ވެނެޒުއޭލާގެ އެންމެ ނުރައްކާތެރި ގޭންގު، ތްރެން ދެ އަރާގުއާ އިން މީގެ އަހަރުތަކެއް ކުރިން ހިފައިގެން އެމީހުންގެ މައި މަރުކަޒުގެ ގޮތުގައި ހިންގަމުން އައި އެ ގައުމުގެ އެންމެ ބޮޑު ޖަލު، ސިފައިންގެ ބާރުގެ ދަށަށް އިއްޔެ ގެނެސްފި އެވެ.

ވެނެޒުއޭލާ ސަރުކާރުން ބުނި ގޮތުގައި އެމެރިކާ ބައްރުގެ އަށް ގައުމެއްގައި މެމްބަރުން ހިމެނޭ ތްރެން ދެ އަރާގުއާގެ ބާރުގެ ދަށުގައި އޮތް ތޮކޮރޯން ޖަލުގެ ކޮންޓްރޯލް ހޯދުމަށް، ވެނެޒުއޭލާގެ އަސްކަރީ ފުލުހުންގެ 11000 މީހުން ހަތިޔާރާ އެކު ހަރަކާތްތެރިވި އެވެ. އެ ގައުމުގެ އެންމެ ބޮޑެތި ކުށްވެރިން ހައްޔަރުކޮށްފައި ތިބި އެ ޖަލު، ގޭންގުގެ ބާރުގެ ދަށަށް ގެންދިއުމަށް ފަހު، އެ ތަން ބޭނުންކުރަމުން އައީ އެމީހުންގެ މުނިފޫހިފިލުވާ މަރުކަޒެއްގެ ގޮތުގަ އެވެ.

އެ ގޮތުން އެ ޖަލުގައި ޓޫރިސްޓު ހޮޓަލަކުން ލިބެން ހުންނަ ޚިދުމަތްތައް އެ ގޭންގުގެ ފަރާތުން ގާއިމުކޮށް، ސްވިމިން ޕޫލަކާއި ނައިޓް ކްލަބަކާއި ޑިސްކޯއަކާއި ޖުވާ ކުޅޭ ތަންތަނާއި ކުޑަ ވަރެއްގެ ޒުލެއް ވެސް ހަދާފައި ހުރެ އެވެ. ގޭންގުގެ ބާރުގެ ދަށުގައި އެ ޖަލު ބަލަހައްޓަމުން އައީ، އެ މީހުން އެ ތަން ހިފި އިރު، އެ ތަނުގައި ހައްޔަރުކޮށްފައި ތިބި ގައިދީން ވެސް އެ ބާރުގެ ދަށުގައި ގެންގުޅެމުންނެވެ.

ނަމަވެސް ގައިދީން ބޭރަށް ގޮސް އައިސްވުން ހުއްދަ ކޮށްފައި އޮތުމުގެ އިތުރުން، ގައިދީންނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާންމު ރައްޔިތުންގެ އަންހެނުންނާއި ފިރިހެނުން ވެސް އެ ޖަލުގައި ގައިދީންނާ އެކުގައި އުޅުން އޮންނަނީ ހުއްދަ ކޮށްފަ އެވެ. ގޭންގުގެ ބާރުގެ ދަށަށް އެ ޖަލު ގެންދިޔަ އިރު، އެ ތަނުގައި 6000 ގައިދީން ތިއްބެވެ.

ކުރިން އިއުލާންކުރުމަކާ ނުލައި އިއްޔެ ފަތިހުގެ ވަގުތުގައި ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ސިފައިން ޖަލު ވަށައިލުމާ އެކު، ޖަލުގައި ތިބި މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެހެންކަމުން އެ ޖަލުގައި ސިފައިންގެ ބާރުގެ ދަށަށް ގެނައުމަށް މާ ގިނަ ވަގުތެއް ހޭދަނުވާ ކަމަށް ވެނެޒުއޭލާ ސަރުކާރުން ބުނެ އެވެ.

ނަމަވެސް ޖަލު ހިފުމަށް މަސައްކަތް ކުރި ވަގުތު، ބައެއް ގައިދީން ސިފައިންގެ އަތުނުޖެހި ފިލައިގެން ގޮސްފައިވާ ކަމަށް ވެނެޒުއޭލާ ސަރުކާރުން ބުންޏެވެ. އެހެންކަމުން ޖަލު މިނިވަން ކުރުމުގެ ދެ ވަނަ ފިޔަވަހީގައި އޮންނާނީ، ފިލައިގެން ދިޔަ ގައިދީން ހޯދައި ހައްޔަރުކުރުން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ސަރުކާރުގެ ބާރުގެ ދަށަށް ޖަލު ގެނައިކަން އިއުލާންކުރައްވަމުން ދާޚިލީ ވަޒީރު ރެމީގިއޯ ސެބައްލޯސް ވިދާޅުވީ ތޮކޮރޯން ޖަލުގައި މިވަގުތު ތިބި ހުރިހާ ގައިދީން ވެސް، ވަގުތީ ގޮތުން އެހެން ޖަލުތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. ސިފައިން އެ ޖަލު ހިފުމަށް ފަހު، އެންމެ ފުރަތަމަ ޖަލުން ނެރުނީ ގައިދީންނާ އެކު ޖަލުގައި ދިރިއުޅެމުން ދިޔަ އެމީހުންގެ ތިމާގެ މީހުންނާއި ލޯބިވެރިންނެވެ.

އޭގެ ފަހުން އެ ޖަލުގައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކާއި ޓީވީ އާއި އައިސް އަލާމަރީ އާއި ދޮންނަ މެޝިނާއި އެއާ ކޮންޑިޝަނާއި މައިކްރޯވޭވް އަވަން ފަދަ އެތައް ސާމާނެއް ބޮޑެތި ލޮރީތަކުގައި، ސިފައިންގެ ބެލުމުގެ ދަށުން ނެރެގެން ގެންދިޔަ އެވެ.

މީގެ 10 އަހަރު ކުރިން ވެނެޒުއޭލާ އުފެދި މިހާރު އެންމެ ބާރު ގަދަ ގޭންގުގެ ގޮތުގައި މަޝްހޫރުވެފައިވާ ތްރެން ދެ އަރާގުއާއަކީ ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގަތުމުގެ ރިކޯޑް އޮންނަ 5000 އަށް ވުރެ ގިނަ މެންބަރުން ހިމެނޭ ގޭންގެކެވެ. އޭގެ ތެރޭގައި މީހުން ރަހީނުކުރުމާއި ވިޔަފާރިތައް ލޫޓުވުމާއި ޑްރަގް ޓްރެފިކް ކުރުމާއި ނާސި ވިޔަފާރި ހިންގުމާއި ރޭޕް ކުރުމާއި މީހުން މެރުން ހިމެނެ އެވެ.

ތްރެން ދެ އަރާގުއާގެ ބާރުގެ ދަށަށް ތޮކޮރޯން ޖަލު ގެންދިއުމަށް ފަހު އެ ޖަލުގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަނީ، އެ ގޭންގުގެ ލީޑަރު ހެކްޓާ ގުއެރޭރޯ ފްލޮރެސް އެވެ. އޭނާއަކީ މީހުން މެރުމާއި ޑްރަގް ޓެރްފިކް ކުރުމުގެ ކުށުގައި 17 އަހަރުގެ ޖަލު ހުކުމެއް އެ ޖަލުގައި ތަންފީޒުކުރަމުން ދާ މީހެކެވެ.