އަމީރު މުހައްމަދާ އެކު ސައޫދީ ރަސްކަމަށް ބަދަލެއް އަންނާނެބާ؟

މިހާރުގެ ސައޫދީ އަރަބިއްޔާ 1932 ވަނަ އަހަރު އުފެދުމާ ހަމައިން ފެށިގެން ދަމަހައްޓަމުން އައި އެއް އުސޫލަކީ، ދައުލަތުގެ ބާނީ ކަމަށްވާ އަބްދުލްއަޒީޒްގެ އުފަން ދަރިންނަށް ރަސްކަމުގެ އެންމެ މަތީ ދެ މަގާމު އޮތުމެވެ. އަބްދުލް އަޒީޒްގެ ރަސްކަމުގައި (ސެޕް 22، 1932 ން ނޮވެމް 9، 1953 ށް) ދެ ބޭފުޅަކު ވަލީ އަހުދުގެ މަގާމު ފުރުއްވި އިރު އެ ދެ ބޭފުޅުންނަކީ ވެސް ރަސްގެފާނުގެ ދެ ދަރިކަލުންނެވެ.


އޭގެ ފަހުން ރަސްކަމަށް ވަޑައިގަތީ އަބްދުލްއަޒީޒްގެ ދެވަނަ ދަރިކަލުން ސައޫދު ބިން އަބްދުލް އަޒީޒް (ނޮވެމް 9، 1953 ން ނޮވެމް 2، 1964 ށް) އެވެ. އޭނާގެ ރަސްކަމުން ފެށިގެން މިހާރުގެ ރަސްގެފާނު ސަލްމާނާ ހަމައަށް ސައޫދީގެ ވަލީ އަހްދުގެ މަގާމު ފުރުއްވާފައި ވަނީ މުޅިން ވެސް އަބްދުލްއަޒީޒްގެ އުފަން ދަރިންނެވެ. އެހެންކަމުން ވަލީ އަހުދަކީ ރަސްކަމުގައި ހުންނަވާ ބޭފުޅެއްގެ އެއްބަފާ ބޭފުޅެކެވެ.

މިހާރުގެ ރަސްގެފާނު ސަލްމާނަށް، ޖެނުއަރީ 23، 2015 ގައި ރަސްކަން ލިބިވަޑައިގަތުމާ އެކު ވަލީ އަހްދުގެ މަގާމަށް އައްޔަން ކުރެއްވީ އެއްބަފާ ކޮއްކޯފުޅު މުގްރިން ބިން އަބްދުލްއަޒީޒެވެ. ނަމަވެސް ތިން މަސް ފަހުން މުގްރިން މަގާމުން ވަކި ކުރައްވައި އެއްބަނޑު އެއްބަފާ ބޭބޭފުޅު ނާޔިފްގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރެއްވި އެވެ.

ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް (މ) އާއި ވަލީ އަހުދު މުހައްމަދު (ކ) އަދި ކުރީގެ ވަލީ އަހުދު މުހައްމަދު ބިން ނާޔިފް.

މިއީ އަބްދުލްއަޒީޒް އާލް ސުއޫދުގެ އުފަން ދަރިއަކު ނޫން ބޭފުޅަކު، ސައޫދީ އަރަބިއްޔާގެ ވަލީ އަހްދުގެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. މުހައްމަދު ބިން ނާޔިފް އަކީ އަބްދުލްއަޒީޒްގެ ކާފަ ދަރިކަލެކެވެ. މި ބޮޑު ބަދަލާ އެކު، ސައޫދީ ޝާހީ އާއިލާ އިން ދަމަހައްޓަމުން އައި އާދަކާދަ އަށް އައު ފެށުމެއް އައީ އެވެ.

މިދިޔަ ބުދަ ދުވަހު ފަތިހު ރަސްގެފާނު ސަލްމާން ނެރުއްވި ގަރާރަކުން ވަލީ އަހުދުގެ މަގާމުން މުހައްމަދު ބިން ނާޔިފް ވަކި ކުރައްވައި، ރަސްގެފާނުގެ އުފަން ދަރިކަލެއްގެ ކަމަށްވާ މުހައްމަދު ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ. މިއީ ވެސް ސައޫދީ ރަސްކަމުގެ އާދަކާދަ އަށް އައި ބޮޑު ބަދަލެކެވެ.

މިއީ މިހާރުގެ ސައޫދީ އަރަބިއްޔާގެ ފުރަތަމަ ރަސްކަލުން އަބްދުލްއަޒީޒަށް ފަހުގައި، ސައޫދީގެ ރަސްކަލަކު އޭނާގެ އުފަން ދަރިއަކަށް ވަލީ އަހުދުގެ މަގާމު ދެއްވި ފުރަތަމަ ފަހަރެވެ. ރަސްގެފާނު ސަލްމާންގެ މި ބަދަލާ އެކު، އަބްދުލްއަޒީޒްގެ އުފަން ދަރިންގެ ތެރެއިން ދެމެމުން އައި ޝާހީ އާއިލާ މިހާރު މިވަނީ އޭނާގެ ކާފަދަރިންނަށް ފުރޮޅުމުގެ ކޮޅުމަތި ފެންނަން ފަށައިފަ އެވެ.

ރަސްގެފާނު މި ބޮޑު ބަދަލު ގެންނެވީ، ފަހުދު ރަސްގެފާނުގެ ރަސްކަމުގައި 1992 ވަނަ އަހަރު އެކުލަވައިލި ސައޫދީ އަރަބިއްޔާގެ "ވެރިކަމުގެ އަސާސީ ނިޒާމު"ގެ ފަސް ވަނަ މާއްދާގެ (ށ) އަށް ގެންނެވި އިސްލާހަކާ އެކުގަ އެވެ.

ވަލީ އަހުދު އަމީރް މުހައްމަދު (ވ) ސައޫދީގެ އިސް ކޮމާންޑަރުންނާ ބައްދަލު ކުރައްވަނީ.

މި މާއްދާގައި ކުރިން ބުނެފައި އޮންނަނީ ސައޫދީ އަރަބިއްޔާގެ ރަސްކަން ވާރުތަވަމުން ދާންވާނީ، ސައޫދީ އަރަބިއްޔާގެ މުއައްސިސް އަބްދުލް އަޒީޒްގެ ދަރިންނަށާއި ދަރިންގެ ދަރިންނަށް ކަމަށެވެ. ކީރިތި ގުރްއާނާއި ރަސޫލާގެ ސުންނަތާ އެއްގޮތަށް ވެރިކަން ކުރުމުގެ މައްޗަށް ހިފާ ބައިއަތަކުން ރަސްކަމަށް އިސް ކުރަންވާނީ، އޭގެ ތެރެއިން އެ މަގާމަށް އެންމެ އެކަށީގެންވާ އެންމެ ހެޔޮލަފާ މީހެކެވެ.

ރަސްގެފާނު ސަލްމާން މިހާރު ވަނީ އެ މާއްދާގެ ފަހަތަށް ބައެއް އިތުރުކުރައްވައި އިސްލާހު ކުރައްވައިފަ އެވެ. މި އިސްލާހުގައި ބުނެފައިވާ ގޮތުން، ސައޫދީ އަރަބިއްޔާގެ މުއައްސިސް އަބްދުލްއަޒީޒްގެ އުފަން ދަރިންނަށް ފަހުގައި، ރަސްކަމަށާއި ވަލީ އަހުދުގެ މަގާމަށް މުއައްސިސްގެ ދަރިންގެ ތެރެއިން އެކަކުގެ ދަރިކޮޅުން މީހުން އައްޔަނެއް ނުކުރެވޭނެ އެވެ.

ސައޫދީ އަރަބިއްޔާގެ ރަސްކަން ހިނގުމުގެ ގަވާއިދަށް މި ގެނައި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، މިހާރުގެ ރަސްގެފާނު ސަލްމާނަށް ފަހުގައި ރަސްކަން ލިބިވަޑައިގަންނަވާނީ އެ ގައުމުގެ މުއައްސިސް އަބްދުލް އަޒީޒްގެ އުފަން ދަރިއަކަށް ނޫނެވެ. ކާފަ ދަރިކަލަކަށެވެ. އެ ހާލަތުގައި ވަލީ އަހުދުގެ މަގާމަށް ރަސްގެފާނުގެ ދަރިކަލަކު އައްޔަނެއް ނުކުރެވޭނެ އެވެ. އެ މަގާމަށް އައްޔަން ކުރެވޭނީ އަބްދުލްއަޒީޒުގެ އެހެން ދަރިއެއްގެ ދަރިކޮޅުގެ މީހެކެވެ.

އަމީރް މުހައްމަދު (ވ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލު ކުރައްވަނީ. ރޮއިޓާސް

ރަސްކަމާ ދެ ފިޔަވަޅު ދުރުގައި ހުންނެވިޔަސް އޭރު ވެސް، ސައޫދީގެ ރަސްކަމުގެ ކޮއިލު ތެރޭގައި އެންމެ ނުފޫޒު ގަދަ ބޭފުޅަކީ މުހައްމަދެވެ. ވަލީ އަހުދުގެ މަގާމު ލިބިވަޑައިގަތުމާ އެކު ރަސްކަމުގެ ތަޚުތާ އެއް ފިޔަވަޅަށް ކައިރި އަށް ޖެހިލެވުމުން، ރަސްކަމުގެ ބާރުތަކާއި އާދަތަކަށް ހޭނި ފަރިތަވުމުގެ ފުރުސަތު ކުރިއަށް ވުރެ ބޮޑުވީ އެވެ.

ވަލީ އަހުދުގެ މަގާމަށް މުހައްމަދު އައްޔަން ކުރެއްވުމާ އެކު އޭނާ އަށް އެންމެ ފުރަތަމަ ބައިއަތު ހިއްޕެވި ބޭފުޅަކީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ބިން ނާޔިފެވެ. ބައިއަތު ހިއްޕަވަމުން، މުހައްމަދު ބިން ނާޔިފް ވިދާޅުވި އެވެ؛ މާތް ﷲ ތިބާ އަށް ވާގިވެރިވެވޮޑިގަންނަވާނެ އެވެ! އަޅުގަނޑަށް މިހާރު ހަމަޖެހުން ލިބިއްޖެ އެވެ. ﷲ ތިބާ އަށް ވާގިވެރިވެވޮޑިގަންނަވާނެ އެވެ!

ރައްދުގައި މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ؛ ތިބާގެ ނަސޭހަތްތަކާއި އިރުޝާދުތަކަށް އަޅުގަނޑުމެން އަބަދު ވެސް އެދިއެދި ތިބީމެވެ!

ވަލީ އަހުދުގެ މަގާމަށް އަމީރް މުހައްމަދު އައްޔަން ކުރެއްވީ، ބައިއަތު ކޮމިޓީގެ އިއްތިފާގުންނެވެ. ބައިއަތު ކޮމިޓީ އެކުލެވިގެންވަނީ އަބްދުލްއަޒީޒްގެ އުފަން ދަރިންނާއި ކާފަ ދަރިން ހިމެނޭ 35 މެމްބަރުންގެ މައްޗަށެވެ. މީގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 31 މެންބަރުން ވަނީ ވަލީ އަހުދުގެ މަގާމަށް އަމީރު މުހައްމަދު އައްޔަން ކުރެއްވުމަށް ސިއްރު ވޯޓުގައި އިއްތިފާގުވެވަޑައިގެންފަ އެވެ.

ވަލީ އަހުދުގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު ބިން ސަލްމާން (ވ) އަށް، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ބިން ނާޔިފް، ބައިއަތު ހިއްޕަވަނީ.

ވަލީ އަހުދުގެ މަގާމު މުހައްމަދަށް ދެއްވި އިރު، އޭނާ އަށް ވަޒީރުންގެ މަޖިލީހުގެ ރައީސްގެ ނާއިބުގެ މަގާމު ވެސް ދެއްވި އެވެ. އޭގެ އިތުރުން އޭނާއަކީ މިހާރު ވެސް ސައޫދީ އަރަބިއްޔާގެ ދިފާއީ ވަޒީރެވެ. އެހެންކަމުން ރަސްގެފާނުގެ ދަރިކަލަކަށް ވުމުގެ އިތުރުން، މިހާރު މުހައްމަދަކީ ރަސްގެފާނަށް ފަހުގައި، މަގާމުގެ ގޮތުންނާއި ނުފޫޒުގެ ގޮތުން ވެސް އެންމެ ބާރު ގަދަ އަމީރެވެ.

ސައޫދީ ވެރިކަމުގެ މަގާމުތަކަށް މިއައި ބަދަލަކީ އެ ގައުމުގެ ސިޔާސީ މައިދާނުން ވަރަށް އަވަހަށް ފެންނަން ފަށާނެ ބޮޑެތި ބަދަލުތަކެއްގެ ފެށުން ކަމަށް، މެދުއިރުމަތީގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. އަދި މިއީ މެދުއިރުމަތީގެ ސްޓްރެޓީޖިކް ސިޔާސަތުތައް ކަނޑައެޅުމުގައި ސައޫދީ އަރަބިއްޔާ އަދާ ކުރަމުން އައި ނުފޫޒު ބަދަލުވަމުން ދާނެ ކަމުގެ ހެއްކެކެވެ.

އަމީރް މުހައްމަދަކީ މިހާރު ވެސް އެ ގައުމުގެ ދިފާއީ ވަޒީރަށް ވުމުގެ ސަބަބުން، އަވައްޓެރި ގައުމުތަކުގެ ވެރިންނާ އެކު ވަރަށް ގާތް ގުޅުމެއް އޮތް ބޭފުޅެކެވެ. ހާއްސަ ކޮށް، ޔަމަނާއި ސީރިޔާގައި އަރަބި ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި އެންމެ ނުފޫޒު ގަދަ އެއް ބޭފުޅަކީ ވެސް އަމީރް މުހައްމަދެވެ.

އަމީރް މުހައްމަދު، ސައޫދީގެ ތަޚުތާ މިހާ ކައިރި އަށް ޖެހިލުމަކީ ސައޫދީގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލުތަކެއް އަންނަން އުޅޭ ކަމުގެ ނިޝާނެކެވެ. މިއިން އެނގެނީ ދުވަސްވީ މުސްކުޅި ބޭފުޅުންގެ އަތްމަތިން، ޒުވާން ޖީލުގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ދިއުމުގެ ވަގުތު ޖެހިއްޖެ ކަމެވެ. އަދި އެ ކަމަށް ސައޫދީގެ ސިޔާސީ މަސްރަހު މިހާރު ތައްޔާރުވެއްޖެ ކަމެވެ.

އެހެންކަމުން މެދުއިރުމަތީގެ، ވަކިން ޚާއްސަކޮށް ގަލްފު ސަރަހައްދުގެ ސިޔާސީ އޮއިވަރު ބަދަލުވުމުގައި އަމީރް މުހައްމަދު ނުފޫޒު ގަދަ ދައުރެއް އަދާ ކުރައްވާނެ އެވެ. ސައޫދީގެ ވަލީ އަހުދުގެ މަގާމާ މުހައްމަދު ހަވާލުވެ ވަޑައިގަތީ، މި ފަހަކަށް އައިސް ގަލްފުގެ ސަރަހައްދު ދުށް އެންމެ ނާޒުކް ދަނޑިވަޅުގަ އެވެ.

ސައޫދީ އަރަބިއްޔާ ވެސް ހިމެނޭ ގޮތުން، އަރަބި-އިސްލާމީ ގައުމުތަކަކުން، ސައޫދީގެ އަވައްޓެރި އެއް ގައުމު ކަމަށްވާ ގަތަރާ ގުޅުން ކަނޑައިލާފައިވާ ދުވަސްވަރެއްގައި، ވަލީ އަހުދުގެ މަގާމަށް ވަޑައިގެންނެވި އިރު، މި މައްސަލަ އެންމެ ގާތުން ބައްލަވާނީ އަމީރް މުހައްމަދެވެ.

ސައޫދީ އަރަބިއްޔާގެ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށް އަމީރް މުހައްމަދު ވަނީ އިސް ނަންގަވައިގެން މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ މިދިޔަ އަހަރު އިއުލާން ކުރި ސައޫދީ އަރަބިއްޔާގެ 2030ގެ ތަސައްވުރެވެ.

މުހައްމަދު ބިން ސަލްމާން، ސައޫދީ އަރަބިއްޔާގެ ތަރައްގީގެ މައި ސިޔާސަތެއްގެ ގޮތުން 2030ގެ ތަސައްވުރު އިއުލާން ކޮށްދެއްވަނީ.

މި ތަސައްވުރުގެ މައިގަނޑު އަމާޒަކީ، ގައުމުގެ އިގްތިސާދު ބައްޓަން ކުރުމުގައި ތެލުގެ އާމްދަނީ އަށް ބަރޯސާވުން ކުޑަ ކުރުމާ އެކު، އިގްތިސާދީ އެހެން ވަސީލަތްތަކަށް ބަރޯސާވުން އިތުރު ކުރުމެވެ. އޭގެ އިތުރުން ތައުލީމް، ސިއްހަތު، އުމްރާނީ ތަރައްގީ، މުނިފޫހިފިލުވުމާއި ޓޫރިޒަމް ފަދަ ދާއިރާތައް މިހާރަށް ވުރެ ތަރައްގީ ކުރުމެވެ. ހަމަ އެއާ އެކު އިގްތިސާދީ އަދި އިންވެސްޓްމެންޓް ހަރަކާތްތައް އިތުރު ކުރުމެވެ.

އުފެއްދުންތެރިކަމުގެ ދާއިރާ އިން އަސްކަރީ އުފެއްދުންތައް އިތުރު ކުރުމަކީ ވެސް 2030ގެ ތަސައްވުރުގެ މުހިންމު ބައެކެވެ. ތެލުގެ ވިޔަފާރި ނުހިމެނޭ އެހެން ސިނާއަތްތަކުގެ ވިޔަފާރި، އެހެން ގައުމުތަކާ އެކު އިތުރު ކުރުމަކީ ވެސް މި ތަސައްވުރުގެ މުހިންމު ބައެކެވެ.

މިފަދަ ބަދަލުތަކެއް ސައޫދީގެ ސިޔާސީ މަސްރަހުން ފެނުނު ކަމުގައި ވިޔަސް، ސައޫދީގެ މިއަދުގެ ޒުވާނުން އެދޭ ފަދަ ބަދަލުތަކެއް ސައޫދީގެ ސިޔާސީ މަސްރަހަށް އަތުވެދާނެ ހެއްޔެވެ؟ ޒުވާން ޖީލެއްގެ އަތްމައްޗަށް ވެރިކަން ފުރޮޅިއްޖެ ނަމަ ޒަމާނީ ޑިމޮކްރެސީގެ ބަދަލުތަކެއް ފެނިދާނެ ހެއްޔެވެ؟ މިފަދަ އެތައް ސުވާލެއް ސައޫދީ ރައްޔިތުންގެ ހިތްތަކުގައި މިހާރު ވެސް ވަނީ އުފެދިފަ އެވެ.