އައިފޯން 12 ގައި 64ޖީބީ ނުހިމަނަން ވިސްނަނީ

ސެޕްޓެމްބަރަކީ އައިފޯނުގެ މައްސަރެވެ. އާންމު ހާލަތުގައި މިއީ އެންމެ ޔަގީންކަން ބޮޑު ތާރީޚެވެ. މި އަހަރު އައިފޯން 12 އާންކުރާނެ ކަމަށް އުންމީދުކޮށްގެން މިތިބީ ވެސް މި ބުނިހެންނެވެ. ކޮރޯނާވައިރަހާ ހެދި، އައިފޯން އުފައްދަން ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެޕަލް އަކީ އިތުބާރު ބޮޑު ކުންފުންޏެކެވެ.


އައިފޯން 12 އާންމުންނާ ހަމަ އަށް އަންނައިރު އޮންނާނީ މިވެނި ގޮތަކަށޭ ބުނުމަކީ، އެޕަލްގެ މާޒީ އަށް ބަލާއިރު ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ވަރަށް ޔަގީންކަމާ އެކު ބުނެދޭން އެނގޭ ކަމެއް އެބަ އޮތެވެ. އައިފޯން 12 ގައި، 64ޖީބީ ފޯނެއް ނުހިމެނޭނެ އެވެ. އެޕަލް އިން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. މިއީ ބޮޑު ހީވުމެއް ނަމަވެސް، އިތުބާރު ބޮޑު ޚަބަރުތަކުގައި ހުރީ މިހެންނެވެ.

އައިފޯން 12ގެ ހަތަރު މޮޑެލެއް ނެރޭނެ އެވެ. އައިފޯން 12، އައިފޯން 12 މެކްސް، އައިފޯން 12 ޕްރޮ އަދި އައިފޯން ޕްރޮ މެކްސް އެވެ. އެންމެ ދަށް ޖާގަ އަކީ 128ޖީބީ އެވެ. މިއީ އެޕަލްގެ އާދަކާދަ އަށް ނަޒަރުހިންގާލުމުން ނިކުންނަ ނަތީޖާ އެވެ.

އެޕަލްގެ ޑިވައިސްތައް އާންމުނަށް ދައްކާލާ ސްޓޭޖަކީ މާކެޓްގެ ބޮޑު ބައެވެ. އެހެން ނަމަވެސް، މި އަހަރު، ކޮވިޑް-19 އާ ހެދި ދުނިޔެ ބަންދުވެފައި ވާތީ މި ހަފުލާ އަށް އަދި ސްޓޭޖަށް ވާނެ ގޮތެއް ނޭނގެ އެވެ. އާންމުން އެއްތަނަކަށް އެއްވެ އުޅުމަށް ލުއި ލިބިގެން މެނުވީ، އެޕަލްގެ ޝާހީ ކީނޯޓުން، ކުރީ އަހަރުތަކަށް ވުރެ މޮޅު ނަތީޖާއެއް ނެރެވޭނެ ކަމަކަށް ނުފެނެ އެވެ. މި އަހަރު އެ ހިސާބަށް ދާއިރު ދުނިޔެ ރަނގަޅުވުމަކީ އެންމެންގެ ވެސް އުންމީދެވެ.