މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމެޓުން އުފައްދާ ބިރުވެރި ފިލްމް 4426 (ފޯ ފޯ ޓޫ ސިކްސް) މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
މާޗް މަހުގެ ތެރޭގައި ލޯންޗްކޮށް، ބޮޑު ކާސްޓަކާ އެކު މަސައްކަތް ފެށި ފިލްމުގެ 90 ޕަސަންޓް ޝޫޓްކޮށް ނިމިފައިވާ ކަމަށް ނަހުލާ ބުންޏެވެ.
އޭނާގެ ސްކްރިންޕްލޭއަކަށް ޑައިރެކްޝަންގައި އަހުމަދު ޝިނާން ވެސް ބައިވެރިކޮށްގެން ނަހުލާ ޑައިރެކްޓް ކުރާ ފުރަތަމަ ބިރުވެރި ފިލްމް "4426"ގެ މަސައްކަތް ކުރި އަށް ދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ނަހުލާ ބުންޏެވެ.
"ކުރިން ރޭވި ގޮތަށް ވުރެ ތަންކޮޅެއް ސްލޯކޮށް ކުރިއަށް ދަނީ. އެ ދެން ފިލްމަށް ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑުވީމަ. ނަމަވެސް މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެެރޭ ވަރަށް ހިތްހަމަޖެހޭ،" ހަތަރު ބުރީގެ ފަޅު އިމާރާތެއްގައި ފިލްމަށް ހާއްސަ ސެޓެއް ހަދައިގެން ޝޫޓް ކުރާ ފިލްމާ ބެހޭ ގޮތުން ނަހުލާ ބުންޏެވެ.
ނަހުލާ ބުނީ އޮކްޓޯބަރު 18 ގައި ފިލްމް ސިނަމާ އަށް އަންނަ އިރު، ބެލުންތެރިންނަށް މޮޅު އަދި ފުރިހަމަ ބިރުވެރި ފިލްމެއް ފެނިގެން ދާނެ އެވެ. ނަހުލާ ސިފަ ކުރި ގޮތުގައި "4426" ވެގެން ދާނީ ބެލުންތެރިން ބިރުން ފިތްކަނޑައިގެންދާ ވަރުގެ ފިލްމަކަށެވެ.
"ފިލްމް މާލެއާ އެކު އަތޮޅު ތެރޭގައި ވެސް ދައްކާނަން. ވީހާ ވެސް ގިނަ ބަޔަކަށް ފިލްމް ދައްކާނަން،" ނަހުލާ ބުންޏެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ނަހުލާގެ ކުރީގެ ފިލްމުތަކާއި ޑްރާމާތަކުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ތަރިންނާއި ޒުވާން ތަރިން ވެސް ހިމެެނެ އެވެ.
އޭގެ ތެރޭގައި ޔޫސުފް ޝަފިީއު (ޔޫއްޕެ)، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، އަހުމަދު ޒިޔާ، ޖިމީ އަދި އިސްމާއީލް ޖުމައިހް (ޖުމާ) ހިމެނެ އެވެ.