އަންނަ ރޯދަމަހު ގިނަ ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތު ދެ ގަޑިއިރާއި ބަޔަށް އެޑިއުކޭޝަން މިނިސްޓްރީން ކުރުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި ގްރޭޑް 1-7ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ޖެހޭނީ ދެ ގަޑި އިރާއި ބަޔަށެވެ. ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ތިން ގަޑިއިރު އަދި މަތީ ސާނަވީ ކުދިން ހަތަރު ގަޑިއިރަށް ކިޔެވުން ކުރިއަށް ގެންދަން ޖެހެ އެވެ.

ރޯދަމަހު ސްކޫލުތަކުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ފަށަން އެޑިއުކޭޝަނުން އެދިފައިވަނީ 8:40 އާއި ނުވައަކާ ދެމެދެވެ. މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން 11:30 އާއި އެކަކާ ދެމެދު ފަށާއިރު މެންދުރު ނަމާދަށް ވަގުތު ދީގެން ކިޔެވުން ފަށަން އެޑިއުކޭޝަނުން އިލްތިމާސްކޮށްފައިވެ އެވެ. އެކަމަކު ކޮންމެ ދުވަހެއްގެ ވެސް ކިޔެވުން ތިނެއް ޖެހުމުގެ ކުރިން ނިންމަން ޖެހެ އެވެ.

ކިޔަވައިދިނުމުގެ ދަންފަޅިތައް ރޭވުމުގައި ވަކި ހާއްސަ ކަންތައްތަކަށް އިސްކަން ދޭން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފަ އެވެ. އެގޮތުން ވަގުތު ފާއިތުވުމުގެ ކުރިން ދަރިވަރުންނަށާއި ޓީޗަރުންނަށް ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވީހާ ވެސް އަވަހަކަށް މެންދުރުފަހުގެ ދަންފަޅި ނިންމައި، މުވައްޒަފުންނާއި ދަރިވަރުން ގެއަށް ދެވޭނެ ގޮތް ހަމަޖައްސަން ޖެހެ އެވެ.

އޭގެ އިތުރުން ދީނީ މައުލޫމާތު ދިނުމުގެ ގޮތުން ދަރިވަރުންނަށް ދީނީ ހަރަކާތްތައް ހިންގަން ވެސް އެދިފައިވެ އެވެ.

ރޯދަ މަހު ޕްރީ ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތާއި ވަގުތު ބެލެނިވެރިންގެ މަޝްވަރާއާ އެކު ނިންމުމުގެ އިހުތިޔާރު މިނިސްޓްރީން ވަނީ ސްކޫލުތަކަށް ދީފަ އެވެ.

ރޯދަ މަހު ސަރުކާރު އޮފީސްތައް 10 ޖަހާއިރު ހުޅުވާ އިރު ބަންދުކުރާ ގަޑިއަކީ މެންދުރު ފަހު ދޭކެވެ. އަދި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ވެސް އޮފީސްތަކުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އެގަޑިތަކުގަ އެވެ.