މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ ރައީސްގެ މަގާމަށް 11 އަންހެނުން ވާދަކުރި ކަމަށާއި އޭގެ ތެރެއިން އެ މަގާމަށް ހޮވުނީ އެންމެ އަންހެނަކު ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ޓިކެޓުގައި ކައުންސިލްގެ ރައީސްކަމަށް 11 އަންހެނުން ވާދަކުރި ކަމަށެވެ. ނަމަވެސް، އެންމެ ގިނަ ވޯޓު ލިބިގެން އެ މަގާމަށް ހޮވުނީ ދ. މާއެނބޫދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ނޫމާ މުހައްމަދު އެކަންޏެވެ. 

ނޫމާއާ އެކު، އެ މަގާމަށް ޖުމްލަ ހަތަރު މީހުން ވާދަކުރި އެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އަދި އަންހެނުންނަށް ހާއްސަ ގޮނޑިއާ އެކު، މާއެނބޫދޫ ކައުންސިލްގެ މެޖޯރިޓީ ވެސް ލިބިފައިވަނީ އަންހެނުންނެވެ. 

ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި ބަދަލާއެކު، 2،000 އަށްވުރެ ގިނައިން މީހުން ދިރިއުޅޭ ރަށްރަށަށް އިންތިހާބުކުރާނީ ފަސް ކައުންސިލަރުންނެވެ. އޭގެ ތެރެއިން، ދެ ގޮނޑި އަންހެނުންނަށް ހާއްސަކުރަންޖެހެ އެވެ. އަދި 2،000 އަށްވުރެ މަދުން މީހުން ދިރިއުޅޭ ރަށްރަށަށް ކަނޑައަޅާފައިވަނީ ތިން ކައުންސިލަރުންނެވެ. އެ ތަނުން އަންހެނުންނަށް ހާއްސަކޮށްފައިވަނީ އެއް ގޮނޑި އެވެ. 

ކ. ގުޅީ ކައުންސިލްގެ މެމްބަރަކަށް ހުންނަވައި، އުފަން ރަށު ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ނޫމާ ހޮވުނީ 100 އަށް ވުރެ ގިނަ ވޯޓުގެ ފަރަގާއެކުގަ އެވެ.

ނޫމާ "މިހާރު"އަށް ވިދާޅުވީ އުމުރުގެ ބޮޑު ބައި ގުޅީގައި ދިރިއުޅުއްވިއަސް މާއެނބޫދޫ މީހުންނާ އަބަދު ވެސް ގުޅުން އޮންނަ ކަމަށެވެ. އެ ރަށު ކައުންސިލްގެ ރައީސްކަމަށް މި ފަހަރު ކުރިމަތިލެއްވީ ވެސް އުފަން ރަށަށް ހިދުމަތްކޮށް، ކުރިއެރުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމާއެކު ރަށްރަށަށް ލިބޭ ކުރިއެރުންތައް އެ ރަށްރަށުގެ މަލަމަތިން ފެނޭ. އެ ބަދަލު ގެނައުމަށް މި ކުރިމަތިލީ،" އާބާދީގައި 1،050 މީހުން ދިރިއުޅޭ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ހަވާލުވި ޒިންމާތަކާއެކު، މާއެނބޫދޫއަކީ އެކި ފަންނުތަކުން ފާހަގަކޮށްލެވޭ އަދި ފުންނާބު އުސް މީހުން ދިރިއުޅޭ ރަށަކަށް ހަދާނެ ކަމަށެވެ. 

ގުޅީ ކައުންސިލްގައި ނޫމާއާ ހަވާލުކުރީ އިޖުތިމާއީ ކަންކަން ބެލެހެއްޓުމަށެވެ. އެ ދާއިރާއިން އޭނާ ހިތްހަމަޖެހޭ ބަދަލުތަކެއް ގެނެވުނުކަން ފާހަގަކުރެއްވި އެވެ. 

ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް ވެސް ވާދަކުރި އަންހެނަކު ބަލިވީ ވަރަށް ކުޑަ ފަރަގަކުންނެވެ. ނަމަވެސް، އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ އަލުން އިންތިހާބު ބާއްވަން ނިންމައިފަ އެވެ. އެއާ އެކު، އަންނަ މަހުގެ 13 ގައި ބައި-އިލެކްޝަން ނިންމުމުން، އަންހެނުންނަށް ލިބުނު ގޮނޑީގެ އަދަދަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި 678 މީހުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވެސް 678 މީހުންނާއެކު ޖުމްލަ 1،356 ކެންޑިޑޭޓުން އިންތިހާބުކުރި އެވެ. އެ މެމްބަރުން މިދިޔަ އާދިއްތަ ދުވަހު ވަނީ ހުވާކޮށްފަ އެވެ.