އައިފޯނެއް ނުހުޅުވިގެން އެފްބީއައި އުޅުނު ވާހަކަ ގިނަ ބަޔަކު ވާނީ އަހާފަ އެވެ. އެ އިދާރާއިން ކުރި ތަހުގީގަކަށް ބޭނުންވާ މައުލޫމާތު އެ ފޯނުގައި ހުރި ކަމަށް ބުނެ، އައިފޯނެއް ހުޅުވަން އެޕަލް ގާތުގައި ވެސް އެފްބީއައި އާދޭސްކުރި އެވެ. އެޕަލް އިން އެކަން ކޮށްދޭކަށް ބޭނުމެއް ނުވި އެވެ.
އެފްބީއައި އަށް އެކަން ކޮށްދިނީ އިޒްރޭލުގެ "ސެލެބްރައިޓް" ކިޔާ ކުންފުންޏަކުން ކަމަށް ބުނެވެ އެވެ. ސެލެބްރައިޓް އަކީ ސްމާޓްފޯނާއި ޓެބްލެޓްތައް ފަދަ އާލާތްތައް، ބަރު ހަތިޔާރު ވިއްދައި ތަޅުލާފައި ހުއްޓަސް، ހުޅުވަން ކުޅަދާނަ ބައެއް ކަމަށް އެ މީހުން ބުނެ އެވެ. ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އެ މީހުން ވަނީ އެ ކަމަށް އެއްބަސް ވެސް ވެފަ އެވެ.
އިންޑިއާއިން ސެލެބްރައިޓް ޓެކޮނޮލޮޖީ ގަންނަން އުޅޭ ކަމަށް "މެކްރޫމާސް" ރިޕޯޓްކޮށްފި އެވެ. އިންޑިއާގެ ފޮރެންސިކް ސައިންސް ލެބޯޓަރީގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ލަސްތަކެއް ނުވެ ސެލެބްރައިޓް ޓެކްނޮލޮޖީ އެ މީހުން ލިބިގަންނާނެ އެވެ.
ސެލެބްރައިޓުން ބީބީސީ އަށް ވާހަކަދެއްކި ގޮތުގައި އެ މީހުންނަކީ އެ މީހުންގެ ކަސްޓަމަރުންނަށް ވަފާތެރި ބައެކެވެ. ކަސްޓަމަރުންނާ ބެހޭ މައުލޫމާތު އާންމުކުރުމަކީ އެ މީހުން ގަބޫލުކުރާ އަޚްލާގީ މިންގަނޑުން ބޭރު ވާހަކައެކެވެ.
އައިފޯނަކާ ހެދި އެފްބީއައި ތެޅިފޮޅިގަތީ އެމެރިކާގެ ސަން ބާނާޑިނޯގައި ޓެރަރިސްޓުން ބަޑިން ހަމަލާދީ ބަޔަކު މަރާލުމާ ގުޅިގެންނެވެ. އެ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ސައީދު ރިޒްވާން ފާރޫޤް ގެންގުޅުން އައިފޯނުގައި، އެ ހަމަލާއާ ގުޅުން ހުރި މައުލޫމާތު ހުންނާނެ ކަމަށް ގަބޫލުކުރެވިގެންނެވެ.
އެޕަލުން ފޯނު ހުޅުވައި ނުދިނިމުން އެފްބީއައި އެހީތެރިކަން ހޯދީ ސެލެބްރައިޓުން ކަމަށް ވެ އެވެ. އެހެންނަމަވެސް އެކަން ދެން ހިނގާ ދިޔަ ގޮތާ ބެހޭ ސައްހަ މައުލޫމާތެއް އާންމުނާ ހަމަ އަށް ފޯރާފައި ނުވެ އެވެ. އިންޑިއާއިން ސެލެބްރައިޓް ޓެކްނޮލޮޖީ ގަންނަނީ ކީއްކުރަން އަދި ކޮން ގޮތަކަށަކަން ހާމަކޮށްފައެއް ނުވެ އެވެ.