އިންޑިއާގެ އިރުއުތުރުގެ އާސާމް ސްޓޭޓުގެ އިންތިޚާބު ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން މިއަދު ކާމިޔާބު ކޮށްފި އެވެ. މިއީ ގައުމުގެ އިރު އުތުރުގެ ސްޓޭޓެއްގެ ކޮންޓްރޯލް ހިންދޫ ނޭޝަނަލިސްޓް ޕާޓީ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ "މިއީ ތާރީޚީ ކާމިޔާބެއް ކަމަށާއި އާސާމްގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވާނެ" ކަމަށެވެ. ސައިފަތް ހައްދާ އާސާމް ސްޓޭޓުގެ ކެމްޕޭނުގައި މޯދީ ވަނީ އަވަށްޓެރި ބަންގްލަދޭޝް އިން ގަވާއިދާ ޚިލާފަށް އެތެރެވާ މީހުންގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބަންގާޅު މީހުންނާއި އާސާމްގެ އަސްލު ރައްޔިތުންނާ ދެމެދު ވަނީ ބިމުގެ މައްސަލައިގައި ދެ ބަސްވުންތައް އުފެދިފަ އެވެ.

"މިއީ ތާރީޚީ ކާމިޔާބެއް. އާސާމްގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނަަން،" ބޮޑު ވަޒީރު މޯދީ

ބީޖޭޕީން މި ކާމިޔާބީ ހޯދީ ސްޓޭޓް އިންތިޚާބުތަކުގައި އެ ޕާޓީ އަށް ނާކާމިޔާބީތަކާ ކުރިމަތިވެފައި ވަނިކޮށެވެ. އަދި މިއީ އެންމެ ބޮޑު ވާދަވެރި ޕާޓީ ކޮންގްރެސް އަށް ވެސް ލިބިގެން ދިޔަ ބޮޑު ދެރައެކެވެ.

ބީޖޭޕީން މިހާތަނަށް ވަނީ 55 ގޮނޑި ހޯދައިފައި.

ވޯޓު ގުނުން އަދި މުޅިން ނުނިމުނު ނަމަވެސް އާސާމްގެ ވެރިކަމުގައި އޮތް ކޮންގްރެސް އަށް ލިބިފައި ވަނީ 126 ގޮނޑީގެ ތެރޭން 28 ގޮނޑި އެވެ. ބީޖޭޕީން މިހާތަނަށް ވަނީ 55 ގޮނޑި ހޯދައިފަ އެވެ. ކޮންގްރެސްގެ ނައިބް ރައީސް ރާހުލް ގާނދީ ވަނީ "ހެޔޮ އެދުންތައް ފޮނުވައި" ރައްޔިތުންގެ އިތުރުބާރު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އާސާމްގެ އިތުރުން ޓަމިލް ނާޑޫ، ކެރަލާ، ވެސްޓް ބެންގާލް އަދި ޕޮންޑިޗަރީގައި ވަނީ އިންތިޚާބު ބާއްވައިފަ އެވެ.