މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުކުރު ދުވަހު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވަނަ އޭނާ މިއަދު ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލިހީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު މިއަދު ފޮނުއްވި ސިޓީއެއްގައި އެ ގަރާރު އަނބުރާ ނަންގަވަން ނިންމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އެ މައްސަލައަކީ މިހާރު ވެސް މަތީ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށްވާ އިރު މަޖިލީހުގައި އެފަދަ ބަހުސެއް ހިންގުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެދެވޭ ގޮތްކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތްތައް އަވަހަށް ބާއްވައި ވީހާވެސް އަވަހަކަށް އިންސާފު ހޯދައި ދެއްވުމަށްވެސް ޖާބިރުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ޔާމީންގެ ވެރިކަމުގައި ވިޔަފާރި އަށް ބޮޑެތި ގެއްލުންތައް ދިން ކަަމަށް ކުރިން ތުހުމަތު ކުރެއްވި ޖާބިރު ހުކުރު ދުވަހު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އޭނާގެ ބޭނުމަކީ ސިޔާސީ ވާދަވެރިކަން ނެތިކޮށް، ގައުމީ ރޫހެއްގައި ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔާމީން އެކަނި ޖަލަށް ލާފައި ވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ވަނީ ނޮވެމްބަރު 28، 2019 ގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުން ދަނީ ޔާމީނަށް ދެނީ ނުހައްގު އަދަބެއް ކަމަށެވެ.