16 ޑިސެމްބަރ 2021 - 13:17
ލޭޒާ ހަތިޔާރުން ހަމަލާ ދޭ ގޮތަށް ދުނިޔޭގައި ތައްޔާރުކުރި ފުރަތަމަ ޑްރޯން ހެލިކޮޕްޓަރު ތުރުކީ ވިލާތުގައި އުފައްދައި އޭގެ އަޖުމަ ބަލައިފި އެވެ.
އޭރީންގެ ނަން ދީފައިވާ މި ޑްރޯން ހެލިކޮޕްޓަރަކީ، ގިނަ ވަގުތުތަކެއް ވަންދެން ވައިގެ ތެރޭގައި އޮތުމުގެ ގާބިލްކަމާއެކު އުފެއްދި ޑްރޯންއެކެވެ. ތުރުކީ ވިލާތުގެ ޒަމާނީ ޓެކްނޯލޮޖީއާ ބެހޭ ދެ ކުންފުންޏެއް ގުޅިގެން އީޖާދުކުރި މި ޑްރޯން އުފައްދާފައިވަނީ އާންމު ގޮތެއްގައި 3,000 ފޫޓު އުހުން ދަތުރު ކުރުމަށެވެ.
ތުރުކީ ވިލާތުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އަޖުމަބެލުމުގެ މަރުހަލާގައި އޭރީން އިން ލިބުނު ނަތީޖާތަކާ މެދު ވަރަށް ހިތްހަމަޖެހެ އެވެ. މި ޑްރޯން އަޖުމަ ބެލުމުގެ މަރުހަލާގައި، އޭގައި ހިމެނޭ ލޭޒާ ހަތިޔާރުން ހަމަލާ ދިނީ 100-500 މީޓަރު ދުރުގައި ބަހައްޓާފައި ހުރި ދަގަނޑު ފިލާތަކަކަށެވެ. ޑްރޯން އިން ދިން ލޭޒާ ހަތިޔާރުގެ ހަމަލާ އިން އެ ދަގަނޑު ފިލާތައް ފޫއަޅުވައިލި ކަމަށް ތުރުކީގެ އަސްކަރިއްޔާ އިން ބުނެ އެވެ.
ޑްރޯންގައި ހަރުކޮށްފައިވާ ލޭޒާ ހަތިޔާރުގެ ބާރުމިން ދެނެގަތުމަށް ދިން ހަމަލާތަކުގައި، އެންމެ ފުރަތަމަ ހަމަލާ ދިނީ 500 މީޓަރު ދުރުގައި ހުރި ތިން މިލިމީޓަރު ބޯމިނުގެ ދަގަނޑު ފިލައަކަށް، 90 ސިކުންތު ވަންދެނެވެ. ދެވަނަ ފަހަރު ހަމަލާ ދިނީ، 300 މީޓަރު ދުރުން 30 ސިކުންތު ވަންދެނެވެ. އަދި 100 މީޓަރު ދުރުން 10 ސިކުންތު ވަންދެނެވެ.
މި ހުރިހާ ހަމަލާތަކެއްގައި ވެސް ދަގަނޑު ފިލާ ފޫއަޅުވާލައި، ލޭޒާ ހަތިޔާރުގެ ގާބިލްކަން ވަނީ ހާމަކޮށްދީފައި ކަމަށް ތުރުކީގެ އަސްކަރިއްޔާ އިން ބުންޏެވެ.
ތުރުކީ ސަރުކާރުން ބުނާ ގޮތުގައި، މި ޑްރޯން ހިދުމަތަށް ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަވުމާ އެކު، ތުރުކީ ވިލާތުގެ އަސްކަރިއްޔާއާ މި ޑްރޯންތައް ހަވާލުކުރާނެ އެވެ. ބެލެވޭ ގޮތުގައި ތުރުކީގެ އަސްކަރިއްޔާ އިން މި ޑްރޯންގެ ބޭނުންކުރާނީ، ހަނގުރާމައިގެ މައިދާނުގަޔާއި ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި، ގޮތް ނޭނގޭ ޒާތުގެ ގޮވާތަކެތި ގޮއްވައި ހަލާކުކޮށްލުމަށެވެ.
ތުރުކީ ސަރުކާރާ ގުޅުން ހުރި ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އަސްކަރީ ކަންކަމުގެ އިތުރުން ދާހިލީ އަމަން ބެލެހެއްޓުމުގައި ވެސް މިބާވަތުގެ ޑްރޯން ބޭނުންކުރާނެ އެވެ. އޭގެ ބޭނުމަކީ ޓެރަރިޒަމަށް ތުހުމަތު ކުރެވޭ ހާދިސާތަކުގައި ފެންނަ ގޮތް ނޭނގޭ ޒާތުގެ އެއްޗެހި، އިންސާނުންނަށް ގެއްލުމެއް ނުވާނެ ގޮތައް ނައްތައިލުމެވެ.
މީގެ ކުރިން ފެންނަ ގޮތް ނޭނގޭ ޒާތުގެ ގޮވާތަކެއްޗާއި ތަންތަނުގައި ހަރުކޮށްފައި ނުވަތަ ބަހައްޓާފައި ހުންނަ ގޮވާތަކެތި ނައްތައިލަނީ ކަމާ ބެހޭ ތަޖުރިބާކާރުން ހާއްސަ ހެދުމެއް އަޅައިގެން އޭގެ ކައިރިއަށް ގޮސް އެތަކެތި ނުގޮވާ ގޮތް ހަދައިގެންނެވެ. މިފަދަ ހާލަތްތަކުގައި ބައެއް ފަހަރު، އެތަކެތި ގޮވުމުގެ ސަބަބުން، އެކަން ކުރަންއުޅޭ މީހުންގެ ފުރާނަ އަށް ނުރައްކާވެފައި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy