ހުންގާ ޓޮންގާ އާއި ހުންގާ ހާޕާއިއާ ދެމެދުން ކަނޑު އަޑީގައި ހުންނަ އަލިފާން ފަރުބަދަ، ޖެނުއަރީ 15، 2022 ގައި ގޮވަނީ
04 އޯގަސްޓް 2022 - 13:18
ޓޮންގާގެ ދެ ޖަޒީރާއެއް ކަމަށްވާ ހުންގާ ޓޮންގާ އާއި ހުންގާ ހާޕާއިއާ ދެމެދުން ކަނޑު އަޑީގައި ހުންނަ އަލިފާން ފަރުބަދަ، ދުވަސް ދުވަސްކޮޅުން ގޮވުމަކީ އާންމު އަދި އާދައިގެ ކަމެކެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ގޮވި ގޮވުމަކީ، އަލިފާން ފަރުބަދަތައް ގޮވުމުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ގޮވުމަކަށް މިހާރު ވެއްޖެ އެވެ.
އެދުވަހުގެ ގޮވުން ޚާއްސަ ވަނީ، އެ ގޮވުމުގެ ބާރު ގަދަކަމާއި ގޮވުން ދެމިގެން ދިޔަ މުއްދަތަށް ބެލުމުންނެވެ. އަދި އެ ގޮވުމުގެ ސަބަބުން ޖައްވުގެ ތެރެއަށް އަރައިގެން ދިޔަ އަޅި އާއި ފެނުގެ އާވީގެ މިންވަރު މަތިކަމުންނެވެ.
An amazing timelapse of the umbrella cloud generated by the underwater eruption of the Hunga Tonga-Hunga Ha’apai volcano on Jan. 15, 2022.
— Arizona Geosciences (@uazgeosciences) August 4, 2022
--
NASA Earth Observatory image by Joshua Stevens using GOES imagery courtesy of NOAA and NESDIS#geoscience #earth pic.twitter.com/95NjwPiylS
އެ ދުވަހުގެ ގޮވުން 11 ގަޑިއިރަށް ދެމިގެން ދިޔަ އެވެ. އެ ގޮވުމާއެކު ބާރުގަދަ ބިންހެލުމެއް އައިސް އުފެދުނު ވަރުގަދަ ސުނާމީގައި، ކައިރީގައި ހުރި ޓޮންގާގެ ބައެއް ޖަޒީރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި އެ ގޮވުމުގެ ސަބަބުން ޖައްވުގެ ތެރެއަށް ބޭރުވެގެން ދިޔަ އަޅިތައް މިބިމުގެ ވައިގެ ފަށަލައިގެ ވަރަށް މައްޗަށް އަރައިގެން ދިޔަ އެވެ.
އެ ދުވަހުގެ ހާދިސާ އަށް ފަހު ނާސާގެ ސެޓެލައިޓްތަކުން ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ތަހުލީލުކުރުމުން، މިއަހަރުގެ މިދުވަސްވަރު ދުނިޔޭގެ ގިނަ ސަރަހައްދުތަކުގެ މޫސުމަށް އައިސްފައިވާ އާދަޔާ ޚިލާފު ބަދަލުތަކާއި، އެ ގޮވުމާ ދެމެދު ގުޅުންތަކެއް ހުރި ކަމަށް ލަފާކުރެވެ އެވެ. ސައެންސްވެރިންނަށް ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، އެ ދުވަހު އަލިފާން ފަރުބަދަ ގޮވުމާއެކު، ގުނައި އަދަދު ނުކުރެވޭހާ ބައިވަރު ފެން، އާތްވަށް ބަދަލުވެ ޖައްވުގެ ތެރެއަށް އަރައިގެން ގޮސްފައިވާ ކަމެވެ.
ހުންގާ ޓޮންގާ އާއި ހުންގާ ހާޕާއިއާ ދެމެދުން ކަނޑު އަޑީގައި ހުންނަ އަލިފާން ފަރުބަދަ، ޖެނުއަރީ 15، 2022 ގައި ގޮވަނީ
އެ ދުވަހުގެ ގޮވުމާއެކު ޖައްވުގެ ތެރެއަށް އަރައިގެން ދިޔަ އާތްވަކީ، މިހާރު އެކި ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ހޫނުކަމުގެ މައިގަނޑު ސަބަބަށް ވެދާނެ ކަމަށް ސައެންސްވެރިން ދެކެ އެވެ. ދިރާސާތައް ދައްކާ ގޮތުން އެ ދުވަހުގެ ގޮވުމާއެކު ޖައްވަށް އަރައިގެން ދިޔަ ފެންތައް، ވައިގެ ފަށަލަތަކުގެ ތެރެއިން ސްޓްރާޓޮސްފިއާ އަށް އަރާފައިވެ އެވެ.
ސްޓްރާޓޮސްފިއާ އަކީ ބިމުގެ ސަތަހައިން ފެށިގެން އަށް މޭލާއި 33 މޭލާ ދެމެދުގައިވާ ފަށަލައެކެވެ. ނާސާގެ ސެޓެލައިޓް ފޮޓޯތައް ތަހުލީލުކުރުމުން ލިބުނު ނަތީޖާއަށް ބުރަވެ ސައެންސްވެރިން ލަފާކުރާ ގޮތުގައި، އެ ގޮވުމާއެކު އާވީގެ ގޮތުގައި ޖައްވުގެ ތެރެއަށް އަރައިގެން ދިޔަ ފެނުން، އޮލިމްޕިކް ސައިޒްގެ 58000 ސްވިމިންޕޫލް ފުރައިލެވޭނެ އެވެ.
ސައެންސްވެރިން މި ގޮތަށް ބުރަވަނީ، ނާސާއިން ޖައްވަށް ފޮނުވާފައިވާ އޯރާ ސެޓެލައިޓުން ނަގާފައިވާ ފޮޓޯތައް ތަހުލީލު ކުރުމަށް ފަހު އެވެ. އެ ސެޓެލައިޓަކީ، އޯޒޯން ފަށަލަ އާއި ޖައްވުގެ ތެރޭގައި ހުންނަ ފެނާއި އެހެނިހެން ގޭސްތައް ދިރާސާކުރުމަށް ޚާއްސަ އާލާތްތަކެއް ހަރުކޮށްފައިވާ ސެޓެލައިޓެކެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy