ތައިލެންޑުގެ އަންހެން ކުދިން ސްކޫލެއްގެ ނިދާބައިގައި އާދީއްތަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 ދަރިވަރުން މަރުވެ ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެ އެވެ.
އަމިއްލަ މީހުންގެ އެހީގައި ހިންގާ ދެ ބުރި ކްރިސްޓިއަން ސްކޫލްގައި އަލިފާން ރޯވީ ދަންވަރު ކަމުގައި ވުމުން، އެ ހާދިސާގައި މަރުވެފައިވަނީ އެވަގުތު ނިދާފައި ތިބި ކުދިން ކަމަށް ތައިލަންޑުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
"އަލިފާން ރޯވީ ރޭގަނޑު 11.00 ޖަހާކަށްހާއިރު. ސަތާރަ ކުދިން ވަނީ މަރުވެފައި. އަދި ފަސް ކުދިން ވަނީ ޒަހަމްވެފައި،" ޕޮލިސް އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
ޒަހަމްވި ކުދިންގެ ތެރެއިން ދެ ކުދިންގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަލިފާން ގަނޑު މިހާރު ވަނީ ނިއްވާލެވިފައި. އެކަމަކު އަލިފާން ރޯވާން ދިމާވި ސަބަބު މި އަންނަނީ ތަހުގީގު ކުރަމުން."
އެ ސްކޫލްގައި ތައުލީމް ހާސިލް ކުރަނީ އުމުރުން ހަ އަހަރާއި 13 އާ ދެމެދުގެ ކުދިން ކަމުގައި އެ ސްކޫލް ހުންނަ ޗިއަންގް ރާއި ސަރަހައްދުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ސްކޫލްގެ ގިނަ ދަރިވަރުންނަކީ ފަރުބަދަމަތީގެ އެކިއެކި ސަރަހައްދުތަކުން އައިސްތިބި ކުދިން ކަމަށް އެ އޮފިޝަލް ހާމަކުރެއްވި އެވެ.
"އެ ހާދިސާ ހިނގިއިރު ޑޯމިޓަރީ [ނިދާ ބައި] ގައި 38 ކުދިން ތިބި. އެ ކުދިންނަކީ ގެ މާދުރުވީމަ އެ ތަނގާ ތިބޭ ކުދިން،" އޮފިޝަލް ވިދާޅުވިއެވެ.
"ގިނަ ކުދިން އެ ވަގުތު ތިބީ ނިދާފައި. މަރުވި ގިނަ ކުދިންނަކީ އެ ވަގުތު ނިދާފައިތިބި ކުދިން."