ކޮލަމްބޯ (މެއި 19) - މެދުކެނޑުމެއް ނެތި ސްރީ ލަންކާ އަށް ތިން ދުވަސްވަންދެން ކުރި ބޯ ވިއްސާރައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 37 އަށް އަރައިފި އެވެ.

ވިއްސާރާގައި ބިންގަނޑު ފޭބި ހިސާބުތަކުން ވަނީ 150 މީހުން ގެއްލިފަ އެވެ.

ލަންކާ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު މީހުންގެ ހާލު ބެއްލެވުމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ޒިޔާރަތް ކުރައްވަނީ. --ފޮޓޯ: އޭއެފްޕީ
ލަންކާ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު މީހުންގެ ހާލު ބެއްލެވުމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ޒިޔާރަތް ކުރައްވަނީ. --ފޮޓޯ: އޭއެފްޕީ

ވިއްސާރައިގައި ގެއްލުން ލިބުނު މެދު ތެރޭގެ ހިސާބުތައް ބައްލަވާލެއްވުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ވަނީ ވަޑައިގެންފަ އެވެ. ހެލިކޮޕްޓަރުގައި މަތިން ބައްލަވާލެއްވުމަށް ފަހު ސިރިސޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ "ގައުމަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު ދެރައެއް" ކަމަށް ވިދާޅުވެފަ އެވެ.

ލަންކާ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުން ކެލަނިޔާގެ ކޭމްޕެއްގައި. --ފޮޓޯ:އޭއެފްޕީ
ލަންކާ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުން ކެލަނިޔާގެ ކޭމްޕެއްގައި. --ފޮޓޯ:އޭއެފްޕީ

ރައީސް ސިރިސޭނާ ވަނީ މޫސުމީ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އާއިލާތަކާއި ގެދޮރު ގެއްލުނު މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސިފައިން ފޮނުވުމަށް ސިރިސޭނާ ވަނީ އަމުރު ކުރައްވައިފަ އެވެ.ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ މެދުތެރޭގެ އަވަށްތައް ކަމަށްވާ އަރަނަޔަކަ އަދި ބުލަތުކޮހުޕިޓިޔާ އިން ބިންގަނޑުދަށުގައި ވަޅުލެވިފައިވާ ބައެއް މީހުންގެ ހަށިތައް ނަގާފައިވާ ކަމަށެވެ.

- ފެންބޮޑުވުމުގައި ވަނީ ލަންކާގެ 350،000 މީހުންނަށް އަސަރުކޮށްފައި.

"ވިއްސާރައިގައި ވޭތުވެދިޔަ ތިން ދުވަސްތެރޭ ވަނީ 37 މީހުން މަރުވެެފައި. އަދި 28 މީހުން ޒަޚަމްވެފައި،" ޑިޒާސްޓާ ސެންޓަރުގެ ތަރުޖަމާން ޕްރަދީޕް ކޮދިއްޕިލީ ވިދާޅުވި އެވެ.

އަސްކަރީ ތަރުޖަމާން ޖަޔަނަތު ޖަޔަވީރާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ 150 މީހުން މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށެވެ. ފެންބޮޑުވުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ކިގާލީގައި އެހީ ފޯރުކޮށްދިނުމަށް 266 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

"ވިއްސާރައިގައި ވޭތުވެދިޔަ ތިން ދުވަސްތެރޭ ވަނީ 37 މީހުން މަރުވެެފައި. އަދި 28 މީހުން ޒަޚަމްވެފައި،" ޑިޒާސްޓާ ސެންޓަރުގެ ތަރުޖަމާން ޕްރަދީޕް ކޮދިއްޕިލީ

ފެންބޮޑުވުމުގައި ވަނީ ލަންކާގެ 350،000 މީހުންނަށް އަސަރުކޮށްފަ އެވެ. މީގެ ތެރޭން 223،000 މީހުންނަށް ވަނީ ސަރުކާރުގެ ވެލްފެއާ މަރުކަޒުތަކުން ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. ލަންކާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ މިއީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. --އޭއެފްޕީ