ގުއަޓަމާލާގެ ރައީސް އަށް ހަދިޔާއަކަށް ހެލިކޮޕްޓަރެއް ދިން ދެ ވަޒީރުން ހައްޔަރުކޮށްފި

ގުއަޓަމާލާ ސިޓީ (ޖޫން 12) - ގުއަޓަމާލާގެ ކުރީގެ ރައީސް އޮޓޯ ޕެރޭޒް މޮލީނާ އަށް ހަދިޔާ އަކަށް ހެލިކޮޕްޓަރެއް ދިން ކުރީގެ ދެ ވަޒީރަކު ހައްޔަރުކޮށްފި އެވެ.


ގުއަޓަމާލާގެ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރާ އދ.ގެ އެއްބާރުލާމާ އެކު އުފައްދާފައިވާ ކޮމިޝަނުން ހިންގާ ތަހްގީގުގައި ދެ ވަޒީރުން ހައްޔަރުކުރީ ކުރީގެ ރައީސް އަށް ހަދިޔާއަކަށް ދިން ހެލިކޮޕްޓަރު ގަނެފައި ވަނީ ސަރުކާރުގެ ފައިސާ އިން ކަމަށް ތުހުމަތު ކުރެވޭތީ އެވެ. ކުރީގެ ރައީސް ޕެރޭޒް މޮލީނާ ވަނީ ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފެށުމުން ސެޕްޓެމްބަރު މަހު އިސްތިއުފާ ދެއްވައިފަ އެވެ. ޕެރޭޒުގެ މައްޗަށް ވަނީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތުހުމަތު ކޮށްފަ އެވެ. ޕެރޭޒް ވަނީ ހުރިހާ ތުހުމަތުތަކާ ދެކޮޅު ހައްދަވައިފަ އެވެ.

ގުއަޓަމާލާގެ ކުރީގެ ރައީސް ޕެރޭޒް (ކ) އާއި ނައިބް ރައީސް ކޯޓުގައި. --ފޮޓޯ:ބީބީސީ

ހައްޔަރުކުރި ދެ ވަޒީރުންނަކީ ޕެރޭޒުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ލޮޕޭޒް އަމްބްރޮސިއޯ އާއި ދާޚިލީ ވަޒީރު ލޮޕޭޒް ބޮނިލާ އެވެ.

ރައީސް ޕެރޭޒް ސެޕްޓެމްބަރު 2 ވަނަ ދުވަހު އިސްތިއުފާ ދެއްވީ ގުއަޓަމާ ސަރުކާރުގެ ޚިޔާނާތް ބޮޑުވުމުން ރައްޔިތުން މުޒާހަރާ ކުރާތާ ހަތަރު މަސް ފަހުންނެވެ. އޭނާ އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. ގުއަޓަމާލާގެ ވެރިކަމަށް ދެން ވަޑައިގެންނެވީ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައި ނުވާ ޓީވީ ކޮމީޑިއަނެކެވެ. އެކަމަކު އޭނާ ވަނީ ގުއަޓަމާލާ އިން ކޮރަޕްޝަން ނައްތާލުމަށް ވައުދުވެވަޑައިގެންފަ އެވެ.