އައިއޯއެސް 14: އެޕަލް އިން ވާދަވެރިންނަށް ފުރުސަތުދެނީ

އައިއޯއެސް 14 އަތުޖެހޭ ފަށަށް އަންނަނީ އެވެ. އެންމެ އުންމީދީ ތާރީޚަކީ ސެޕްޓެމްބަރެވެ. ނަމަވެސް، މިހާރުން މިހާރަށް ވެސް "ޑިވެލޮޕާ ބީޓާ" ޑައުންލޯޑްކުރުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ޖުލައި މަހު ތެރޭގައި "ޕަބްލިކް ބީޓާ" ޑައުންލޯޑްކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވެ އެވެ.


އައިއޯއެސް 14 އާ ބެހޭ ގޮތުން މި ފަހަރު ފާހަގަކޮށްލަން ބޭނުންވަނީ ދެ ކަމެކެވެ. އެޕަލްގެ އަމިއްލަ ސަފާރީ ބްރައުޒާ އަށް ކުރިން ދީފައި އޮތް ބާރުވެރިކަން އުނިކޮށް ވާދަވެރިންނަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެހެންކަމުން ވާދަވެރިންގެ ބްރައުޒާތަކުގެ ތެރެއިން ބޭނުންކުރާ މީހުން އެދޭ ކޮންމެ ބްރައުޒާއެއް "ޑިފޯލްޓް" ބްރައުޒާ އަށް ހެދުމަށް ޖާގަ ވަނީ ހުޅުވިފަ އެވެ.

ސަފާރީ ބްރައުޒާ އަށް ވުރެ ކްރޯމް ބޭނުންކުރާ އަދަދު ގިނަ ނަމަވެސް، އައިފޯން ބޭނުންކުރާ މީހުންނަށް، ސަފާރީގެ މައްޗަށް ކްރޯމް ގަދަކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އެޕަލް އިން އައިއޯއެސް 14 އަށް ގެނައި މި ބަދަލާ އެކު، ގޫގުލް ކްރޯމް އަށް ފުރުސަތު ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

އައިއޯއެސް 14 ގައި، ދެން ފާހަގަކުރެވޭ އަނެއް ކަމަކީ "ޑިފޯލްޓް އީމެއިލް" އެޕްލިކޭޝަނަށް، އެ ހައިސިއްޔަތު ދެމެހެއްޓުން، ބޭނުންކުރާ މީހުންނަށް ދޫކޮށްލާފައި ވުމެވެ. އައިފޯން ބޭނުންކުރާ މީހުން އެދޭ ކޮންމެ "އީމެއިލް" އެޕްލިކޭޝަނަކަށް ބަދަލުވާން ފުރުސަތު ލިބުމެވެ. މާނަ އަކީ އަނެއްކާ ވެސް ގޫގުލް އަށް ފުރުސަތު ފަހިވުމެވެ. ޖީމެއިލް ބޭނުންކުރާ މީހުން، އައިފޯން "ޑިފޯލްޓް" އީމެއިލް އެޕްލިކޭޝަނަކަށް "ޖީމެއިލް" ބަދަލުކޮށްލަން ފުރުސަތު ލިބުމެވެ.

އެޕަލް އިން މި ބަދަލުތަކަށް ފުރުސަތު ދިން ނަމަވެސް، މި ވާހަކަތައް އަދި އެހާ އަޑުގަދައެއް ނޫނެވެ. އެޕަލް އިން ވެސް މި ކަމަށް އަލިއަޅުވާލައި މާ ބޮޑު ތަފުސީލެއް އަދި ނުދެ އެވެ.

އައިއޯއެސް 14 ގައި، ސަފާރީ ވެބް ބްރައުޒާ އަދި އީމެއިލް އެޕްލިކޭޝަނަށް މި ބަދަލުތައް ގެނައި ނަމަވެސް، މެޕްސް އަދި ކެމެރާ ފަދަ ބައެއް އެޕްލިކޭޝަންތައް ބަދަލުކުރުމަށް ވާދަވެރިންނަށް އަދި ފުރުސަތެއް ނުދެ އެވެ. "ގޫގުލް މެޕްސް" އަދި ވާދަވެރި ކެމެރާ އެޕްލިކޭޝަންތައް "ޑިފޯލްޓް" އެޕްލިކޭޝަނަށް އަދި ހެދޭކަށް ނެތެވެ.