ޓީ ޖެޓީ ސަރަހައްދުގައި މުދާ ބަރުކުރަމުން ދިޔަ ދޯންޏަކުން ބަންގްލަދޭޝްގެ މީހަކު ވެއްޓި މިރޭ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުން އެނގުނީ މުދާ ބަރުކުރުމަށް ފަހު އޭގެ މަތީގައި ސަތަރި އަޅަން އުޅުމުގެ ތެރޭގައި އޭނާ ވެއްޓުނީ ކަމަށެވެ.

"ބޮޑަށް ލަފާކުރެވެނީ ފަތަން ނޭނގެނީ ކަމަށް. އެކަމަކު އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ސާފުވާނީ ދޯނީގެ އެހެން މީހުންގެ ބަޔާންތައް ނެގުނީމާ،" އޮފިޝަލް ވިދާޅުވި އެވެ.

ބަސީނާ ހާޑުވެއާގެ ދޮށި-2 ދޯނީގައި މި ހާދިސާ ހިނގައިގެން އުޅޭކަން ފުލުހުންނަށް އެންގީ މިރޭ 8:55 ހާއިރު އެވެ. އަދި އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް، ފުލުހުން ބުނެ އެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް އެނގިފައި އޮތީ ކަސްޓަމްސް ސަރަހައްދުން މުދާ އަރުވައިގެން ޓީ ޖެޓީ އަށް އައިސް އިތުރު މުދާ އަރުވައިގެން ބަރުކުރުމަށް ފަހު ސަތަރި އަޅަން އުޅެނިކޮށް ވެއްޓުނީ ކަމަށް،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.