ސީރިއާ ހަނގުރާމައިގައި އަނިޔާވި 150 ކުއްޖަކަށް ސައުދީ ރަސްގެފާން ބޭސްކޮށްދެނީ

ރިޔާޒް (އޮކްޓޯބަރު 8) - ސީރިއާގެ ހަލަބު ސިޓީގައި މިހާރު ހިންގާ ހަނގުރާމައިގައި އަނިޔާ ލިބުނު 150 ކުއްޖަކަށް ސައުދީ ރަސްގެފާނުގެ ޚަރަދުގައި ބޭސްކޮށްދޭން ނިންމާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.


ސައުދީ އަރަބިއާ އިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވީ ސީރިއާ ހަނގުރާމައިގައި އަނިޔާވި ކުދިންނަށް އެހީވެދިނުމަށް ސަލްމާން ރަސްގެފާން ނިންމެވީ ސީރިއާ އިން ހާލުގައި ޖެހުނު ކުދިންނަށް އެހީވުމަށް ސީރިއަން-އެމެރިކަން މެޑިކަލް ސޮސައިޓީން ގޮވާލި ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށެވެ.

އދ.ގެ ސައުދީ މިޝަނުން ބުނީ ސީރިއާގެ ކުދިންނަށް އެހީވުމަށް ހަމަޖެހިފައި ވަނީ ތުރުކީ ސަރަހައްދީ ރޮނގު ކައިރީގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލްތަކުން ކަމަށެވެ. އަދި ހާލު ދެރަ ކުދިން ސައުދީ އަށް ގެންގޮސް އެ ގައުމުގެ ހޮސްޕިޓަލްތަކުން ފަރުވާ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މިޝަނުން ބުނެފައިވެ އެވެ.

ހަލަބުގެ ހަނގުރާމައިގައި ޒަޚަމްވި ކުއްޖަކަށް ސީރިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ހަލަބު ސިޓީގެ ބައެއް ހޮސްޕިޓަލްތަކަށް އެހީވުމަށް ވެސް ސައުދީ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ވޭތުވެދިޔަ ދެ މަސް ދުވަހު ދިން ވައިގެ ހަމަލާތަކުގައި އެ ސަރަހައްދު އެކުގައި ސުންނާފަތިވެފައިވާ ކަމަށް ސީރިއާ އަށް ކަނޑައަޅާފައިވާ އދ.ގެ ޚާއްސަ މަންދޫބު ސްޓެފަން ޑި މިސްތުރާ ވަނީ ވިދާޅުވެފަ އެވެ. ހަމައެކަނި ހަނގުރާމަވެރިން ނެރެލުމުގެ ބޭނުމުގައި ހަލަބު ސިޓީ ހަލާކު ނުކުރުމަށް ރަޝިޔާ އާއި ސީރިއާ އަށް މިސްތުރާ ވަނީ ގޮވާލައްވައިފަ އެވެ. އދ. އިން ލަފާކުރާ ގޮތުގައި ހަލަބުގެ އިރުމަތީގައި ވަނީ 275،000 އަށް ވުރެ ގިނަ އާއްމުން ތާށިވެފަ އެވެ.