ޕެނަލްތައް އުފައްދަން އެޕަލުން ދިން އޯޑަރުތައް، ދުވަހުން ދުވަހަށް ރައްދުކުރުމަށްޓަކައި، ސެމްސަންގުން ވަނީ އާ ފެކްޓަރީތައް ވެސް އަޅާފަ އެވެ. އަދި ބޮޑު ހޭދައެއްކޮށް ބާރުގަދަ މެޝިންތައް ވެސް ވަނީ ހޯދާފަ އެވެ. އެހެން ނަމަވެސް، ފެކްޓަރީތައް ފަޅުފިލާވަރަށް އޯޑަރު ފުރިހަމަވަމުން ނުދާ ކަމަށް ސެމްސަންގް ބުނެ އެވެ. މި މައްސަލަ އަދި ކޯޓް މަރުހަލާ އަށް ނުދިޔަ ނަމަަވެސް، ބޮޑު ކަންތައްގަނޑަކަށް ވުން ވެސް އެކަށީގެން ވެ އެވެ.