ޔޮޓް ޓުއާޒްގެ ވެރިޔާ އަބްދުﷲ ޖާބިރުގެ އަތުން ވެލިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ދެ މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ޖާބިރު އަންގަވައިފި އެވެ.

ސަރުކާރާ ދެކޮޅަށް މިހާރު މަސައްކަތް ކުރައްވާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރަކަށް ހުންނެވި ޖާބިރު، ޔާމީނަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ހަތް ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ނުދެއްވައިފި ނަމަ، އެ ފައިސާ ހޯދަން ޝަރުއީ އަދި ގާނޫނީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މަނިކުފާން އަޅުގަނޑުގެ އަތުން 2،000،000 (ދެ މިލިއަން) ރުފިޔާ ނަގާފައިވާކަން މަނިކުފާނު ގަބޫލުފުޅު ކުރައްވާނެ އެވެ،" ޔާމީނަށް ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ޔާމީން "މިހާރު" އަށް މިއަދު ވިދާޅުވީ ދެ މިލިއަން ރުފިޔާ އަނބުރާ ދެއްވުމަށް އެެދިވަޑައިގެން ޖާބިރު ސިޓީއެއް ނުފޮނުއްވާ ކަމަށެވެ. އަދި ޖާބިރާ އެކު އެފަދަ އެއްވެސް މުއާމަލާތެއްގައި ބައިވެރިވެވަޑައި ގެންފައިނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖާބިރުގެ ސިޓީއެއް ފެނިވަޑައިގަތީ ސޯޝަލް މީޑިއާ އިން ކަމަށާއި އެއީ އޭނާގެ އަބުރު ކަތިލުމަށް ޖާބިރު ކުރައްވާ ކަމެއް ކަމަށެވެ.

ޖާބިރުގެ ސިޓީގައި ފައިސާ ނެގި ތާރީޚެއް، ލޯނު ހޯއްދެވީ ކީއްކުރަން ކަން ވެސް ހާމަކޮށްދެއްްވާފައި ނުވާ ކަން ޔާމީން ފާހަގަކުރެއްވި އެވެ.

"ސިޔާސީ ގޮތުން ޕްރެޝަރު ކުރަން ވެގެން ކުރާ ކަމެއް މިއީ. ދުވަހަކު ވެސް ފައިސާއެއް ނަގާފައި ނުވާނެ ޖާބިރު އަތުން،" ޔާމީން ވިދާޅުވި އެވެ.

އެކަމަކު ޔާމީންގެ ވާހަކަތައް ޖާބިރު ދޮގުކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޔާމީނަށް ދެ މިލިއަން ރުފިޔާ ދެއްވީ މި އަހަރުގެ ތެރޭގައި ކަމަށާއި އެކަމަށް ހެކިބަސް ދޭނެ މީހުން ވެސް އެބަތިބި ކަމަށެވެ.

"[ޔާމީން] ލާރި ހަވާލުވި ކަމުގެ ސްކްރީން ޝޮޓްތަކާއި ލާރި ހަވާލުކުރި ފޮޓޯތައް އެބަހުރި އަޅުގަނޑުގެ އަތުގައި. އެ ހިސާބަށް ދާން އަދި އަޅުގަނޑު ބޭނުން ނުވަނީ. ލާރި އޭނާ އަށް ލިބުނު ކަން ކޮންފާމް ކުރި ކަމުގެ ލިޔުން އަޅުގަނޑުގެ އަތުގައި [ފޯންގައި] އެބަހުރި،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީނަށް ދެ މިލިއަން ރުފިޔާ ދެއްވީ، ބޮޑުމޮހޮރާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރުގެ އެކި ފަރާތްތަކާ އެކު ނެގޯޝިއޭޓް ކޮށްދިނުމަށް ކަމަށެވެ.

"ސިޔާސީ ޕާޓީއަކަށް ވަންނަން، ސިޔާސީ ވޯޓެއް ހޯދާކަށް ނޫން. އެއީ ރިޝްވަތަކަށް ދިން ފައިސާއެއް ވެސް ނޫން. އެއީ މަސައްކަތެއް ކުރަން އޭނާއާ ހަވާލުކުރި ފައިސާ. ތިމަންނަ އަކީ ސަރުކާރުގެ ޕާޓީގައި ހުރި މީހެކޭ... ހުރިހާ ކަމެއް ވާނެއޭ. އެހެން ވިދާޅުވީމާ ދިން ފައިސާ މިއީ،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީނަކީ އަބުރުވެރިއެއް ކަމަށް އަދިވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު މައްސަލަ އަކީ ފައިސާ އަނބުރާ ނުދެއްވާނެ ކަމަށް ޔާމީން ވިދާޅުވުން ކަމަށް ޖާބިރު ވިދާޅުވި އެވެ.