މި ސަރުކާރުގެ އިރުޝާދުގެ ދަށުން މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އުމްރާނީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދާއި ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެ ކުންފުނިން އާންމުކުރި ބަޔާނުގައި ބުނީ ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިތުރަށް ތަރައްގީކުރެވުން ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ބޭރު ގައުމުތަކާއެކު އޮތް ގުޅުން ފުޅާވެފައިވާ ކަމަށެވެ.
"(އެއާޕޯޓުގެ) ކާގޯ ޓާމިނަލާއި، ފިއުލް ފާމަށާއި، ޕެސެންޖާ ޓާމިނަލްތަކަށް ގެނެވުނު އިންގިލާބީ ބަދަލުތަކަކީ ރާއްޖޭގެ އިގުތިސާދާއި، ފަތުރުވެރިކަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއޭސީއެލުން ބުނީ ހާއްސަކޮށް މިދިޔަ އަހަރުގެ މިނިވަން ދުވަހު ހުޅުވި އާ ޓާމިނަލާ އެކު ދަތުރުވެރިންގެ ތަޖުރިބާ މުއްސަނދިވެ، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލު ގެނެސް ޑޮމެސްޓިކް ޓާމިނަލެއްގެ ގޮތުގައި ހުޅުވުމާ އެކު އެތެރޭގެ އުދުހުންތަކަށް ޒަމާނީ ފަސޭހަތަކެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކާ އޮތް ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އެއާޕޯޓުގެ ވަސީލަތްތަކާއި އޮޕަރޭޝަންތައް ތަރައްގީކުރުމާއެކު، ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިވެފައިވެ އެވެ. މި ބަދަލުތަކަކީ ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި އެއާޕޯޓުގެ ދައުރު ހަރުދަނާވެ، ފަތުރުވެރިކަމަށާއި ވިޔަފާރިއަށް އަދި ގައުމީ އިގްތިސާދަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ،" ބަޔާނުގައިވެ އެވެ.
އެމްއޭސީއެލްއިން ބުނީ ސީ-ޓު-އެއަރ ކާގޯ އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގެ ކާގޯ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު އިމްޕޯޓް ކާގޯގެ ހިދުމަތާއި، އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފެށުމާއެކު، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ވައިގެ މަގުން މުދާ އުފުލުމުގެ ފުރުސަތުތައް ފުޅާކުރެވިފައިވާ ކަމަށެވެ.
އަދި އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމު އެތައް ގުނައެއް ފުޅާކުރެވި ހަރުދަނާ ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން އާ ފަޔާ ސްޓޭޝަނުގެ ސަބަބުން ކުއްލި ހަލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
"މި މުހިންމު ވަސީލަތްތަކާއެކު ހިދުމަތް ދޭން ފެށިފައިވާއިރު، އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ މި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ހިދުމަތްތަކުގެ ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންގޮސް، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭނެ ފަދަ ފުރިހަމަ އެއާޕޯޓަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމެވެ،"
މިއީ ރާއްޖެއާއި ބޭރު ދުނިޔެ އަދި އެތެރޭގެ ދަތުރުފަތުރު ގުޅުވައިދިނުން ހަރުދަނާކޮށް، އިގުތިސާދީ ގޮތުން ގައުމު ބާރުވެރިކުރުމަށާއި ދުރު ރާސްތާގެ ފާގަތިކަމަށްޓަކައި އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން، މި ކުރިއެރުންތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ ހިދުމަތްތަކެއް ދޭ ތަނަކަށް ހެދުމަށް ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.