އިގްތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް: އެޕަލް

ޗައިނާ އަށް ދަތިކުރަން އެމެރިކާއިން ކުރާ އިގުތިސާދީ ހަނގުރާމައިގެ ސަބަބުން ފައިދާވާ ބަޔަކު ވެސް އުޅޭ ކަމަށާއި ވާދަވެރިންނަށް ފައިދާވުމަކީ އެޕަލް އަށް އޮތް ބިރެއް ކަމަށް، އެ ކުންފުނީގެ ސީއީއޯ، ޓިމް ކުކް ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ރައީސް، ޓްރަމްޕްއާ ބައްދަލުކުރައްވައި ކުކް ވިދާޅުވި ގޮތުގައި، އިގުތިސާދީ ހަނގުރާމައިން ހުރިހާ ފައިދާއެއް ވަނީ ސެމްސަންގަށެވެ.


ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ މުދަލުން، ޓްރަމްޕް ސަރުކާރުން ޓެކްސް ނަގައިފި ނަމަ، އެޕަލް އަށް އުނދަގޫވާނެ ކަމަށް ކުކް ވިދާޅުވި އެވެ. އެޕަލްގެ ޑިވައިސްތައް އުފައްދަނީ ޗައިނާގަ އެވެ. އެހެންކަމުން، ޓެކްސް ނެގުމުގައި އެޕަލްގެ ޑިވައިސްތަކާ މެދު ވެސް އަމަލުކުރެވޭނީ ޓެކްސް ނަގަންޖެހޭ އައިޓަމްތަކެއް ގޮތަށެވެ.

ސެމްސަންގުގެ ފެކްޓަރީތައް ސައުތު ކޮރެއާ، ޗައިނާ އަދި ވިއެޓްނާމްގައި ހުރެ އެވެ. އެމެރިކާ އަށް އެތެރެކުރާ ސެމްސަންގް ޑިވައިސްތަކުން ޓެކްސް ނެގެން ނެތް ސަބަބަކީ އެއީ ޗައިނާގައި އުފައްދާ އައިޓަމްތަކަކަށް ނުވުމެވެ.

އެޕަލް އިން ކުރި ޝަކުވާގައި ބުނަނީ، އެއް ސިނާއަތެއްގައި ކުންފުނިތައް ވާދަކުރާއިރު އަދި ޑިވައިސްތައް އެއް މާކެޓެއްގައި ވިއްކަމުން ދާއިރު، އެޕަލް އަށް ވުރެ ބޮޑު ފައިދާ ސެމްސަންގް އަށް ލިބޭނެ ކަމަށާއި، އެޕަލް އަށް ވުރެ ކުރިއަރައިގެން ދިއުމަށް ފުރުސަތު ބޮޑި ސެމްސަންގް އަށް ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ކުކް ވިދާޅުވި އެއްޗެއް އެނޭ އަޑުއައްސަވައިފި އެވެ. އަދި އެއީ މިހާ ތަނަށް ލިބިލެއްވި އެންމެ ހެޔޮ ނަސޭހަތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ކުކް އަކީ އޭނާ ވަރަށް އިހުތިރާމްކުރައްވާ ބޭފުޅެކެވެ. އަދި ކުކް ދެއްކެވި ވާހަކައާ މެދު ވަރަށް ފުންކޮށް ވިސްނަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.