އީރާނާ އެކު އޮތް ހާރިޖީ ގުޅުން ރާއްޖޭން އިއްޔެ ކަނޑާާލައިފި އެވެ. މިއީ ގައުމަކާ އެކު ހާރިޖީ ގުޅުން ގާއިމުކުރި ފަހުން އެ ގުޅުން ރާއްޖޭން އިސްވެ ކަނޑާލި ފުރަތަމަ ފަހަރެވެ.
ގާތްގަނޑަކަށް ބައި ގަރުނު ވާން ކައިރިވެފައި އޮތް މި ގުޅުން ކަނޑާލީ، ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ އަށް އީރާނުން ހުރަސް އަޅަމުން ދާތީ އެވެ. އެއީ، އެ މިނިސްޓްރީން ސިފަކުރި ގޮތުގައި، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެކެވެ.
"ރާއްޖެ އިން އަބަދު ވެސް ދެކެން ބޭނުންވަނީ އޯއައިސީ [އިސްލާމީ ގައުމުތަކުގެ ގުޅުން] އިން ގޮވާލާފައިވާ ކަންތައްތައް ފުރިހަމަ އަށް، އަދި ނަތީޖާ ނެރެވޭނެ ގޮތަކަށް، އިރާނުން ތަންފީޒުކުރުމެވެ،" ބަޔާނުގައިވެ އެވެ.
ސައޫދީއާ ގާތަށް، އީރާނާ ދުރަށް
އަރަބި ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް އީރާނުން ކުރަމުންދާ ވަކި ކަމެއް ފޮރިން މިނިސްޓްރީގެ ބަޔާނަކު ނެތެވެ. އެ މިނިސްޓްރީން ފާހަގަކޮށްފައި ވަނީ މިދިޔަ މަހު ތުރުކީގައި ބޭއްވި އިސްލާމިކް ސަމިޓުގައި، އިސްލާމީ ގައުއުމުތަކުން "އެހެން ގައުމުތަކުގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވައި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމް ކުރުމަށާއި ދެބަސްވުމާއި ހިޔާލު ތަފާތުވުންތައް ނައްތާލުމުގައި އޯއައިސީ އާއިި އދ.ގެ ޗާޓަރާ އެއްގޮތަށް ސުލްހަވެރި ގޮތްތައް އިހްތިޔާރު ކުރުމަށް" އިރާނަށް ގޮވާލާފައިވާ ކަމެވެ.
އޯއައިސީގެ އެ ބައްދަލުވުމުގައި ބަހުސްކޮށްފައި ވަނީ ސީރިއާގެ ދާހިލީ ހަނގުރާމައިގައި އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނާ އެކު ހަނގުރާމަ ކުރަން އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ ސިފައިން ފޮނުވާފައިވާ މައްސަލައާ ގުޅޭ ގޮތުންނެވެ. އެ ކަން މައްސަލައަކަށް ހަދާތީ އީރާނުން ވަނީ ސައޫދީން ޔަމަނުގައި ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
"[ރާއްޖެ އާއި އީރާނު]ގެ ގުޅުން އިތުރަށް ބަދަހި ވާނެ ކަމުގެ ޔަގީންކަން އެބައޮތް،" ރައީސް ޔާމިން
އޭގެ ކުރިން އޯއައިސީން ވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ސައޫދީ އެމްބަސީ އަށް މިދިޔަ ޖެނުއަރީ މަހު ދިން ހަމަލާ ކުށްވެރިކޮށް، އެ ފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް އަމަލު ކުރުމަށް އީރާނަށް ގޮވާލައިފަ އެވެ. އެ ހަމަލާ އަށް ފަހު، އީރާނާ އެކު އޮންނަ ހާރިޖީ ގުޅުން ސައޫދީން ކަނޑާލާފައި ވާއިރު، ރާއްޖޭން ވަނީ އޯއައިސީގެ ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނަށް ތާއީދު ކޮށްފަ އެވެ. އަދި ވަކިން ވެސް ބަޔާނެއް ނެރެ، އީރާނުގެ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވެ އެވެ.
އީރާނާ އެކު އޮތް ގުޅުން ރާއްޖޭން ކަނޑާލާފައި މި ވަނީ އެ ގައުމުގެ އެންމެ ބޮޑު އެއް ދުޝްމަނުގެ ގޮތުގައި ބަލާ ސައޫދީ އަރަބިއްޔާއާ އެކު އޮންނަ ގުޅުން މީގެ ކުރިން ދުވަހަކު ވެސް ބަދަހި ނުވާ ވަރަށް ވަރުގަދަ ކުރަމުން ދާ ދަނޑިވަޅެއްގަ އެވެ. ދެ ގައުމުގެ ވެރިންގެ ދަތުރުފުޅުތަކުން ފެށުނު މި ގުޅުމުގައި ރަސްމީ ސިފަ ޖައްސައި މިދިޔަ އަހަރު ވަނީ ސައޫދީގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވާފަ އެވެ. އެ ގައުމުގެ ގައުމީ އެއާލައިންގެ ދަތުރުތައް ވެސް އިހަކަށް ދުވަހު ވަނީ ރާއްޖެ އަށް ފަށައިފަ އެވެ.
ސައުދީން އަންނަނީ ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތަކާއި ލޯނުތައް ދެމުންނެވެ. ބަޖެޓް ސަޕޯޓަށް ބޭނުންވާ ފައިސާ ކޮންމެ އަހަރަކުހެން ހަމަޖައްސައިދެމުން އަންނަ އިރު، ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި މާލޭ އެއާޕޯޓު ތަރައްގީ ކުރުން އަދި އައިހެވަން އަށް ވެސް ސައުދީން ވަނީ އިންވެސްޓް ކުރަން ނިންމާފަ އެވެ. މީގެ އިތުރުން ވެސް، މިސްކިތްތައް ބިނާ ކޮށްދިނުމާއި ސްކޮލަޝިޕްގެ ފުރުސަތުތައް ދިނުން ފަދަ އެތައް ކަމެއް ސައޫދީން ކޮށްދެމުން ދެ އެވެ.
"ގުޅުން ބަދަހި ވާނެ"
އިރާނާ އެކު ޖޫން 2، 1975 ގައި ރާއްޖޭން ގާއިމުކުރި ގުޅުން މި ކަނޑައިލީ އެ ގުޅުން އިތުރަށް ބަދަހި ވާނެ ކަމުގެ ޔަގީންކަން އޮންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިތާ މަހެއް ވެސް ނުވަނީހެވެ. އީރާނުގެ އާ ސަފީރު މުހައްމަދު ޒައިރާނީ އަމިރާނީ އޭނާގެ މަގާމުގެ ފަތްކޮޅު އަރުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
"ސާފު ކުރި ތެޔޮ އީރާނުން ރާއްޖެ އަށް އެތެރެ ކުރުން އެއީ އެ ގޮތުން މަޝްވަރާ ކުރެއްވި އެއް ދާއިރާ އެވެ،" މިދިޔަ މަހުގެ 24 ގައި ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމަށް ފަހު އެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.
އީރާނާ އެކު އޮތް ގުޅުން ރާއްޖޭން ކަނޑާލާފައި މި ވަނީ އީރާނާ ގުޅިފައިވާ ހިތްދަތި ހަނދާންތަކެއް އާ ވާނެ ދުވަހެއް ކުރިމަތީގައި އޮއްވަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކޮޅަށް 17 ލަނޑު ވައްދާލައި އީރާނުން ރާއްޖެ ލަދުގަންނަވާލި އެވެ. ޖޫން 2، 1997ގެ އެ މެޗު އެއީ ރާއްޖެ މިހާތަނަށް އެންމެ ހިތްދަތި ގޮތަކަށް ބަލިވި ފުޓްބޯޅަ މެޗެވެ.