މިދިޔަ އަހަރު ރިލީޒްކޮށް، ކްރިޓިކުންނާއި ބެލުންތެރިންގެ ފަރާތުން ވެސް މާ ބޮޑު ތަރުހީބެއް ނުލިބުނު ސްޕަ ހީރޯ ފިލްމް "ފެންޓާސްޓިކް ފޯ" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާ އިރު، އެ ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް ޕްރޮޑިއުސަރު އަދި ރައިޓަރު ސައިމަން ކިންބާގް ބުނެފި އެވެ.

ޖޯޝް ޓްރަންކް ޑައިރެކްޓްކުރި "ފެންޓާންސްޓިކް ފޯ" އަށް ލިބުނު ފިނި ތަރުހީބާ ގުޅިގެން ޓްވެންޓިއެތު ސެންޗަރީ ފޮކްސް އިން ވަނީ އޭގެ ސީކްއެލް އެ މީހުން ތާވަލުން ވެސް ބޭރުކޮށްލައިފަ އެވެ. އެކަމަކު ސައިމަން ބުނީ އެ ނިންމުމަކީ ސީކްއެލް ހަދަން ނިންނި ނިންމުން ފެނަށް ވެގެން ދިއުން ނޫން ކަމަށެވެ.

"އަހަރެން ޔަގީންކަން ދެން ފެންޓާސްޓިކް ފޯ 2 ބެލުންތެރިންނަށް ކަމުދާނެކަން. ކުރީ ފިލްމުގައި ނުހިމެނޭ އެތައް ރަހައެއް ފިލްމުގައި ހިމެނޭނެ. އަދި ފިލްމް މާ ބޮޑަށް ވެސް މަޖާ ވާނެ،" ފެންޓާސްޓިކް ފޯ ބެލުންތެރިންނަށް ކަމުނުދިޔައީ އެ ފިލްމް ގެނެސްދިންލެއް ސީރިއަސްކަމުން ކަމަށް ފާހަގަކޮށް ސައިމަން ބުންޏެވެ. "ކުރިން ހެދުނު މިސްޓްކޭތަކުން ފިލާވަޅު ލިބިގެން ސީކްއެލް ހަދާނީ."

ފިލްމް "ފެންޓާސްޓިކް ފޯ" ގެ ޕޯސްޓަރެއް: ފިލްމުގެ ސީކްއެލްއެއް ހަދަން ވަނީ ނިންމާފައި.
ފިލްމް "ފެންޓާސްޓިކް ފޯ" ގެ ޕޯސްޓަރެއް: ފިލްމުގެ ސީކްއެލްއެއް ހަދަން ވަނީ ނިންމާފައި.

އޭނާ ބުނީ "ފެންޓާސްޓިކް ފޯ 2" ގައި ޕްރިކްއެލްގެ މައިގަނޑު ކާސްޓް ރިޕީޓް ކުރާނެ ކަމަށެވެ. އަދި އެ ކާސްޓަކީ މިފަދަ ފިލްމަކަށް އެންމެ އެކަށޭނެ ކާސްޓް ކަމަށް ވެސް ސައިމަން ބުންޏެެވެ.

"ފެންޓާސްޓިކް ފޯ" ގެ ލީޑް ތަރިންނަކީ މައިކަލް ބީ ޖޯޑަން، ކޭޓް މާރާ، މިލެސް ޓެލާ އަދި ޖެމީ ބެލް އެވެ.

"އެކްސް މެން" ސީރީޒްގެ ވެސް ޕްރޮޑިއުސަރު ސައިމަން ބުނީ ކުރީގެ މައިގަނޑު ކާސްޓާ އެކު "ފެންޓާސްޓިކް ފޯ 2" ގެނެސް ދޭ އިރު، ފިލްމުގެ އަސްލު ރަހަ ނުގެއްލޭ ގޮތަށް، ފިލްމް ގެނެސް ދޭނެ ކަމަށެވެ.

އަދި ސީކްއެލް ހުރިހާ ގޮތަކުން ވެސް ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުންޏެވެ. އެކަމަކު އެ ފިލްމު ރިލީް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.