ޝޯމީން ފޯނެއް ފަތްޖެހޭތޯ މަސައްކަތްކުރަނީ

ސެމްސަންގް ގެލަކްސީ ޒީ ފްލިޕް ކަހަލަ، ފަތްޖެހި ފޯނެއް އުފައްދަން ޝޯމީން ޝައުގުވެރިވެ އެވެ. މި މަސައްކަތުގައި ޝޯމީ އަށް ފަސޭހަކޮށްދޭން ސެމްސަންގް ތައްޔާރު ކަމަށް ވެ އެވެ. އިންޓަނެޓް ޚަބަރުތައް ބުނާ ގޮތުގައި، ގެލަކްސީ ޒީ ފްލިޕްގައި ބޭނުންކުރާ އޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ، ޝޯމީ އަށް ސެމްސަންގުން ފޯރުކޮށްދޭނެ އެވެ.


ސްމާޓްފޯން ކުންނިތަކުން މި އަހަރު ފަތްޖެހި ފޯނުތައް އުފައްދަން ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށް ކުރިން ލަފާކުރެވުނެވެ. ނަމަވެސް، ދުނިޔެ އަށް ފެތުރިގެންފައިވާ ކޮވިޑް-19 އާ ހެދި މީހުންނަށް ހެލިފެލިވެ އުޅެން ދަތިވެފައި ވާތީ މި މަސައްކަތްތައް ކަރުދާހުން އަދި ބޭރެއް ނުވެ އެވެ.

ޝޯމީ ބޭނުންވާ ޑިޒައިނަށް ސެމްސަންގުން ޑިސްޕްލޭތައް އުފައްދައިދޭން އެއްބަސްވެފައި ވީ ނަމަވެސް، މަސައްކަތްތައް ތާވަލުކުރެވިފައި ހުރި ގޮތަށް ކުރި އަށް ނުދާނެ ކަމަށް ޝޯމީ ބުނެ އެވެ. ނަމަވެސް ޝޯމި ބޭނުންވަނީ މާކެޓްގައި ހުރި އެންމެ ފެންވަރު ރަނގަޅު ޓެކްނޮލޮޖީ ބޭނުންހިފުމަށެވެ.

މޮޓޮރޯލާ އިން ވެސް ވަނީ ފަތްޖެހި ފޯނު މާކެޓަށް ވަދެ ފަ އެވެ. މޮޓޮރޯލާ އަށް ޑިސްޕްލޭ އުފައްދައިދެނީ ޗައިނާގެ ބީއޯއީ އަދި ސީއެސްޓީ އެވެ. މިއީ ޑިސްޕްލޭ މާކެޓްގައި ގަދަ ބާރުތަކެއް ނަމަވެސް، ވާދަވެރިކަމުގައި ސަމްސަންގް އުޅޭނީ އެންމެ ކުރީގަ އެވެ.

ޝޯމީއާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުގައި، ކޮރޯނާވައިރަހުން އަރައިގަނެވުނުހާ އަވަކަހަށް، ފޯނުތައް އުފައްދަން ފަށާނެ އެވެ. ޝޯމީން އުންމީދުކުރަނީީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅު ފޯނުތައް މާކެޓަށް ނެރުމަށެވެ.