އެމްއޭސީއެލްގެ މުވައްޒަފުން ހަޅުތާލުކުރަނީ ކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯއަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވީޑިއޯއެއް ނޫން ކަމަށާއި އެއީ ސެކިއުރިޓީ ފަރިތަކުރުންތަކެއް ކުރިއަށް ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް ކަަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ނުދީގެން ރޭގެ ވަގުތެއްގައި މުޒާހަރާކުރި ކަމަށް ބުނެ ވީޑިއޯއެއް ދައުރުކުރަމުންދާ މައްސަލާގައި އެ ކުންފުނިން ބުނީ އެ ވީޑިއޯގައި ފެންނަ މަންޒަރުތަކަކީ އިއްޔެ ރޭ އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ސެކިއުރިޓީ އިމަޖަންސީ ފަރިތަކުރުންތަކެއްގެ ތެރެއިން ހިންގި ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތަކެއް ކަމަށެވެ. 

އެމްއޭސީއެލް އިން ބުނީ އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، އެ ކުންފުންޏާ މެދު އޮންނަ އިތުރުބާރު ގެއްލުވާލުމުގެ ނިޔަތުގައި އެ ކުންފުނީގެ އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ އެ މައުލޫމާތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. 

އެހެންވެ، އެ ބަޔާނުގައި ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. 

އެމްއޭސީއެލް އިން ވަނީ އެފަދަ ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެެހެން މައުލޫމާތުތައް ދައުރުނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.