ސީރިއާ ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް ސައުދީ ރަސްގެފާން ފަސް މިލިއަން ޑޮލަރު ދެނީ

ރިޔާޒް (ޑިސެމްބަރު 27) - ސީރިއާގައި ވޭތުވެދިޔަ ފަސް އަހަރު ކުރި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ފަސް މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ސައުދީ ރަސްގެފާން ސަލްމާން ވިދާޅުވެއްޖެ އެވެ.


ސީރިއާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވުމަށް ފަހު ސައުދީ ޝާހީ އާއިލާގެ ބައެއް ބޭފުޅުން ވެސް ވަނީ އެބޭފުޅުންގެ އަމިއްލަ ފައިސާ އިން އެހީވާނެ ކަމަށް ބުނެފަ އެވެ. މި ގޮތުން ރަސްގެފާން ސަލްމާން ފަސް މިލިއަން ޑޮލަރު ދެއްވަނީ އެމަނިކުފާނުގެ އަމިއްލަ ފައިސާ އިން ކަމަށް ރަސްމީ ނިއުސް އެޖެންސީން ބުނެފައިވެ އެވެ.

ރަސްގެފާން ވަނީ ސީރިއާގައި ހާލުގައި ޖެހުނު މީހުންނަށް ސައުދީގެ ބަޖެޓުން 27 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ވަލީ އަހުދު މުހައްމަދު ބިން ނާއިފް ވެސް ވަނީ އެމަނިކުފާން އަމިއްލަ ފައިސާ އިން 2.6 މިލިއަން ޑޮލަރު ސީރިއާގެ ނިކަމެތިންނަށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަލީ އަހުދުގެ ނައިބް މުހައްމަދު ބިން ސަލްމާން ވެސް ވަނީ އަމިއްލަ ފައިސާ އިން 2.1 މިިލިއަން ޑޮލަރު ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައުދީ އަރަބިއާ އިން އެއްކުރާ ފައިސާ އިން، ހާލުގައި ޖެހުނު މީހުންނަށް ރެފިއުޖީ ކޭމްޕްތައް ހަދައިދޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި ކޭމްޕްތައް ހަދާނީ ކޮންތަނަކު ކަމެއް ނޫސް އެޖެންސީން ބުނެފައެއް ނުވެ އެވެ. ސީރިއާ ހަނގުރާމައިގައި ހަތަރު މިލިއަން މީހުން ވަނީ ހާލުގައި ޖެހި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެން ޖެހިފަ އެވެ.